ހުޅަނގުގައި މަޝްހޫރު އިސްލާމީ އިލްމުވެރިޔާ އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ޠާރިޤު ރަމަޟާނަށް ކުރާ ރޭޕުގެ ތުހުމަތު ސާބިތުނުވާކަމަށް ސްވިޒްލޭންޑުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޖެނީވާގައި ހުންނަ ޖިނާއީ ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމާއެކު އެ ނިންމުން އިސްތިއުނާފުކުރާނެކަމަށް ދައުވާކުރި އަންހެން މީހާގެ ޤާނޫނީ ވަކީލުންވަނީ ބުނެފައެވެ.
ޖެނީވާގެ ހޮޓަލެއްގައި ސުވިޒްލޭންޑުގެ އަންހެނަކު 2008 ވަނަ އަހަރު ރޭޕުކުރިކަމަށް ތުހުމަތުކޮށް މިހާރު އުމުރުން 60 އަހަރުގެ ޠާރިޤުގެ އަގުވައްޓައިލުމުގެ ބޮޑު ކެމްޕޭނެއް ހުޅަނގުގައި ކުރިއަށްދިޔައެވެ.
"މީޓޫ" ހަރަކާތުގެ ތެރެއިން އޭނާއަށް ގިނަ ތުހުމަތުތަކެއްކުރުމާއެކު 2018 ވަނަ އަހަރުގައި އޭނާ ހައްޔަރުކުރިއެވެ. ކަފާލާތުގެ ދަށުން އޭނާ މިނިވަންވެވަޑައިގަތީ ފަރަންސޭސިވިލާތުގައި ބަންދުގައި ގާތްގަނޑަކަށް 10 ވަރަކަށް މަސް ހޭދަކުރެއްވި ފަހުންނެވެ.
އިސްލާމީ ފިކުރުގެ އެންމެ ބޮޑު ސިޔާސީ ހަރަކާތްކަމަށްވާ އިޚުވާނުލް މުސްލިމީންގެ މުއައްސިސް އިމާމް ޙަސަނުލް ބަންނާއަށް ކާފަ ވިދާޅުވާ ޠާރިޤުވަނީ އޭނާއާމެދު ކުރެވޭ ހުރިހާ ތުހުމަތަކަށް އިންކާރުކުރައްވައި ދޮގުކުރައްވާފައެވެ.
(އިތުރު ތަފުސީލު އަންނަނީ)