ގދ. ތިނަދޫގައި އޮތް ތެޔޮ ބޯޓަކުން, ތެޔޮ ޓޭންކަށް އަޅަމުން ދަނިކޮށް ހިނގ ހާދިސާއެއްގައި ފިހުނު މީހަކު ފަރުވާ ދޭން ފަށައިފިއެވެ.
ތެޔޮ އަޅަން ބޭނުން ކުރަމުންދިޔަ ހޮޅީގައި އަލިފާން ރޯވެ ހިނގި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ފިހިފައި ވަނީ ބޯޓުގައި މަސައްކަތްކުރި ބިދޭސީއެކެވެ. އެ މީހާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންދާއިރު، އެމީހާގެ ގައިގެ އެކި ތަންތަން ވަނީ ފިހިފައެވެ.
އަލިފާން ރޯވީ ޓޭންކަށް ތެޔޮ އެޅުމަށް ބޭނުންކުރި ހޮޅީގައެވެ. އެއާއެކު އަލިފާން ފެތުރެމުންގޮސް ތެޔޮ ބޯޓުގައިވެސް އަލިފާން ހިފުމުން އިތުރަށް އަލިފާން ފެތުރުނަ ނުދިނުމަށްޓަކައި ބޯޓުން ޕަމްޕު ވަކިކޮށް ބޯޓު ޖެޓީއާއި ދުރު ކުރިއެވެ.
އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ ރެސްކިޔު ޓީމަށް، އެވަގުތު އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.