Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ފުއްގިރި މައްސަލައިގައި ތަހުގީގު ފައިލްތައް ދައްކަން ކޯޓުން އަމުރުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް ފުލުހުން ތައްޔާރުކުރާ ތަހުގީގު ފައިލްތައް އެ މައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކަށް ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ދައުލަތުން ދެން ދައުވާ ކުރަނީ މއ. ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި ރައީސް ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި އެ ކޯޓުން މިއަދު ނެރުނު ހުކުމުގައި ބުނީ ދިފާއުން މައްސަލައިގެ ތަހުގީގުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ދިނުމަށް އެދިއްޖެނަމަ ދައުލަތުން އެ މައުލޫމާތުތައް ދޫކޮށްދޭން ޖެހޭނެ ކަމަށެވެ.

ދިފާއުން އެދުނީ ފުލުހުންގެ މުއައްސަސާ އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަންގައި ހުރި ފައިލްތައް ދިނުމަށެވެ.

އެކަމަށް ދައުލަތުން އިންކާރުކުރި ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ އެ ފައިލްތައް ދޫކުރަންޖެހޭނެ ކަމަށެވެ. އަދި ތަހުގީގު ފައިލްތައް ހޯދައި ކޯޓަށާއި ދިފާއަށް ހިއްސާކުރުމަށް ފަސް ދުވަހުގެ މުހުލަތެއް ގާޒީ އެރުވި އެވެ.
މިއަދު ހެކިބަސް ނެގުމަށް ތާވަލުކޮށް، ބައެއް ހެކިންނަށް ނޯޓިސްދީ ކޯޓަށް ހާޒިރުކޮށްފައިވީ ނަމަވެސް ހެކިތަކާ ގުޅޭ ގޮތުން އިއުތިރާޒުގެ ހުށަހެޅުންތައް ވެސް ހުރުމުންނާއި މައްސަލައިގެ ތަހުގީގު ފައިލްތައް ދޭން ދިފާއުން އެދިފައިވާތީ ހެކިބަސް ކުރިއަށް ގެންދާނީ އެ މަރުހަލާތަކަށް ފަހު ކަމަށް ގާޒީ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ