Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޙަސަން ލަޠީފު

އުންމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބޭ، އަންނަ ހަފުތާ ޕާޓީ ރަޖިސްޓަރީކުރަން ހުށަހެޅޭނެ: ހަސަން

ފިކުރެއްގެ ދިރުން ހަރަކާތުން ޕާޓީއެއް ރަޖިސްޓަރީކުރަން ހުޅުވައިލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި، އަންނަ ހަފުތާ ތެރޭގައި ޕާޓީ ރަޖިސްޓަރީކުރަން ބޭނުންވާ ފޯމުތައް ހުށަހެޅޭނެ ކަމުގައި ބެލެވޭކަމަށް "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ ނެންގެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އިއްޔެ ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމާއެކު ޕާޓީއަށް ފޯމު ފުރުމުގެ މަސައްކަތް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންވަނީ ފައްޓަވާފައެވެ. ހަސަން ވިދާޅުވި ގޮތުގައި މިހާތަނަށް ފުރުނު ފޯމުގެ ސީދާ އަދަދު ވިދާޅުވާން އެނގިވަޑައިނުގެންނެވި ނަމަވެސް އުންމީދުކުރި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. މިވަގުތުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ފޯމު ފުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޙަސަން ވިދާޅުވީ އަލަށް ޕާޓީއެއް އުފެއްދުމަށް ހުށަހަޅާއިރު، ޕާޓީ ރަޖިސްޓަރީކުރަން ފުރަތަމަ ހުށަހަޅާ ނަންތަކުގެ ތެރޭގައި ހިމެނުމަކީ ލިބޭނެ ޝަރަފެކެވެ. އެހެންކަމުން ވީހާވެސް ގިނަ ބޭފުޅުން އެ ޕާޓީ އުފެއްދުމަށް ފޯމު ފުރައްވައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިފެށޭ ހަފުތާގެ ތެރޭގައި ރަޖިސްޓްރޭޝަނަށް ހުށަހެޅޭނެ،" ހަސަން ވިދާޅުވިއެވެ. އިތުރަށް އޭނާ ފާހަގަކުރެއްވީ އެ ޕާޓީ އުފެއްދެވުމަށް މަސައްކަތްކުރައްވާ ޓީމާއެކު ޤާނޫނީ ވަކީލުންގެ ޓީމެއްވެސް މަސައްކަތްކުރަމުންދާ ކަމަށާއި، މިހާރު ޕާޓީގެ އަސާސީ ޤަވާއިދާއި އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.

އަދި ޕާޓީގެ އަސާސީ ޤަވާއިދު އޮންނަންވާ ގޮތާއި އޮނިގަނޑު އެކުލަވައިލުމަށް އާންމުންގެ ޚިޔާލާއި މަޝްވަރާ ފުޅާދާއިރާއެއްގައި ހޯއްދަވާނެ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ. އެކަމަށް ޚާއްޞަ ފޯރަމެއް ވަރަށް އަވަހަށް ބާއްވަވާނެކަމަށާއި، އެ ފޯރަމުގައި ޕާޓީގެ އަސާސީ ޤަވާއިދާއި، ޕާޓީ އޮންނަން ފެންނަ ގޮތާއި، ޕާޓީގެ ގުނަވަންތަކުގެ ތަރުތީބާ ގުޅޭ ގޮތުން އާންމުންނަށް ބޭނުން ޚިޔާލެއް ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމުގައިވެސް ޙަސަން ވިދާޅުވިއެވެ.

އިތުރަށް ހަސަން ވިދާޅުވީ އެ ޕާޓީއަކީ ޒުވާނުންނަށް ފަހި ފުރުސަތުތައް ލިބެގެންދާ ޕާޓީއަކަށްވާނެ ކަމަށެވެ. އެކަން ގުޅެނީ ޕާޓީގެ އަސާސީ ޤަވާއިދާއި ޕާޓީގެ އޮނިގަނޑުގެ އިތުރަށް ޕާޓީ އުފައްދައި ޕާޓީ ހިންގަން ހަވާލުވާ މީހުންނާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ވަރަށް ގިނަ މަޖިލިސް މެންބަރުންނަކީ އެމްޑީޕީ ތެރެއިން ގޮފިތައް އުފައްދަވައި ގޮފިތަކުގެ ރައީސްކަމުން ދާއިރާތަކުގެ ރައީސްކަމަށް ވަޑައިގަތުމަށްފަހު ކައުންސިލުގައި މަސައްކަތްކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ބޭފުޅުން ކަމަށެވެ.

އެހެންކަމުން އެ ޕާޓީގެ އެތެރޭގައި އޮންނާނެ މައިގަނޑު އެއް ވިސްނުމަކަށްވާނީ ސިޔާސީ މަސައްކަތްކޮށްގެން ސިޔާސީ ދާއިރާގައި ކުރިއަށްދިއުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށް ހުޅުވައިދިނުންކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ޙަސަން ފާހަގަކުރެއްވި އަނެއްކަމަކީ އެ ޕާޓީއަކީ އައު ޕާޓީއަކަށްވުމާއެކު ޕާޓީގެ ތެރޭގައި ކަންކަމާ މަޝްވަރާކުރުމަށް ފުރުސަތު ބޮޑުތަނުން ހުޅުވައިލާނެ ކަމަށާއި، އެމްޑީޕީގައި މިފަހަކަށް އައިސް ހިނގި އެންމެ ނުރަނގަޅު ކަމަކީ މަޝްވަރާގެ މަގުތައް ބަންދުވުން ކަމަށާއި، އެކަމަށް އެ ޕާޓީން ހައްލު ހޯދައިދޭނެ ކަމަށެވެ. އެގޮތުން ޕާޓީގެ އިންތިޒާމުތައް ތަރުތީބުވެގެންދާނީ ވީހާވެސް ބޮޑަށް ގިނަ ބައެއްގެ މަޝްވަރާއަށް ޖާގަ އޮންނާނެ ގޮތަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމުން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ އިއްޔެ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީގެ ފޯމު ފުރުމުގެ މަސައްކަތް މާލޭގައި އާޓިފިޝަލް ބީޗާއި، ކާނިވާ ސަރަހައްދާއި ރަސްފަންނުގެ އިތުރަށް މއ.ބޮޑުފެންވަޅުގޭގައި އަންނަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ