އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.
އެމެރިކާއަށް ރައީސް އިބްރާހީމު 2021 ވަނަ އަހަރު ކުރެއްވި ދަތުރުފުޅަށް ހިނގި ޚަރަދާއި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއި އެ ދަތުރުގެ ޚަރަދުތަކުގެ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަތުރުގެ ރަސީދުތައް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން އެދުމުން ރަސީދުތައް ހާމަކުރުމަށް ސަރުކާރުން އިންކާރުކުރިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އެ މައުލޫމާތު ހާމަކޮށްފިނަމަ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވުމަކީވެސް މައުލޫމާތު ހާމަކުރުމުން ކުރިމަތިވުމުގެ އިހުތިމާލު އޮތްކަމެއްކަމަށް ރައީސް އޮފީހުން ފާހަގަކުރިއެވެ.
ރައީސް އޮފީހުގެ އެ ޖަވާބު "ދިޔަރެސް"އިން އިލްތިމާސްކުރުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތުކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރާއިރު އުނިކުރަންޖެހޭ ކަމެއް ހުރިނަމަ އެކަމެއް އުނިކުރުމަށްފަހު އެ މައުލޫމާތެއް ހާމަކުރުމަށް އައިކޮމްއިން އެންގިއެވެ.
އައިކޮމްގެ އެ ނިންމުން ރައީސް އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު އެ ކޯޓުންވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލާގައި ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ކިޔަންވާނީ މުޅި ޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤުޞަދުތަކުގެ ފުޅާ އިމުގެ ތެރޭގައިކަމަށެވެ. އަދި އެ ޤާނޫނުގެ މަޤުޞަދަކީ ރައްޔިތުންނަށް ވީހާވެސް އާންމުކަން ބޮޑު ގޮތެއްގައި ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ލިބިދިނުންކަމަށް ހައިކޯޓުން ފާހަގަކުރިއެވެ.
ޒާތީ މައުލޫމާތު ހާމަވާނެތީ ރަސީދު ދެވެން ނެތްކަމަށް ބުނެފައިވާ ނުކުތާއާ ގުޅިގެން ހައިކޯޓުން ފާހަގަކުރީ އެފަދައިން ޒާތީ މައުލޫމާތެއް އެކުލެވޭތީ މައުލޫމާތު އެކީ ހިފަހައްޓާނަމަ ވަރަށް ބޮޑަށް މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ ޙައްޤަށް ހުރަސްއެޅި ހަނިވާނެ ކަމެވެ. އަދި އެފަދަ ޒާތީ މައުލޫމާތެއް އުނިކުރުމަށްފަހު ރަސީދު ދޫކުރުމަށް އޮތް ޤާނޫނީ ހުރަހެއް ދައުލަތަށް ބުނެދެވިފައި ނެތް ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އަދި ޒާތީ މައުލޫމާތެއް ހިމެނޭ ލިޔުމެއް އެކީގައި ހިފަހެއްޓޭ ގޮތަށް ޤާނޫނު މާނަކުރުމަކީ ރަނގަޅު ގޮތެއްކަމުގައި ނުފެންނަކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އަދި ޤާނޫނުގެ ދަށުން ދޫނުކޮށް ހިފަހެއްޓޭނެ މައުލޫމާތުކަމަށް ބުނެފައިވާ މައުލޫމާތެއް ލިޔުމެއްގައި ހިމެނޭނަމަ އެ މައުލޫމާތެއް އުނިކުރުމަށްފަހު އެ ލިޔުމެއް ދޫކުރަންވާނެކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އިތުރަށް ފާހަގަކުރީ އިންފޮމޭޝަން ކޮމިޝަނަރުވެސް ނިންމަވާފައިވަނީ އެ ރަސީދުގައި ޒާތީ މައުލޫމާތެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވާ މައުލޫމާތެއް ހިމެނޭނަމަ އެ މައުލޫމާތެއް އުނިކުރުމަށްފަހު ރަސީދުތައް ހާމަކުރަންޖެހޭނެކަމަށް ކަމުގައިވާތީ، އެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ސަރުކާރުން ނުދީ ސިއްރުކުރަން އުޅޭ ރަސީދުތައް ހާމަކުރަންޖެހޭނެކަމަށް ހައިކޯޓުން ނިންމީ އެ މައްސަލަ ބެއްލެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި ފަނޑިޔާރު ޙަސަން ޝަފީޢާއި ފަނޑިޔާރު މުޙައްމަދު ސަލީމުގެ އިއްތިފާޤުންނެވެ.