ލ. ކުނަހަންދޫގެ ނަރުދަމާއާއި އެ ރަށުގެ އިންޖީނުގޭގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވަމުން އެ ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ކުނަހަންދޫގެ ނަރުދަމާއާއި އިންޖީނުގޭގެ މަސައްކަތް ވެސް ފެށި ގޮތަށް ވަކި ހިސާބަކުން އޮތީ ހުއްޓިފަ އެވެ.
އަދި އެ ދެ މަސައްކަތުގައި ރަށުގައި އުޅުނު މުވައްޒަފުން ވެސް މިހާރު އެހެން ދިމަދިމާލަށް ގެންގޮސްފައިވާ ކަމަށާއި، ސާމާނު ވެސް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.
"މައްސަލައަކީ މަސައްކަތް ފަށައި ވަކި ހިސާބަކުން ތަކެތި ގެންދިއުން. ކުނަހަންދޫ ރައްޔިތުންނަށް އެއްގޮތަކަށްވެސް ވާނުވާއެއް ނޭނގޭ. މަސައްކަތް ހުއްޓާލާފަ ސާމާނުތަކާއި އެ ވަޒީފާގައި އުޅުނު މީހުންވެސް އެހެން ތަންތަނަށް ގެންގޮސްފަ ވަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައި އޮންނަ އިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ މަޝްރޫއުތަކަށް ކަމަށް ބުނެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ބޮޑު އަދަދުން ފައިސާ ހަރަދު ކުރާތީ އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ނަރުދަމާގެ މަސައްކަތަށް ވަކި އަދަދެއް ބަޖެޓުކޮށްފައި އޮންނަ އިރު، ގްރީން ފަންޑުންނާއި އިންޑިއާގެ އެގްޒިމް ބޭންކުން ވެސް އެ މަޝްރޫއުތަކަށް ފައިސާ ނަގާފައިވާތީ އެވެ.
"މިދިޔަ ހަތަރު ފަސް އަހަރަށް ބަލައިފި ކަމަށް ވަންޏާ ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާނެ އަދަދުގެ ފައިސާ ވަކި ރަށްރަށަކަށް ބަޖެޓުކޮށްފަ ދީފައި އޮތް ނަމަވެސް އެ ފައިސާއަށް ވާގޮތެއް ނޭނގޭ،" ސައީދު ވިދާޅުވި އެވެ.
އެހެންކަމުން ރައްޔިތުންގެ ގުޅުންހުރި އެފަދަ އަސާސީ މަޝްރޫއުތައް ހަރުދަނާ ޒިންމާދާރު ގޮތެއްގައި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ކުނަހަންދޫ އިންޖީނުގެއާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށް ގަރާރުގައި ވަނީ ސަރުކާރަށް ގޮވައިލައިފަ އެވެ.