ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަހަރީ ބަޖެޓުގެ ގޮތުގައި 85 މިލިއަން ރުފިޔާ ފާސްކޮށްފި އެވެ.
އެފްއޭއެމްގެ އަހަރީ ބަޖެޓް ފާސްކުރުން އޮތީ ރޭ ސޯޝަލް ސެންޓަރުގަ އެވެ. އަހަރީ އާއްމު ޖަލްސާގައި 13 ކްލަބް ތަމްސީލުކުރި އެވެ.
ބަޖެޓުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 83 މިލިއަން ރުފިޔާ އެވެ. އެހީގެ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 85 މިލިއަން ރުފިޔާ އެވެ. މިއާ އެކު ބަޖެޓުގެ ދެ މިލިއަން ވެގެންދާނީ ފައިދާ އަށެވެ.
ބަޖެޓް ފާސްކުރުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަހަރުގެ ބަޖެޓުގެ ބޮޑު ދައުރެއް އޮންނާނީ 'ޓުވާޑްސް ފިއުޗާ' ގެ ދަށުން ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމުގެ އިތުރުން އެކެޑަމީތަކަށް ކަމަށެވެ.
މިދިޔަ އަހަރު އެފްއޭއެމް އިން ފާސްކުރި އަދަދާ އެއްވަރަށް ފައިސާ ލިބިފައެއްނުވެ އެވެ. ބައްސާމް ވިދާޅުވީ އެގޮތަށް ކަންކަން ދިމާވީ ކޮވިޑާ ގުޅިގެން ކުންފުނިތަކަށް އައި ގޮންޖެހުން ކަމަށެވެ. އެގޮތުން، ބޭނުންވާ ސްޕޮންސަރުން ހޯދަން އުނދަގޫވިކަން ބައްސާމް ފާހަގަކުރެއްވި އެވެ.
އެފްއޭއެމުން މިހާރު އަންނަނީ ސަރުކާރާ ގުޅިގެން ސްޕޮންސަރުން ހޯދަން މަސައްކަތް ކުރަމުންނެވެ. މިގޮތުން މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރަކީ އެމްޑަބްލިއުއެސްސީ އެވެ. އެފްއޭއެމުން އަންދާޒާ ކުރަނީ ކުރިއަށް އޮތް މަސްތަކުގައި ސަރުކާރު ކުންފުނިތަކުގެ ސްޕޮންސާ ލިބޭނެ ކަމަށެވެ.
އެފްއޭއެމްގެ ހިންގުން ދޯދިޔާވެ ފުޓްބޯޅަ ފަހަތަށް ދާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އެ އެސޯސިއޭޝަނަށް އަންނަނީ އަމާޒުވަމުންނެވެ. ހާއްސަކޮށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ކުޅުންތެރިންނަށް މުސާރަ ދެވޭނެގޮތެއް ނެތުމަކީ ޓީމުތަކަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެފްއޭއެމްގެ ބަޖެޓުގައިވާ ފައިސާގެ ތެރެއިން ބޮޑު އަދަދެއް ކުރީގެ ކޯޗުންނަށް ވެސް ދޭންޖެހުނެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ހަރަކާތްތައް މަޑުޖެހި ގިނަ ކުޅުންތެރިން މިހާރު ފެންނަނީ ފުޓްސަލް އިންނެވެ. ފުޓްސަލްގެ މުބާރާތްތަކުގެ ފޯރި ގަދަވެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ގިނަ ކުޅުންތެރިންތަކެއް ވަނީ ދޫކޮށްލައިފަ އެވެ. ފުޓްބޯޅައިގައި ސަރަހައްދުގެ ގައުމުތައް ބަލިކުރަން ވެސް ރާއްޖެ އަށް މިހާރު އުނދަގުލެވެ.