ދަނޑުވެރިކަމާ ގުޅިގެން ސަރުކާރުން ހޯދި ކާމިޔާބީތައްކަމަށް ބުނެ ކީ ލިސްޓުގައި ހުރީ ރައްޔިތުން ގުދާރު ބިންދައިގެން ކުރި ކަންކަންކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
މަޖލީހުގެ ޖަލްސާގައި މެންބަރު ނިޔާޒު ވަނީ މި ސަރުކާރުގެ ދަނޑުވެރިކަމުގެ މެނިފެސްޓޯގައި ހުރި 70 އިންސައްތަ ކަންތައ ސަރުކާރުން ހާސިލްކޮށްދީފައިވާކަމަށް ވިދާޅުވެ ލިސްޓެއް ކިޔުއްވާފައެވެ.
"ވޯކީ ޓޯކީއިން މެސެޖު ފޮނުވި ޒަމާނުގައިވެސް ހަމަ ހުއްޓޭ އެކަންކަން، އެ ލިސްޓަކަށް އަޅައިގެން ފަސް އަހަރެއްގެ ދުވަހަކު އައިސް މިއީ ތިމަންނަމެން ކުރި ކަންކަމޭ، އޭ ރިޕޯޓެއް ހޯދީމޭ، މިކަމަށްތަ ރައީސުލްޖުމުހުރިއްޔާއަކަށް ޒިންމާ ހަވާލުކޮށްފައި 2018 ވަނަ އަހަރު ވެރިކަން ހަވާލުކުރީ" ސައީދު ވިދާޅުވިއެވެ.
"ޒިންމާ ޑިފެންޑް ކުރަން، ރާއްޖޭގެ ރަށް ރަށުގައި ހިނގާ ކަންތައްތައް، ރައްޔިތުން ގުދާރު ބިންދައިގެން ކުރާ ކަންތައްތައް ލިސްޓަކަށް އަޅައިގެން އައިސް ފެން ޖަހައޭ، ފެން ޖަހަން ހޮޅި ދިނީމޭ ހޮޅިއަށް އިސްކުރު ލީމޭ، އިސްކުރުގައި ދަބަރު ޖެހީމާ އެކަން ފިލުވީމޭ، ގަސް ކާނާ ކޮޅެއް ދިނީމޭ، ވެރިއެއްގެ ވިސްނުން މިވަރަށް ހަނިވާން ވެއްޖެއްޔާ ދެން ޒުވާން ޖީލަށް ކޮން އުންމީދެއްތޯ" އޭނާ ވިދާޅުވިއެވެ.
މެންބަރުގެ ސައީދު ވަނީ ރައީސް އިބްރާހިމްގެ ހަނި ވިސްނުންފުޅު އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ދިފާއުކުރައްވާ ވާހަކަ ދައްކަވާކަން ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި އެފަދައިން މެންބަރުން ކަންތައް ކުރާ ނަމަ މާދަމާގެ ޒުވާން ޖީލަށް އޮތީ ކޮން އުންމީދެއްތޯ ވެސް އޭނާ ސުވާލުކުރައްވާފައިވެއެވެ.