Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި ޓްރެފިކްކުރުން

ކެނެބިސް ޓްރެފިކް ކޮށްގެން އުމުރަން ޖަލަށްލީ ފުވައްމުލަކު މީހަކަށް ރައީސް މާފުދީ މިނިވަންކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލާފައިވާ މީހަކު ރައީސް އިބްރާހީމް އަންގަވައިގެން މިނިވަންކޮށްފި އެވެ.

ޏ.ފުވައްމުލައް، ހޯދަނޑު/ ވެލިރަންގޭ ސާމިން ހުސައިންގެ މައްޗަށް ދައުލަތުން ދައުވާކުރީ 2019 ގައި މާލެއިން، ހުޅުމާލެ އޮއިޝި ކެފޭ ކައިރިއަށް އޭނާ ސައިކަލުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހިފައިގެންދާ ކަމުގެ މައުލޫމާތު ޕޮލިސް އިންޓެލް އަށް ލިބިގެން އެ ސަރަހައްދުން އޭނާ ހުއްޓުވައި، ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސުގެ ކުރިމަތި ޖީބުގެ ތެރެއިން ފެނުނު ފިލްމު ހުސްކުރި ދެ ދަޅުގައި 50.9710 ގްރާމު ކެނެބިސް ހުރިކަމަށް ތަހުލީލު ރިޕޯޓުން ދެއްކުމުންނެވެ.
އެ މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރިކަމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މާޗު 10، 2022 ގަ އެވެ.
ނަމަވެސް ހުކުމް ކުރުމުގެ ކުރިން އޭނާ ބަންދުގައި ހުރި ދުވަސްތައް ނުލައި ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި، 11 މަހާއި 13 ދުވަސް ކަމަށް ކަނޑައަޅައި، ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އޭނާ ހުރީ ޖަލު ބަންދުން މިނިވަންވެފަ އެވެ. އޭނާގެ ހުކުމް ކުރުކޮށް މިނިވަންކުރީ ރައީސް އިބްރާހީމް މާފު ދީގެންނެވެ.
މީގެ ކުރިންވެސް އިންތިހާބުތަކާ ދިމާކޮށް އާއިލާތަކުގެ ވޯޓު ހޯދުމަށް އެފަދަ ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ރައީސް އިބްރާހީމް މާފުދީ މިނިވަންކޮށްފައިވެ އެވެ.
އެގޮތުން މި އަހަރު ކުރީކޮޅު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމަށް ވޯޓު ހޯދުމަށް، މަސްތުވާތަކެތި ޓްރެފިކްކޮށްގެން އުމުރަށް ޖަލަށް ލާފައި ހުރި ޅ.ހިންނަވަރު، ދުވާފަރު މުހައްމަދު ރިޝްވާން ޖަލަށް ލިތާ ތިން މަސްވެސް ނުވަނީސް ވަނީ މާފުދީ މިނިވަންކޮށްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާ ބޮޑު ހުކުމެއްގައި ހުރި މީހަކު ހުކުމުގެ މިހާ ކުރު މުއްދަތެއް ތަންފީޒުކޮށް މިނިވަން ކުރި ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހީމުގެ ވެރިކަމުގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްފަދަ ކުށްތަކުގައި ހުކުމްކޮށްފައިވާ މީހުންގެ އިތުރުން ގަތުލުގެ ކުށް ސާބިތުވެފައިވާ ބައެއް މީހުންވެސް އެފަދައިން މިނިވަންކޮށްފައިވެ އެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް އިބްރާހީމުގެ ވެރިކަމުގައި އަދަބު ލުއިކޮށްދީފައިވާ ފަރާތްތަކުގެ ތަފުސީލް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން ރައީސް އޮފީހުގައި އެދުމުން އެ އޮފީހުން ވަނީ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

އެ މައުލޫމާތު ހާމަނުކުރި ސަބަބާ ގުޅޭ ގޮތުން ކުލެމެންސީ ބޯޑުގެ މެންބަރެއް ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ގޮތުގައި އެ މައުލޫމާތު ހާމަކުރަން ރައީސް އޮފީހުން ފަސްޖެހޭ މައިގަނޑު ސަބަބަކީ އަދަބު ލުއިކޮށްދެއްވައި މައާފުދެއްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބޮޑެތި ކުށްވެރިން ހިމެނޭތީ އެވެ.

މި ލިއުމާއި ގުޅޭ