ރިޔާޒް (މެއި 25) - ކެނެޑާއާއެކު ސިޔާސީ ގުޅުން އަލުން ބަދަހިކުރަން ނިންމާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިގޮތަށް ނިންމާފައި މިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބެންކޮކްގައި ބޭއްވި އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ފޯރަމްގެ ހަވާސާގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
އަދި ގުޅުން އަލުން ގާއިމުކުރުމަށް ދެ ފަރާތުން ވެސް އެދެނީ ދެ ގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި އެއް މަސްލަހަތުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކެނެޑާގެ ޚާރިޖީ ވުޒާރާއިން ބުނީ ސައުދީއަށް ކަނޑައެޅުއްވި އާ ސަފީރަކީ ޖީން-ފިލިޕް ލިންޓޭއު ކަމަށެވެ. ލިންޓޭއު އަކީ އެންމެ ފަހުން ދުބާއީގައި ހުންނެވި ކެނެޑާގެ ކޮންސުލް ޖެނެރަލްއެވެ.
ސައުދީ ޚާރިޖީ ވުޒާރާގެ ބަޔާނުގައި އޮޓާވާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސައުދީ ސަފީރަކީ ކޮން ބޭފުޅެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
2018 ވަނައަހަރު ސައޫދީއާއި ކެނެޑާގެ ގުޅުން ކެނޑިފައިވަނީ ކެނެޑާއިން ސައޫދީގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށްބުނެ އުފެދުނު ހަމަނުޖެހުން ތަކަކާއި ގުޅިގެންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ރިޔާޒުން ވަނީ އެގައުމުގެ ސަފީރު އަނބުރާ ގެނައުމަށާއި އޮޓާވާއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ބޭރުކޮށްފައެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއިން ވަނީ ކެނެޑާގައި އާ އިންވެސްޓްމަންޓްތައް ފްރީޒްކޮށް، ސްކޮލާޝިޕް ޕްރޮގްރާމްތައްވެސް ހުއްޓާލައި، ގައުމީ އެއާލައިން ސައުދިއާއިން ކެނެޑާއަށް ކުރާ ހުރިހާ ދަތުރުތަކެއް ވެސް ހުއްޓާލައިފަ އެވެ.
ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓެފަން ހާޕާ ވިދާޅުވީ އެ ގައުމުތަކުން ސިޔާސީ ގުޅުން އަލުން ގާއިމުކުރާތީ އުފާކުރައްވާ ކަމަށާއި ލިންޓޭއު އެ މަގާމަށް އައްޔަން ކުރެއްވުމުން މަރުހަބާ ދަންނަވާ ކަމަށެވެ.
ހާޕާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކިންގްޑަމްއަކީ ޒަމާނުއްސުރެ ސަރަހައްދީ ބައިވެރިއެއް ކަމަށާއި އެމީހަކާ އެކު ގިނަ މަސްލަހަތުތަކެއް ހިއްސާކުރާ ގައުމެއް ކަމަށެވެ.
2018 ވަނަ އަހަރު ރިޔާޒުން ބޭރުކުރި ކެނެޑާގެ ސަފީރުގެ މަގާމުގައި ހުންނެވި ޑެނިސް ހޯރަކް ވިދާޅުވީ ސައުދީއަކީ ސަރަހައްދީ ގޮތުން މުހިންމު ބައިވެރިއެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެ މީހުންނާ އެކު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުމެއް އޮތުމުން ސީނިއާ ލެވަލްތަކުގައި އަޑު އިވޭނެ، އެއީ ސައޫދީ އަރަބިއްޔާގައި މުހިންމު ކަމެއް،" ސީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.