Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

"ނަޝީދަށް ގިނަ ވޯޓު ލިބުމުން ޕީޕީއެމް އަށް ވެރިކަމަށް އަންނަން ފަސޭހަވާނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ލިބިއްޖެ ނަމަ، އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ވެރިކަމަށް އަންނަން ފަސޭހަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅުން ހުށަހެޅި ގަރާރަކަށް ބަހުސްކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ މިހާރު ކުރަން އޮތް "އެންމެ ރަނގަޅު" މަސައްކަތަކީ ނިޒާމުގެ ތެރެއިން މި ވެރިކަން ބަދަލުކުރުން ކަމަށެވެ. މަޖިލީހަށް ހުށަހަޅާ ކޮންމެ ގަރާރަކުން ވެސް ގޮވައިލަނީ "އިބޫ ނޫން ގޮތެއް ހޯދަން" ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެ، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ދަ ޑިމޮކްރެޓްސް ޕާޓި އުފައްދަން އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވާއިރު، އެ ޕާޓީން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ.
އާދަމް ޝަރީފް މިއަދު ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ބެލެވެނީ ރައީސް ނަޝީދެވެ. އަދި އިންތިހާބުގައި އެ މަނިކުފާނަށް އެންމެ މަދުވެގެން 30،000 ވޯޓު ހޯދުނަސް އޭގެ ސަބަބުން ޕީޕީއެމަށް ފައިދާ ވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެ ޕާޓީން ނުކުންނަވާ، އަޅުގަނޑަށް ހީވަނީ އިއްޒަތްތެރި ރައީސްހެން ވާދަކުރައްވާނީ، އެންމެ މަދުވެގެން ތިރީހަކަށް ހާސް ވޯޓު ނެގިކަމަށް ވިޔަސް، އެއީ ޕީޕީއެމް އަށް ލިބޭ ޕްލަސްއެއް، އަޅުގަނޑުމެން [ޕީޕީއެމް އިން] ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފައި އޮތްކަން ފާހަގަކުރައްވައި، އާދަމް ޝަރީފް ވިދާޅުވީ ކުރިން ކުރެވުނު ވަރަށް ސަރުކާރަށް މިހާރު ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އަދި އިންސާފުވެރިކަމާ އެކީ ޝަރީއަތް ހިނގައިފި ނަމަ ރައީސް ޔާމީން މިނިވަންވެ، މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އެހެންވީމަ މި ބަލަނީ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވޭނެ މަގު ފަހިވެގެންދާ ކަމަށް. އެހެންކަމަށް ވެއްޖިއްޔާ އިންސާފުވެރިކަމާއެކު ޝަރީއަތް ހިނގާ ކަމަށް ވާނަމަ، އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީން މިނިވަން ވެގެން، މި އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ސިޔާސީ މަޝްރަހު ބަދަލުވެގެންދާ ގޮތަށް ބަލާއިރު ދެ ސިޔާސީ ޕާޓީއެއް ފިޔަވައި، ރާއްޖޭގެ ގިނަ ސިޔާސީ މީހުން ބޭނުންވަނީ މި ވެރިކަން ނިންމައި، ވެރިކަން ބަދަލުކުރާށެވެ. އަދި "އެ މަގަށް ކަންކަން ފަހިވެގެންދާތަން" ފެންނަ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ އަށް ބަލާއިރު އެންމެ ގިނަ ވޯޓު ހޯދަނީ ޕީޕީއެމާއި އެމްޑީޕީންނެވެ. އެކަމަކު މިހާރު އެމްޑީޕީ ދެބައިވެފައި އޮތުމުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ވޯޓު ލިބޭނެ ކަމަށް ބެލެވެނީ ޕީޕީއެމް އަށެވެ.
މި ލިއުމާއި ގުޅޭ