މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައި މަޖިލީހުން ބޭރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތުހުމަތު ކޮށްފިނަމަ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިއަދު ސަރުކާރުން ދީފި އެވެ.
މެއި 6، 2021 ގައި ރައީސް ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނު އޭރު ދިރިއުޅެމުން ގެންދެވި އާއިލީ ގެކޮޅު ގ.ކެނެރީގެ ހުންނަ ގޯޅިގަނޑުގައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެންނެވެ. އެ ހަމަލާގައި ސަރުކާރުގެ އިހުމާލު އޮތްކަމަށް ނަޝީދުގެ ސަޕޯޓަރުން މީގެ ކުރިންވެސް ތުހުމަތުކުރެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މެއި ހައެއް ހަމަލާއަކީ ސީދާ ރައީސް ސޯލިހަށް އެނގިވަޑައިގެން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފައިވެ އެވެ.
ބޮން ގޮއްވާލީ ސަރުކާރުން ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ ރައީސް ކަމަށް "ފިކުރެއްގެ ދިރުމުން" އަލަށް އުފައްދާ އިދިކޮޅު ޕާޓީ "ދަ ޑިމޮކްރެޓްސްގެ" އިސް މެންބަރެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް ތުހުމަތުކުރެއްވި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރައީސަށް ކުރާ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެންބަރުންނަށް ތަޅުމުގައި ދައްކާ ވާހަކަތަކަށް ލިބިދޭ އިމްތިޔާޒުގެ ހިމާޔަތުގައި، އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ދައްކަވާފައިވާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް މެއި 6 އާ ގުޅުވައި، ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އަށް ކުރިއާލައި އެނގޭ ކަމަށާއި އެކަން ކުރީ ސަރުކާރުން ބޭނުންވެގެން ކަމަށް ދޭހަވާ ގޮތަކަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށްވެސް އޭގައި ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން، ކަނޑައެޅިގެން ބޮޑު ދޮގެއް،" މިއުވާން ވިދާޅުވި އެވެ.
މިއުވާން ސިފަކުރެއްވި ގޮތުގައި މެއި ހައެއްގެ ހާދިސާ ރައީސް އިބްރާހީމާ ގުޅުވައި ވާހަކަ ދައްކަނީ، އެފަރާތްތަކަށް "ގެއްލިފައިވާ ސިޔާސީ ތާއީދު އަލުން އަނބުރާ ހޯދުމުގެ" ގޮތުންނެވެ. އަދި އެ ތުހުމަތުތަކުގައި ހަގީގަތެއް ވާނަމަ، އެވާހަކަތަށް މަޖިލީހުން ބޭރުގައި ނުދައްކަވަނީ ކީއްވެތޯ ސުވާލު އުފެއްދެވި އެވެ.
"ކުރީގައިވެސް އެހެން ޕްލެޓްފޯމުތަކުގައި ވެސް އެބޭފުޅުންނަށް އެވާހަކަ ދެއްކޭނެ ނޫންތޯ. އެހެންނަނަމަވެސް މީގެ ކުރީގައިވެސް ހަމައެކަނި މަޖިލީހުގެ ޕްލެޓްފޯމުގައި އެ ލިބިދޭ އިމްތިޔާޒުގެ ހިމާތަކުގައި ތިއްބަވައިގެން އެކަނި އެބޭފުޅުން އެވާހަކަ ދައްކަވަނީ،" މިއުވާން ވިދާޅުވި އެވެ.
"..މަޖިލީހުން ބޭރުގައި އެފަދަ، އިމްތިޔާޒު ލިބިވަޑައިގަންނަވާ ތަނަކުން ބޭރުގައި އެފަދަ ނުރައްކާތެރި އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ބައިބައިވުން އުފެދޭނެ ދޮގު ވާހަކަތަކެއް އެބޭފުޅުން ދައްކަވައިފި ކަމަށް ވާނަމަ، ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަ އަޅުގަނޑުމެން ބަލާނަން."
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ކުރިންބައިން ލިބިގެން، އެކަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ހިއްސާ ކުރި ކަމަށް ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އެ މައުލޫމާތު ފުލުހުންނަށް އަންގަން މާރިޔާ ވިދާޅު ނުވާކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ނުހުއްޓުވީ ސަރުކާރަށް އެނގިތިބެ ކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ވާހަކަދައްކަވާފައި ވާއިރު، އެ މެންބަރުން ވަނީ ރައީސް އިބްރާހީމަކީ ގައުމަށް އޮތް ނުރައްކަލެއް ކަމަށްވެސް އިއްޔެ ވިދާޅުވެފަ އެވެ.