ސީދާގޮތުންނާއި ނުސީދާގޮތުން ބިދޭސީންނަށް މަންފާ ލިބޭގޮތަށް ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު އެކުލަވާލައިފިއެވެ.
އެ ގަވައިދުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ބިދޭސީންނަށް މަނާ ކަމަށް ބަޔާންކޮށްފައިވާއިރު ބިދޭސީއަކަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް މަންފާއެއްވާ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގުން ވެސް މަނާ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
އަދި އެފަދައިން އަމަލުކުރާކަން އެނގިއްޖެ ނަމަ ފައިސާ ލިބުނު ބިދޭސީއާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރާނެކަމަށާއި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ މީހާ 100،000ރ. އިން ޖޫރިމަނާކުރާނެކަމަށާއި އާ ވިޔަފާރިއެއް ރަޖިސްޓްރީކޮށްދިނުން ފަސް އަހަރަށް މަނާކުރުމުގެ އިތުރުން ވިޔަފާރި ރަޖިސްޓްރީ ބާތިލްކުރާނެކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.
އެގޮތުން މިފަދަ ފިޔަވަޅެއް އެއްވެސް ވިޔަފާރިއަކާ މެދު އަޅައިފި ނަމަ އެކަން އާންމުކޮށް އިއުލާނު ކުރަން ޖެހޭކަމަށްވެސް ގަވައދިުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ބިދޭސީން އަމިއްލަ ފަރުދުންގެ ވިޔަފާރިތައްކޮށްގެން ހޯދާ ކަމަށް ބެލެވޭ ފައިސާ ރާއްޖޭން ބޭރަށް ގެންދިއުން ހުއްޓުވުމުގެ ގޮތުން އެ ގަވައިދުގައި ވަނީ ޑިކްލެއާކޮށްފައިވާ، އެ މީހަކަށް ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް ކަމަށް ބެލެވޭ ނަމަ އެކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ބޭންކުތަކާއި، ރާއްޖޭން ބޭރަށް ފައިސާ ފޮނުވައިދޭ ފަރާތްތަކުން އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ.