ސައުދި އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ދޭ ސްކޮލާޝިޕްތަކަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނި ގޮތުގައި ދިވެހި ދަރުވަރުންނަށް ދޭ އެ ސްކޮލަޝިޕްތަކަކީ ފުލީ ފަންޑެޑް ސްކޮލަޝިޕް ތަކެކެވެ.
އެގޮތުން 11 ދާއިރާއަކުން ކިޔެވުމަށް 350 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕް ދޭން ވަނީ ނިންމާފަ އެވެ. ސްކޮލަޝިޕަށް އެދޭނީ އެ ފަރާތަކުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުންނެވެ.
"ސްޓަޑީ އިން ސައުދީ" ވެބްސައިޓް މެދުވެރިކޮށް އެ ސްކޮލަޝިޕްތަކަށް މިހާރު އެޕްލައި ކުރެވޭނެ ކަމަށް ސައުދީ އެމްބަސީން ބުނެ އެވެ.
ސްކޮލަޝިޕަށް ހުޅުވާލި ދާއިރާތައް:
- 1. ބިޒްނަސް މެނޭޖްމަންޓް
- 2. މީޑިއާ ފީލްޑްސް
- 3. ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް
- 4. ލޯ ސައިންސް
- 5. އެޑިއުކޭޝަނަލް ސްޕެޝަލްޓީސް
- 6. ސޯޝަލް ސައިންސް
- 7. އެގްރިކަލްޗާ
- 8. އިކޮނޮމިކް އެންޑް ޕޮލިޓިކަލް ސްޓަޑީޒް
- 9. އިންޖިނޭރިން މޭޖާ
- 10. އިސްލާމިކް ސްޓަޑީޒް ފީލްޑް
- 11. އަރަބިކް ސްޓަޑީސް އެންޑް އަދާފީލްޑްސް އޮފް ފޮރިން ލޭންގުއޭޖް
އަރަބި އެހެން ގައުމުތަކާ އަޅައި ބަލާއިރު، ސައުދީގައި ރޭންކްޑް ޕްރޮގުރާމުތައް ގިނަ އިރު އޭގެ ތެރެއިން 27 ޕްރޮގުރާމެއް ވަނީ ދުނިޔޭގެ ގަދަ 100 ގައި ހިމެނިފަ އެވެ.
އޭގެ ތެރެއިން ފާހަގަކޮށްލެވޭ ސައުދީގެ ބައެއް ޔުނިވާސިޓީތަކުގެ ތެރޭގައި ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީއާއި، ކިންގަ ފަހަދް ޔުނިވާސިޓީއާއި ކިންގް ސައުދް ޔުނިވާސިޓީއާއި ކިންގް އަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަދި އިމާމް އަބްދުއްރަހްމާން ބިން ފައިސަލް ޔުނިވާސިޓީ ހިމެނެ އެވެ.
އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިހާރުވެސް ސައުދީގެ ޔުނިވާސިޓީތަކުގައި 50،000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ދަރިވަރުން ތައުލީމު ހާސިލުކުރަމުން އެބަދެ އެވެ.