Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިޔާ ފްލެޓުތައް

ހިޔާ ފުލެޓުތަކުން ހުސްވި ފުލެޓުތައް ދިން މީހުންގެ ތަފުސީލު ސަރުކާރުން ހާމަނުކުރި

ހިޔާ ފުލެޓު ލިބުމަށްފަހު އެކި ސަބަބުތަކާހުރެ ފުލެޓު ދޫކޮށްލުމުން ހުސްވެފައިވާ ފުލެޓުތައް ލިބުނު ފަރާތްތަކުގެ ތަފުސީލު ހާމަކުރަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރުގައި އެދުމުން އެ މައުލޫމާތު ސަރުކާރުން ހާމަނުކުރިއެވެ.

މި މައުލޫމާތު ހޯދުމަށް އެދުނީ އާންމުންގެ އެކުވެރި ގުޅުމުންނެވެ. އެ ޖަމްއިއްޔާއިން މި މައުލޫމާތު ހޯދަން އެދުނީ އެފަދައިން ހުސްވެފައިވާ ފުލެޓުތައް ދެމުން އަންނަނީ ސަރުކާރުން ބުނި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުމަށެވެ.

އާންމުންގެ އެކުވެރި ގުޅުމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކިއެކި ސަބަބުތަކާހުރެ 300 ވަރަކަށް ހިޔާ ފުލެޓު ހުސްވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި ހުސްވާ ފުލެޓުތައް ދެމުން އަންނަނީ ފުލެޓު ނުލިބުނު މީހުންގެ ލިސްޓުގެ ތަރުތީބުންކަން އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.

އެހެންނަމަވެސް އެ ޖަމްއިއްޔާއިން ބުނި ގޮތުގައި މިއަދާ ހަމައަށް އެ ފުލެޓުތައް ބަހާލި މީހުންގެ ތަފުސީލު ލިބިފައިނުވާ ކަމަށާއި، އުސޫލުން ބޭރުން އެކި މީހުންނަށް ފުލެޓުތައް ބަހާފައިވާކަމުގެ ޝަކުވާތައް އެ ޖަމްއިއްޔާއަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ފުލެޓު ހައްގުވެރިންގެ ދާއިމީ ލިސްޓުން ބޭރުން ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެދިފައިވާނެކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.

އެހެންނަމަވެސް އެ ޖަމްއިއްޔާއިން ބުނި ގޮތުގައި ޤާނޫނުގައި މައުލޫމާތު ހާމަކުރަން އޮންނަ މުއްދަތުކަމަށްވާ 21 ދުވަސް ފަހަނައެޅިއިރުވެސް މިނިސްޓްރީން އެ މައުލޫމާތު ހާމަކޮށްފައިނުވެއެވެ.

ސަރުކާރުން ވިދާޅުވި ގޮތަށް ފުލެޓުތައް ބަހާފައިވަނީ ނުލިބޭ މީހުންގެ ލިސްޓު ތަރުތީބުންތޯ ކުރޮސް ޗެކުކޮށް ބެލޭނީ ފުލެޓުތައް ބަހައިލި މީހުންގެ މައުލޫމާތު އެނގިގެންކަން ފާހގަަކޮށް އެ ޖަމްއިއްޔާއިން ބުނެފައިވަނީ އާންމުންގެ އެތައްހާސް ބައެއްގެ ހައްގާއި ގުޅުންހުރި މިފަދަ ކަމެއްގެ މައުލޫމާތު ހާމަނުކޮށް ސިއްރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޚާއްޞަކޮށް މި މައްސަލާގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުވުމާއެކު އެ މައުލޫމާތު ހާމަކުރަންޖެހޭނެކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

ހިޔާ ފުލެޓުތަކުގެ ތެރެއިން ހުސްވެފައިވާ ފުލެޓުތައް ބަހަމުންދަނީ ރިޒާވް ލިސްޓުގެ ތަރުތީބުންކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ނަމަވެސް ނާއިންސާފުން ވަކި ބަޔަކަށް ފުލެޓު ދެމުން އަންނަކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

މި ލިއުމާއި ގުޅޭ