Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިއުވާން މުހައްމަދު

ބަދަލުގެ ގޮތުގައި 100 މިލިއަން ދިންކަމަށް ހިސާބުތަކުން ދެއްކިޔަސް މިއުވާން ވިދާޅުވާ ނުދޭކަމަށް

ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެކުލަވާލި އުސޫލުގެ ދަށުން މިހާތަނަށް ސަރުކާރުން އެއްވެސް އަމިއްލަ ކުންފުންޏަކަށް ބަދަލު ދީފައި ނުވާ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިތުރުފުޅު ހައްދަވައިފި އެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް އުސޫލެއް މިދިޔަ އަހަރު އެކުލަވާލައި، އެ އުސޫލުގެ ދަށުން އުފެއްދި ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ބަދަލު ދިނުމުގެ އުސޫލުގެ ޓްރާންސްޕޭރެންސީއާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އެ އުސޫލުގެ ދަށުން މިހާތަނަށް 34 ފަރާތަކުން ކޮމިޓީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ބެލޭނެ މައްސަލަތަކެއް ނޫންކަމަށް ކޮމިޓީން ބުނާ ކަމަށާއި، އެ މައްސަލަތަކުގެ ތެރޭގައި ކުރިން ހައްލު ލިބިފައި ހުރި މައްސަލަތަކާ ދޭތެރޭ ހިތްހަމަ ނުޖެހިގެން އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަވެސް ހިމެނޭ ކަމަށް ވިދާލުވި އެވެ.
އެކަމަކު އެ އުސޫލުގެ ދަށުން މިހާތަނަށް އެއްވެސް ފަރާތަކަށް ބަދަލު ދީފައި ނުވާ ކަމަށް މިއުވާން ވިދާޅުވި އެވެ.
"މި އުސޫލުގެ ދަށުން މައްސަލަ ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ. މި އުސޫލުގެ ދަށުން އެއްވެސް މައްސަލައެއްގައި ބަދަލެއް އަދި އެއްވެސް ފައިސާއެއް މިހާތަނަށް ދީފައެއް ނުވާނެ. މި އުސޫލުގެ ދަށުންނެއް،" މިއުވާން ވިދާޅުވި އެވެ.
"އުސޫލުގެ މަގްސަދަކީ ފައިސާ ދިނުމެއް ނޫން. ފައިސާ ދިނުމުގެ ބަދަލުގައި މި ގާނޫނު ހުއްދަކުރާ މިންވަރަކަށް ސަރުކާރުން ދެވެން އޮތް އެހެނިހެން ލުއިތަކާ އިނާޔަތްތައް ދިނުމުގައި އިސްކަން ދެއްވާނެ ކަމަށް އުސޫލުގައިވެސް އޮންނާނެ ބަޔާންކޮށްފަ."
އޭނާ ވިދާޅުވި ގޮތުގައި ބަދަލު ދިނުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ހުރިހާ މައްސަލައަކާ މެދު އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ގޮތެއް ނިންމާނެ އެވެ. އަދި އެ މައްސަލަތަށް ނިންމި ގޮތުގެ ރިޕޯޓު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރާނެ ކަމަށާއި، އެ ރިޕޯޓުގައި ބަދަލު ދިން ގޮތުގެ ތަފްސީލު އޮންނާނެ ކަމަށް ވިދާޅުވެ އިތުރު ތަފްސީލެއް މިއުވާން ނުދެއްވި އެވެ.
މިހާތަނަށް އެ އުސޫލުގެ ދަށުން އެއްވެސް ބަދަލެއް ދީފައި ނުވާކަމަށް މިއުވާން ވިދާޅުވި ނަމަވެސް މި އަހަރު ފެށިގެން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 101.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން އެނގެ އެވެ.

ކޯޓުން ބޭރުން ބަދަލު ދިނުމަށް އުސޫލެއް އެކުލަވާލާފައިވާއިރު، ފާއިތުވީ ހަތަރު މަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދިން 101 މިލިއަނަކީ ކޯޓުން ބޭރުން ދިން ބަދަލު ކަން ފާހަގަކޮށްލެވެ އެވެ. އެހެންކަމުން މިހާތަނަށް އެ އުސޫލުގެ ދަށުން ކުންފުނިތަކަށް ފައިސާގެ އެއްވެސް ބަދަލެއް ނުދޭކަމަށް މިއުވާން ވިދާޅުވި ނަމަވެސް ފައިސާގެ ބަދަލު ދިންކަން ފިނޭންސް މިނިސްޓްރީން އެނގެ އެވެ.

އެގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ސަރުކާރުން ބަދަލު ދިން ކުންފުނިތަކުގެ ތަފްސީލު ހޯދަން ނޫހަކުން އެދުމުން ފިނޭންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާފަ އެވެ. އެ މިނިސްޓްރީން ބުނީ އެ މައުލޫމާތު ހާމަ ނުކުރެވެނީ އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރެވޭނެތީ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ވެސް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.5 ބިލިއަން ރުފިޔާ ދީފައިވެ އެވެ.

މި ލިއުމާއި ގުޅޭ