ދިވެހިރާއްޖޭގެ ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ނެރެފިއެވެ.
އެ މާސްޓާ ޕްލޭން ނެރެފައިވަނީ ޓޫރިޒަމް ވާދަވެރި ގައުމުތަކާމެދު އޮތް ވާދަވެރިކަން ދަމަހައްޓަން އަޅާނެ ފިޔަވަޅުތައް ހިމަނައިގެންނެވެ.
ޓޫރިޒަމް ފަސްވަނަ މާސްޓާ ޕްލޭން ނެރެދެއްވާފައިވަނީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
އެ މާސްޓާ ޕްލޭންއަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިނިސްޓަރުކަމުގައި ހަދަން ފެށި ޕްލޭނެކެވެ. އެހެންކަމުން މާސްޓަ ޕްލޭންގެ މަސައްކަތް ނިންމާލާފައި މިވަނީ ތިން އަހަރު ދުވަހުންނެވެ.
އެ ޕްލޭންގައި އެންމެ ބޮޑަށް އަލި އަޅުވާލާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ދެމެހެއްޓޭނެ ޕޮލިސީތައް ގެނައުމާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށެވެ. އަދި ނުހެދި ހުރި ރަށްތައް ހެދުމާއި މާކެޓިންނާއި އެ ނޫންވެސް ޓޫރިޒަމްއާ ގުޅުންހުރި ގިނަ މައްސަލަތަކުގެ ހައްލު ހޯދޭނެ ގޮތްވެސް އެ މާސްޓާ ޕްލޭންގައި ހިމަނާފައިވެއެވެ.
މި މާސްޓް ފްލޭނަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ މުއްދަތަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭނެކެވެ. އެ ޕްލޭން އެކުލަވާލާފައި ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގައެވެ.
އެ މަސައްކަތް ކޮށްފައިވަނީ އިއުލާނު ކޮށްގެން ނެގި 10 ދާއިރާއެއްގެ ކޮންސެލްޓެންޓުގެ އެހީގައެވެ.