Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ހަނގުރާމަ ހުއްޓާލުމުގެ ވައުދުތަކުގައި ދެމިތިބުމަށް ސައުދީއާއި އެމެރިކާއިން ސޫދާނުގެ ޖެނެރަލުން އިލްތިމާސްކޮށްފި

ރިޔާޒް (މެއި 24) - ސޫދާނުގައި ހަނގުރާމަ ކުރަމުން އަންނަ ޕާޓީތަކުން ސޮއިކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުހިންމުކަން ސައުދީ އަރަބިއްޔާ އާއި އެމެރިކާ އިން ކަށަވަރުކޮށްދީ، ވައުދުތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލައިފި އެވެ.
ސައުދީ ފޮރިން މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ސޮއިކުރި ފަހުންނާއި އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން 48 ގަޑިއިރުގެ ތެރޭގައި އަސްކަރީ ފައިދާ ނުހޯދުމަށް ދެފަރާތުން ވައުދުވެފައިވާކަން ސައުދީ އާއި އެމެރިކާގެ ފެސިލިޓޭޓަރުން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.
މެއި 20، 2023 ގައި ޖިއްދާގައި ހަނގުރާމަ ހުއްޓާލި ނަމަވެސް ސޫދާނުގެ ވެރިރަށުގައި އަންގާރަ ދުވަހު ވެސް ބަޑީގެ ހަމަލާތައް އިވެމުން ދިޔަ އެވެ. ނަމަވެސް ޚަރްތޫމްގެ ރައްޔިތުން ބުނަނީ ހަނގުރާމަ މަޑުޖެހިފައިވާ ކަމަށެވެ.
"ފަހަކަށް އައިސް ޚަރްތޫމްގައި ހިނގަމުންދާ ހަނގުރާމަތައް މަދުވާތަން ފެނުނު ނަމަވެސް ފެސިލިޓޭޓަރުން ވަނީ ދެ ފަރާތުން ވެސް އެއްބަސްވުމާ ހިލާފުވެފައިވާ ކަމުގެ ރިޕޯޓްތައް ޕާޓީތަކަށް އަންގާފައި. އޭގެ ތެރޭގައި ޚަރްތޫމް އާއި އެލް-އޮބައިދުގައި ހިންގި ކަމަށް ރިޕޯޓް ކޮށްފައިވާ ހަމަލާތަކާއި ވައިގެ ހަމަލާތަކާއި އާޓިލަރީ ބޭނުންކުރުން ހިމެނެ އެވެ،" ބަޔާނުގައި ވެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވަނީ ހަނގުރާމަކުރަމުންދާ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.
އަދި ހަނގުރާމަ ހުއްޓާލުމާ ހިލާފުވެއްޖެ ނަމަ އެކަން އެނގޭނެ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި އެހެނިހެން ގޮތްގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކޮށްދިނީ، އެކަމަކު އެކަން ތަންފީޒު ކުރުމަކީ ސޫދާނުގެ އަސްކަރިއްޔާ އާއި ރެޕިޑް ސަޕޯޓް ފޯސަސްގެ ޒިންމާއެއް." އޭނާ ވިދާޅުވިއެވެ.
ބްލިންކެން ވިދާޅުވީ މި ހަނގުރާމައަކީ ހިތާމަވެރި، ބުއްދިނެތް އަދި ހަލާކުކުރުވަނިވި ހަނގުރާމައެއް ކަމަށެވެ.
ސޫދާން ހަލަބޮލިކަމުގެ ތެރެއަށް ވެއްޓުނީ ޖެނެރަލް އަބްދުލް ފައްތާހު ބުރުހާން އިސްވެ ހުންނަވާ އެގައުމުގެ އަސްކަރިއްޔާއާއި ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯގެ އިރުޝާދުގެ ދަށުން ހިންގާ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސްއާ ދެމެދު އޭޕްރީލް މަހުގެ މެދުތެރޭގައި ކުރިމަތިލުންތަކެއް ފެށުމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން އާންމުންގެ 863 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 190 ކުޑަކުދިން ވެސް ހިމެނޭ އިރު، 3،530 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އާންމުން މަރުވާ މިންވަރު ބަލާ ޑޮކްޓަރުންގެ ސިންޑިކޭޓުން ބުނެ އެވެ. އަދި މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ ބޮޑުވެދާނެ ކަމަށް މެޑިކަލް ގްރޫޕުން ބުނެއެވެ.
މި ލިއުމާއި ގުޅޭ