ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ރާއްޖެ ކުޅުނު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ރޭންކިން މެޗުތަކުގައި ވާދަކުރަން ޖެހިއްޖެ އެވެ.
މިއަދު ހަވީރު ނޭޕާލްގެ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގެ އިންޑޯ ވޮލީ ކޯޓުގައި ގްރޫޕް ސްޓޭޖް ފަހު މެޗްގައި ލަންކާ އަތުން ވެސް ބަލި ވެފައިވަނީ ސީދާ ތިން ސެޓުންނެވެ. ލަންކާ އިން ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-18 އާއި 25-23 އިންނެވެ. ފަހުސެޓް ނިމުނީ 26-24 އިންނެވެ. މި ސެޓުގައި ރާއްޖޭގެ ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.
ރާއްޖެ ހިމެނުނު ގްރޫޕް ބީގެ އެއް ވަނަ ދިޔައީ ތިން މެޗުން މޮޅުވި ކަޒަކްސްތާން އެވެ. ދެ ވަނަ އަށް ދިޔައީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި، އުޒްބެކިސްތާން އެވެ. ކަޒަކްސްތާން އާއި އުޒްބެކިސްތާން ކުޅޭނީ ސެމީ ފައިނަލުގަ އެވެ. ތިން ވަނަ އަށް ދިޔަ ލަންކާ އާއި ހަތަރެއްގައި ނިންމި، ރާއްޖެ ކުޅެން ޖެހޭނީ ރޭންކިން މެޗުތަކުގަ އެވެ.
ގްރޫޕް އޭ އިން އެއް ވަނަ ޓީމުގެ ގޮތުގައި ދިޔައީ ތިން މެޗުން ވެސް މޮޅުވި އިންޑިއާ އެވެ. ދެ ވަނަ އަށް ދިޔައީ ދެ މެޗުން މޮޅުވި ނޭޕާލް އެވެ. މި ގްރޫޕުން ސެމީ އަށް ދިޔައީ ނޭޕާލާއި އިންޑިއާ އެެވެ. އެހެންކަމުން ތިން ވަނަ އަށް ދިޔަ ކިރްގިސްތާނާއި ހަތަރު ވަނައިގައި އޮތް ބަންގްލަދޭޝް އަށް ވާދަކުރަން ޖެހުނީ ރޭންކިން މެޗުތަކުގަ އެވެ.
މި މުބާރާތުގައި ރޭންކިން ބުރުގައި ރާއްޖޭން މާދަމާ ކުޅޭނީ ގްރޫޕް އޭގެ ތިން ވަނަ ކިރްގިސްތާންއާ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 13:45 ގަ އެވެ. ރޭންކިން އަނެއް މެޗުގައި ބަންގްލަދޭޝް ކުޅޭނީ ލަންކާއާ އެވެ. އަދި ރޭންކިން ބުރުގައި ފަހުން އޮންނާނީ މޮޅުވާ ދެ ޓީމުގެ މެޗާއި ބަލިވާ ދެ ޓީމުގެ މެޗެވެ.