Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލަމްހާ

އުމުރު ހަނގުވީމަ ގޮތް ބަލާލަން 100 ދުވަހަށް ބަންދުން ދޫކޮށްލަދިނުމަށް ލަމްހާ އެދިއްޖެ

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު, އޭނާގެ އުމުރުގެ ހަގުކަމާއި ނަފްސާނީ ހާލަތު ތަން ނުދޭތީ ގޮތް ބަލާލަން 100 ދުވަހުގެ މުއްދަތަކަށް ބަންދުން ދޫކޮށްލަދިނުމަށް ކޯޓުގައި އެދިއްޖެ އެވެ.

އޭނާގެ މި އެދުމަށް ކޯޓުން މިއަދު ނިންމީ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ. ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ގުޅިގެން މއ. އުދުހޭކޮކާގޭގެ ފަންގިފިލާގައި މޭރީ 19 އޮކްޓޫބަރު 2021 ވަނަ ދުވަހު މަރާލާފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް ކޮފައިވާ ދައުވާތަކުގެ ތެރޭގައި އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން؛ ދައުލަތުން ކޮށްފައިވާ ދައުވާގައި ވާގޮތުން މޭރީ މަރާލާފައިވަނީ މާވިން އާއި ލަމްހާ ދުރާލާ ރާވައިގެން ނެވެ. އަދި މޭރީ މަރާލުމަށް މާވިން އަށް ލަމްހާ އެހީތެރިވެދީފައި ވެއެވެ.

އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން؛ ދައުލަތުން ކޮށްފައިވާ ދައުވާގައި ވާގޮތުން މޭރީ މަރާލުމަށް ދުރާލާ ތައްޔާރުވެ އައިޖީއެމްއެޗް އިން ބޭރުކުރުން މަނާ ކޮންޓްރޯލް ޑްރަގްސްތަކެއް ލަމްހާ ގެއަށް ގެންގޮސްފައިވެއެވެ. އެތަކެތި ލަމްހާގެ ކޮޓަރި ތެރެއިން ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. މީގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ދައުލަތުން ކުރެއެވެ.

ލަމްހާގެ ވަކީލު އަހްމަދު ޔާމީންގެ ފަރާތުން މިއަދު ކޯޓުގައި ވިދާޅުވީ ލަމްހާ ބަންދުގައި ބަހައްޓާފައިވަނީ މުޖުތަމައު އަށް ނުރައްކާވާ ކަަމަށް ބުނެ، މި ހާލަތު އަދިވެސް ވުޖޫދުގައި އެބައޮތްތޯ ނެތްތޯ ބަލަންޖެހޭ ކަމަށެވެ.

މުޖުތަމައުއަށް ނުރައްކާ އޮތް މީހެއްތޯ ބެލުމުގައި އެހެން މީހަކު މެދުވެރިވެގެން ކުށް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭނެ ހާލަތެއް އޮތްތޯ ބަލަންޖެހޭ ކަމަށާއި ލަމްހާ އަކީ އޭނާ އާއި ބެހޭގޮތުން މުޖުތަމައުގައި ވަރަށް ގިނަ ގޮތްގޮތަށް ވާހަކަދެއްކޭ، ގޯސް ރެޕިއުޓޭޝަނެއް އޮތް މީހަކަށްވާއިރު މުޖުތަމައުއަށް ދޫކޮށްލިޔަސް މުޖުތަމައުއަށް ނިކުތުމަށް ލަދުވެތިވާނެތީ އެކަން އެމަގަކުން ނުހިނގާނެ ކަމަށެވެ.

މީގެ އިތުރުން ލަމްހާގެ ވަކީލް ވިދާޅުވީ ލަމްހާއަކީ މިހާރު އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި އޭނާގެ އުމުރުގެ ހަގުކަމާ އެކު އެހާ ގިނަ ދުވަހު ބަންދުގައި ހޭދަކުރަން ޖެހުމުން އޭނާގެ ނަފްސާނީ ހާލަތު ރަނގަޅު ނޫން ކަމަށެވެ.

"މި އެދެނީ 100 ދުވަހަށް ބަންދުން ދޫކޮށްލަ ދިނުމަށް؛ އެޔަށް ފަހު ކަން ވާގޮތަކުން އަލުން ބަންދަށް ނެގުމުގައި އިއުތިރާޒެއް ނެތް" ވަކީލް ވިދާޅުވިއެވެ.

ބަންދުން ދޫކޮށްލުމާ މެދު އިއުތިރާޒު ކުރައްވާ ދައުލަތުގެ ވަކީލު ޝާމާ ނަސީރު ވިދާޅުވީ، ލަމްހާ އަކީ މުޖުތަމައުއަށް ނުރައްކާވެދާނެ ހާލަތެއް އޮތުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް މީގެ ކުރީން ނިންމާފައިވާ މީހެއް ކަމަށެވެ.
މި ލިއުމާއި ގުޅޭ