Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އީވާ ޢަބްދުﷲ

ޕީއެމްސްއެމްއިން މަޖިލިސް ދެއްކުން ހުއްޓައިލުމަކީ 90ގެ އަހަރުތަކަށް ރުޖޫއަވުން: އީވާ

ދައުލަތުގެ މީޑިއާއިން ރައްޔިތުންގެ މަޖިލިސް ވަގުތުން ދުރަށް ދެއްކުން ހުއްޓައިލުމަކީ 90 ގެ އަހަރުތަކަށް އަނބުރާ އިއާދަވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ރައްޔިތުންގެ މަޖިލިސް ލައިވްކޮށް ދައްކަމުން އައީ ޕީއެސްއެމް ނިއުސްއިންނެވެ. އިއްޔެއިން ފެށިގެން ޕީއެސްއެމް ނިއުސްއިންވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދުރަށް ދެއްކުން ހުއްޓާލާފައެވެ.

ޕީއެސްއެމްއިން ބުނާ ގޮތުގައި މަޖިލިސް ދެއްކުން ހުއްޓައިލީ މަޖިލީހުގައި ކުރެވޭ ބަހުސްތަކުގައި ބޭނުންކުރާ ބަސްމަގުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ދުރަށް ދެއްކުމަކީ ރަނގަޅު ގޮތްކަމަށް ޤަބޫލުނުކުރެވޭތީއެވެ.

ނަމަވެސް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ޕީއެސްއެމްގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ދުރަށްދެއްކުން މެދުކަނޑައިލި މައިގަނޑު ސަބަބަކީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މާގިނައިން ޓީވީން ފެނުމާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ސަރުކާރަށް ފާޑުވިދާޅުވާ މިންވަރު އިތުރުވުމެވެ.

އާންމުކޮށް މަޖިލިސް ލައިވްކުރާ ވަގުތު އިއްޔެ ޕީއެސްއެމްއިން ދައްކާފައިވަނީ ކުރިން އެ ޗެނަލުން ދައްކާފައިވާ ބައެއް ޕްރޮގުރާމުތަކުގެ ރެކޯޑިންއެވެ.

މި މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އީވާ ވިދާޅުވީ ޕީއެސްއެމް ހިންގަނީ ޓެކްސްޕޭޔަރުންގެ ފައިސާއިން ކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުން ދައްކަވާ ވާހަކަފުޅާ ވޯޓުދެއްވާ ގޮތް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ޕީއެސްއެމްގެ ޒިންމާއެއް ކަމުގައިވެސް އީވާ ވިދާޅުވިއެވެ.

"[އަޑުއިވޭ ފެންނަ އެއްޗެއް ކަމުނުދާނަމަ] ޓީވީ ނިއްވައިލުމުގެ އިޚުތިޔާރު އަނބުރާ ރައްޔިތުންނަށް ދީ،" އީވާ ގޮވައިލެއްވިއެވެ.

އަދި ދައުލަތުގެ މީޑިއާއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދުރަށް ދެއްކުން ހުއްޓައިލުމަކީ ޑިމޮކްރެޓިކް ހަރަކާތުގެ އަސާސީ އެއް ކާމިޔާބު އަނބުރާލައި ފަހަތަށް ސޮއްސައިލުންކަމަށާއި، މިއީ ސެންސާޝިޕް ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސެންސަރުކުރުންކަމަށް އީވާ ސިފަކުރެއްވިއެވެ. އަދި އެއާ އަނބުރާ 90ގެ އަހަރުތަކަށް ރުޖޫއަވުންކަމަށް އޭނާ ސިފަކުރެއްވިއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަޖިލީހުގެ ކަންކަން ގެނެސްދިނުމަށް ދައުލަތުގެ މީޑިއާއިން މަޖިލިސް ޓީވީގެ ނަމުގައި ޚާއްޞަ ޗެނަލެއް ޤާއިމުކުރި ނަމަވެސް މި ސަރުކާރުންވަނީ އެ ޗެނަލް އުވާލައިފައެވެ. އެއަށްފަހު ޕީއެސްއެމްގެ ޚަބަރު ޗެނަލުން މަޖިލިސް ލައިވްކުރާ ގޮތަށް ހަމަޖެއްސިއެވެ. ނަމަވެސް އިއްޔެއިން ފެށިގެން މަޖިލިސް ދުރަށް ދެއްކުން ހުއްޓައިލިއެވެ.

މި ލިއުމާއި ގުޅޭ