މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކޮރެއަން ޓޫރިޒަމް އޯގަނައިޒޭޝަން (ކޭޓީއޯ) އާ ގުޅިގެން ރާއްޖެއާ ކޮރެއާ އާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް ހަރަކާތެއް ފަށައިފިއެވެ.
އެގޮތުން އެ ދެ ޖަމުއިއްޔާ ގުޅިގެން މާގިރި ހޮޓެލްގައި ރޭ ވަނީ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
އެ ގަރަކާތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އުފެދި މަޓާޓޯގެ މެމްބަރުންނާއި ސްޓޭކްހޯލްޑަރުންނާއި މީޑިއާތަކަށް ކޭޓީއޯ ތއާއަފްވެ ދެ ދެ ގައުމަށްވެސް އާ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވެއެވެ.
ރާއްޖެއާއި ކޮރެއާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާއިރު ކޮރެއާގެ ފަތުރުވެރިންނަށް ރާއްޖެވެފައިވަނީ މަގުބޫލު މަންޒިލަކަށެވެ. އަދި ކޮރެއާގެ ސަގާފަތާއި ކެއުންތަކާއި މިއުޒިކާއި އެ ގައުމުގެ ޑްރާމާތަކަށް ދިވެހިންގެ މެދުގައި އަންނަނީ ދުވަހަކަށްވުރެ ދުވަހެއް މަގުބޫލުވަމުންނެވެ.
ރޭ ބޭއްވި ހަރަކާތުގައި ކޭޓީއޯގެ ފަރާތުން ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވާއިރު ރީޖަނަލް ޑައިރެކްޓަރު މިޔޮންގް ކިލް ޔޫން ވާހަކަ ދައްކަވާފައިވެއެވެ. އޭނާ ވަނީ ކޮރެއާގައި ދިވެހި ދަތުރުވެރިންގެ އިންތިޒާރުގައި ހުރި ތަފާތު ތަޖުރިބާތަކާއި ހިތްގައިމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެއިތުރުން އެ ހަރަކާތުގައި މަޓާޓޯގެ ރައީސް އަބްދުالله ގިޔާސް ވިދާޅުވީ މަޓާޓޯ އާއި ކޭޓީއޯ ގުޅިގެން ގުޅުން ބަދަހިކޮށް ދެ ގައުމަށް ފައިދާހުރި ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ.
އަދި އެ ހަރަކާތުގެ ސަބަބުން އިތުރު ދިވެހިންނަށް ކޮރެއާ ބަލާލުމަށާއި ކޮރެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ހިތްގައިމު ރީތިކަން ދެނެގަތުމުގެ މަގު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.