ރޮއިޓާސް - އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އީރާނާ ދެކޮޅަށް "ފިޔަވަޅު އެޅުމުގެ" ފުރުސަތު އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިޔާ ފާޅުކުރެއްވިތާ ދެ ދުވަސް ފަހުން އީރާނުން ބުރާސްފަތި ދުވަހު ވަނީ 2،000 ކިލޯމީޓަރުގެ ރާސްތާއެއްގެ ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފަ އެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު އެއް މިސައިލް ޕްރޮގްރާމް ހިންގާ އީރާނުން ބުނީ އެ ގައުމުގެ ހަތިޔާރަކީ އެ ސަރަހައްދުގައި ތިބި ހަރުކަށި ދުޝްމަނުން ކަމަށްވާ އިސްރާއީލާއި އެމެރިކާގެ މަރުކަޒުތަކަށް ވާސިލްވުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރުތަކެއް ކަމަށެވެ.
އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް އީރާނުން ވަނީ އެ ގައުމުގެ "ޑިފެންސިވް" މިސައިލް ޕްރޮގްރާމް އިތުރަށް ތަރައްގީ ކުރާނެ ކަމަށް ބުނެފަ އެވެ.
"އީރާނުގެ ދުޝްމަނުންނަށް ދޭ މެސެޖަކީ އެ ގައުމާއި އެ ގައުމުން ހޯދި ކާމިޔާބީތައް ދިފާއު ކުރާނަން. އަޅުގަނޑުމެންގެ ރަހުމަތްތެރިންނަށް ދޭ މެސެޖަކީ ސަރަހައްދީ ހަމަޖެހުމަށް އެހީވާން ބޭނުންވާކަން،" އީރާނުގެ ޑިފެންސް މިނިސްޓަރު މުހައްމަދުރޭޒާ އަޝްޓިއާނީ ވިދާޅުވި އެވެ.
އިރާނުން ތަރައްޤީކުރާ މިފަދަ ހަތިޔާރުގެ ސަބަބުން ހުޅަނގުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން --- ރޮއިޓާސް
2000 ކިލޯމީޓަރު (1243 މޭލު) ގެ ރޭންޖަކާއި 1500 ކިލޯގްރާމް (3،300 ޕައުންޑް) ގެ ވޯހެޑެއް އުފުލުމުގެ ގާބިލުކަން ލިބިފައިވާ އީރާނުގެ ޚުރަމްޝަހަރު 4 ބެލިސްޓިކް މިސައިލްގެ އަޕްގްރޭޑް ވާޝަނެއް ލޯންޗްކުރި ކަމަށް ބުނާ މަންޒަރުތަކުގެ މަދު ސިކުންތުކޮޅެއްގެ ފުޓޭޖެއް ދައުލަތުގެ ޓީވީން ވަނީ ބްރޯޑްކާސްޓްކޮށްފަ އެވެ.
ދައުލަތުގެ ނިއުސް އެޖެންސީ އިރްނާއިން ބުނީ ލިކުއިޑް ފިއުލް މިސައިލަށް "ކެއިބަރު" ގެ ނަމުން ނަން ދީފައިވާ ކަމަށާއި އެއީ އިސްލާމް ދީނުގެ ކުރީކޮޅު މުސްލިމް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔަ ޔަހޫދީ ގަނޑުވަރެއްގެ ވާހަކަ ކަމަށެވެ.
"ޑޮމެސްޓިކް ކޮށް ބިލްޑް ކެއިބާ މިސައިލްގެ ފާހަގަކޮށްލެވޭ ސިފަތަކުގެ ތެރޭގައި އަވަސް ތައްޔާރީތަކާއި ލޯންޗް ޓައިމް ހިމެނޭ ކަމަށާއި އޭގެ ސަބަބުން ސްޓްރެޓެޖިކް ހަތިޔާރެއްގެ އިތުރުން ޓެކްޓިކަލް ހަތިޔާރަކަށް ވެސް ވެގެންދެ އެވެ،" އެ ބަޔާނުގައި ވެ އެވެ.
އީރާނުން ބުނީ އެގައުމުގެ ބެލިސްޓިކް މިސައިލްތަކަކީ އެމެރިކާ އާއި އިޒްރޭލާއި ސަރަހައްދީ ވާދަވެރިންނާ ދެކޮޅަށް ވަރުގަދަ އަދި ބަދަލު ހިފުމުގެ މުހިންމު ބާރެއް ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ މިފަދަ ކަންކަމުގައި އަސްކަރިއްޔާއިން އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ކުރިއެރުންތައް ހަލުވިވަމުން އަންނާތީ ހުޅަނގުގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރުމަށް ދުނިޔޭގެ ހަ ބާރުން ކުރަމުންދާ މަސައްކަތްތައް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ހުއްޓިފައި ވަނިކޮށް، އިޒްރޭލުގެ އިސް ޖެނެރަލް ވަނީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅިދާނެ ކަމަށް ވިދާޅުވެފަ އެވެ.
2018 ވަނަ އަހަރު ވޮޝިންޓަނުން ފާސްކުރި މި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ ހަރަކާތްތަކަށް ހުރަސް އެޅިއިރު، އީރާނުން އެކަން އިޚްތިޔާރުކޮށްފިނަމަ، ނިއުކްލިއާ ބޮމަކަށް ބޭނުންވާ ވަރަށް ފިސިލް މެޓީރިއަލް އުފައްދަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްފައެވެ.