ލޯކަލް ކޮމިއުނިޓީތަކަށް އެހީތެރިވުމުގެ ގޮތުން, ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ ސްޓްރެޓެޖީގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ނ. އަތޮޅުގެ ދެ ރަށެއްގައި އާ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތަކެއް ހުޅުވައިފި އެވެ.
ބީއެމްއެލް އިން ބުނީ މާފަރާއި މިލަދޫގައި ހުންނަ އޭޓީއެމް ސެންޓަރުތަކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމާއި، ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށެވެ. ނ އަތޮޅުގެ ކެނދިކުޅުދޫ، މަނަދޫ، ވެލިދޫ އަދި ހޮޅުދޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރާއި ބީއެމްއެލްގެ ހިދުމަތް މިހާރު ވެސް ލިބެން ހުރެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓަމްކޭ ވިދާޅުވީ ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ އިންވެސްޓްމަންޓްކުރިއަށް ގެންދާއިރު، އެބޭންކުގެ ފޯކަސް އަދިވެސް ދެމިއޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކުރުމުގެ ގޮތުން މިރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކާއި އިޤްތިޞާދަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
ރާއްޖޭގެ 20 އަތޮޅެއްގައި 38 ބްރާންޗް، 87 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ އެޖެންޓުން އަދި ޑިޖިޓަލް ބޭންކިންގެ ފުލް ސުއިޓެއް ހިމެނޭ ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އެންމެ ބޮޑު ބޭންކެވެ.