Saturday 2nd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖިންސީ އަނިޔާ

ފަނަރަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ އަދަބު ލުއިކޮށްދީ މިނިވަންކޮށްފި

އުތުރުގެ ރަށެއްގައި 2020 ވަނަ އަހަރު އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހެއްގެ އަދަބު ލުއިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އޭނާ މިނިވަންކުރައްވައިފިއެވެ.

ހއ.ފިއްލަދޫއަށް ނިސްބަތްވާ އަޙްމަދު ޙައްމާދުގެ މައްޗަށް އެ އަހަރު ތެރޭގައި 2 ފަހަރެއްގެ މަތިން ފިރިހެންކުއްޖެއްގެ ޖިންސީ ގުނަވަނުގައި ހިފިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެ ރަށު މެޖިސްޓްރޭޓު ކޯޓުން ހުކުމްކުރީ 2020 ވަނަ އަހަރުގައެވެ.

އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް އެ މައްސަލާގައި ހައިކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ފިއްލަދޫ ކޯޓުން ކުރި ހުކުމް ބަދަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލާގައި ޙައްމާދު ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ އަމިއްލައަށް ކުރެވޭ ތުހުމަތަށް އިއުތިރާފުވިއެވެ. ނަމަވެސް ފަހުން އެ އިއުތިރާފު އަނބުރާ ގެނައެވެ. އޭނާގެ ފަރާތުން ހައިކޯޓުގައި އެ މައްސަލާގައި އިސްތިއުނާފުކުރި އެއް ނުކުތާއަކީވެސް ޝަރީޢަތުގެ ކުރިން ބަންދާމެދު ގޮތެއް ނިންމާ އަޑުއެހުމުގައި ވި އިއުތިރާފު އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އޭނާ އިއުތިރާފުވި ގޮތުގައި މި މައްސަލާގައި ހިމެނޭ 15 އަހަރުގެ ފިރިހެން ކުއްޖާގެ ކުރިމަތިފަރާތުގައި އޭނާ ހިފިއެވެ. އެ އިއުތިރާފު އޭނާއާ ދެކޮޅަށް ބޭނުންކުރުމުގައި މައްސަލައެއް ނެތްކަމަށް ހައިކޯޓުންވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން ދަށު ކޯޓާއި ހައިކޯޓުގައިވެސް ކަނޑައަޅާފައިވަނީ މި މައްސަލާގައި ކުއްޖާ ދިން ހެކިބަހުގައި ޖައުހަރީ (އެސެންޝަލް) ފުށުއެރުމެއް ނެތްކަމަށެވެ. އަދި އެ މައްސަލާގައި ހައްމާދަށް ކުރެވޭ ތުހުމަތު ސާބިތުވާކަމަށް ހައިކޯޓުންވެސް ނިންމައި ހުކުމް ދަމަހައްޓާފައިވެއެވެ.

ދަށު ކޯޓުން އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ހުކުމް ހައިކޯޓުން ދަމަހައްޓާފައިވަނިކޮށް އަދަބު ލުއިކޮށްދިނުމާއި މައާފުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ހައްމާދު މިނިވަންކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

"ދިޔަރެސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ މިނިވަންކުރީ އޭނާގެ އަދަބު ވަރަށް ބޮޑަށް ލުއިކުރުމަށްފަހު، މިނިވަންވާ ގޮތަށް ނިންމަވައިގެންނެވެ. މީގެ ކުރިންވެސް އަދަބު ލުއިކޮށްދިނުމާއި މައާފު ދިނުމުގެ ޤާނޫނުގައި މައާފު ނުދެވޭނެ ކުށްތައްކަމަށް ބަޔާންކޮށްފައިވާ ކުށްތަކަށް އަދަބު ލުއިކޮށްދީ މިނިވަންކޮށްފައިވެއެވެ.

އެގޮތުން ޖަނަވަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހައްޔަރުކޮށްފައި ހުރި މީހަކު މިނިވަންކުރިއެވެ. އަދި އޭގެ ފަހުން މީހަކު މެރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާފައި ހުރި މީހަކުވެސް މިނިވަންކޮށްފައިވެއެވެ.

ހައްމާދުގެ އާއިލާއަކީ ވެރިކަންކުރާ އެމްޑީޕީއަށް ތާއީދުކުރާ އާއިލާއެކެވެ. ހައްމާދު މިނިވަންކުރުމަށް އެ އާއިލާއިން ރައީސަށާއި ސަރުކާރުގެ ކިބައިން އެދެމުންދާތާ ވަރަށް ގިނަ ދުވަސްވެފައިވާކަން މައުލޫމާތު އެނގޭ ފަރާތެއް "ދިޔަރެސް"އަށްވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭނާ ދޫކޮށްލައްވަން ރައީސް ނިންމެވީ އެ އާއިލާއިން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތާ ގުޅޭނެކަމަށް ބުނަން ފެށުމުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަދަބު ލުއިކޮށްދިނުމާއި މައާފުކޮށްދިނުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް ރައީސް އަދަބު ލުއިކޮށްދެއްވައި އަދި މައާފުކޮށްދެއްވައި ދޫކުރައްވާފައިވާ މީހުންނާއި އެ މީހުންގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން "ދިޔަރެސް"އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުމުން، އެ މައުލޫމާތު ދިނުމަށް އެ އޮފީހުންވަނީ އިންކާރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ