ރަޝިޔާއިން ދިން ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ އިސް ޖެނެރަލަށް ބޮޑެތި އަނިޔާތަކެއް ލިބި ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފާއިތުވި ހަފުތާތަކުގައި އާންމުންގެ ލޯމަތިން ގެއްލުނު ޔޫކްރެއިން ސިފައިންގެ ކޮމާންޑަރު އިން ޗީފް ޖެނެރަލް ވެލެރީ ޒަލޫޒްނީ އަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރަޝިއާއިން ދިން ހަމަލާއެއްގައި ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ.
މިދިޔަ މެއި މަހުގެ ކުރީކޮޅު ޕޮސާޑް-ޕޮކްރޮވްސްކޯ އަވަށާ މާ ދުރުނޫން ހިސާބެއްގައި ޔޫކްރެއިންގެ ކޮމާންޑް ޕޯސްޓަކަށް ދިން މިސައިލް ހަމަލާގައި ޒަލޫޒްނީގެ ބޮލަށް އަނިޔާވެ އެތައް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ޚަބަރުތައް ފެތުރިފަ އެވެ.
އެ ހަމަލާއަށް ފަހު ޖެނެރަލް ވަނީ ކިއޭވްގެ އަސްކަރީ ހޮސްޕިޓަލެއްގައި ކްރެނިއޯޓޮމީއެއް ހަދާފައި ކަމަށް މައުލޫމާތު ލިބެ އެވެ. އުމުރުން 49 އަހަރުގެ ޖެނެރަލްގެ ހާލަތާމެދު ޑޮކްޓަރުން ބުނެފައިވަނީ ޢާއްމު އާދައިގެ މީހެއްގެ ގޮތުގައި ދިރިއުޅެވުނު ނަމަވެސް ކޮމާންޑަރުގެ މަސްއޫލިއްޔަތު އަދާ ކުރެވޭވަރު ނުވާނެކަމަށެވެ.
އަދި ޒަލޫޒްނީގެ ހާލު އިތުރަށް ގޯސްވެފައި ވަނީ އޭނާގެ މައިގަނޑު ބައްޔެއް ކަމަށްވާ ހަކުރު ބަލީގެ ސަބަބުން ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ޖެނެރަލް ޒަލޫޒްނީގެ ވާހަކަތައް މީޑިއާއަށް ފެންމަތިވީ މިމަހުގެ 10 ވަނަ ދުވަހު ނޭޓޯގެ ހައި ޕްރޮފައިލް ބައްދަލުވުމެއްގައި ޒަލޫޒްނީ ބައިވެރިވެވަޑައިނުގެންނެވުމުންނެވެ.
ބްލޮކްގެ އަސްކަރީ ކޮމެޓީގެ ޗެއާމަން ރޮބް ބައުއާ ވިދާޅުވީ މޮސްކޯއާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި "ކޮމްޕްލެކްސް އޮޕަރޭޝަނަލް ހާލަތެއް" އޮތުމުގެ ސަބަބުން ޔޫކްރެއިންގެ ކޮމާންޑަރަށް އަމިއްލައަށް ވެސް އަދި ވީޑިއޯ ލިންކެއް މެދުވެރިކޮށް ވެސް ބައިވެރިވެވެން ނެތް ކަމަށް ކިއޭވް ބްރަސަލްސްއަށް ވިދާޅުވި ކަމަށެވެ.
އޭގެ ފަހުން އާންމު ންގެ ތެރެއިން ޖެނެރަލް ފެނިފައި ނުވާއިރު، ފާއިތުވި ދުވަސްތަކުގައި އޮންލައިންކޮށް އާންމުވި ފުޓޭޖްތަކުން އޭނާ ގެއްލުމުގެ ކުރިން ހަދާފައިވާ މަންޒަރުތައް ވަނީ ފެނިފަ އެވެ.
ހޮނިހިރު ދުވަހު ޔޫކްރެއިންގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަނާ މަލީއާރު ވަނީ ޒަލޫޒްނީގެ ހާލު ރަނގަޅު ކަމަށާއި ސިފައިންނާ ހަވާލުވެ ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
މަލިޔާރު ލަފާ ދެއްވީ ޒަލޫޒްނީއަށް އަނިޔާއެއް ލިބިދާނެ ކަމަށް ނުވަތަ މަރުވެދާނެ ކަމުގެ ވާހަކަތައް ރަޝިޔާއިން ފަތުރަމުން ދަނީ ޔޫކްރެއިންގެ ރައްޔިތުން ބަޚްމުތު ކިޔާ ސްޓްރެޓެޖިކް ސިޓީއެއް ކަމަށްވާ އާޓިޔޯމޮވްސްކް ހޯދުމުގެ ހަނގުރާމައިގައި ޔޫކްރެއިން ސިފައިންގެ ހިތްވަރު ގެއްލުވާލުމުގެ ގޮތުން ކަމަށެވެ. ހޮނިހިރު ދުވަހު މޮސްކޯއިން އާޓިއޮމޮވްސްކް "ފުލް ކެޕްޗާ" ކުރިކަން އިއުލާނުކުރި ނަމަވެސް، ޑޮންބާސްގައި އެ ގައުމުގެ މައި ބާރު ގެއްލުނު ކަން ގަބޫލުކުރަން ކިއޭވް އިން މިހާތަނަށް ފަސްޖެހެ އެވެ.
ހުޅަނގުގެ މީޑިއާތަކުގައި މަގްބޫލުކަން ހޯދާފައިވާ ޒަލޫޒްނީ އަކީ ޔޫކްރެއިންއިން ރަޝިޔާއާ ދެކޮޅަށް ހިންގާ އޮޕަރޭޝަން ތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކޮމާންޑަރެވެ. އޭނާ ވަނީ 2022 ވަނަ އަހަރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ހިމެނި އިކޮނޮމިސްޓް އަދި ޓައިމް ފަދަ އައުޓްލެޓްތަކަށް ދިގު އިންޓަވިއުތަކެއް ދީފަ އެވެ.