ވޮލީބޯޅައަކީ ފާއިތުވި އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަގުބޫލު ކުޅިވަރަކަށްވަނީ ވެފައެވެ. ޚާއްސަކޮށް ރަށްރަށުގައާއި ރިސޯޓުތަކުގައި ފޯރިގަދަ ވޮލީ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. ދާދި ފަހުން ދިވެހި ފަސްގަނޑުގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގްވާމީ ވޮލީ މުބާރާތް ކަމުގައިވާ ފޯ ނޭޝަންސް ކަޕް ކުރިއަށް ދިޔައިރު ސޯޝަލް ސެންޓަރުން ފެނިގެންދިޔަ ކުޅިވަރުގެ ރޫޙާއި ކުޅިބަލަންތިބި މީހުންގެ ފޯރި އާއި ޖޯޝުން ވޮލީ ބޯޅައަށް ދިވެހިންގެ ހުރި ޝައުގުވެރިކަން ފާހަގަކޮށްލެވެއެވެ.
ދިވެހި އަންހެން ގައުމީ ވޮލީބޯޅަ ޓީމު މިފަހަރު މި ކުރިމަތިލަނީ މިއަދު ނޭޕާލުގައި ފަށާ ކާވާ ޗެލެންޖް ކަޕުގައި ވާދަކުރުމަށެވެ. ފޯ ނޭޝަންސް ކަޕުގައި މެލޭޝިޔާ އަދި ސިންގަޕޫރާ ވާދަކޮށް ރިހި މެޑަލް ހޯދި އަންހެން ވޮލީބޯޅަ ޓީމު މި މުބާރާތާ ކުރިމަތިލަނީވެސް މެޑަލެއްގެ އުންމީދުގައެވެ.
މި މުބާރާތުގައި ދިވެހިރާއްޖޭގެ އަންހެން ވޮލީ ބޯޅަ ޓީމު ވާދަ ކުރާ ހުރިހާ މެޗެއް މީޑިއާނެޓުގެ އައިސް ޓީވީ މެދުވެރިކޮށް ފެންނާނެއެވެ. އަދި މީޑިއާނެޓު ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް މި މެޗު ވަގުތުން ބަލާލެވޭނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ބައްދަލުކުރާނީ ކަޒަކަސްތާނާއި ދެކޮޅަށް ރާއްޖެގަޑިން މިއަދު 18:15 ގައެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ޓީމުންވަނީ އިއްޔެ ނޭޕާލުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮއްސައެވެ. ޓީމަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސާފައިވާއިރު މިފަހަރުގެ މުބާރާތުގައިވެސް ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަންކަން ކުރާނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާކަމަށް ގިނަބަޔަކު ފާހަގަކުރާ ހައްވާ ރާޝިދާއެވެ.
ހުރިހާ ކުޅުންތެރިންނާއި ވޮލީބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކުގެ އުންމީދަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމު މި މުބާރާތުގައި ކާމިޔާބީ ޙާސިލްކުރުމެވެ. މުބާރާތް ނޭޕާލުގައި ކުޅުނު ކަމުގައިވިޔަސް ޓީވީގެ ޒަރިއްޔާއިން ޓީމަށް ސަޕޯރޓްކުރުމަށް ދިވެހިން ތިބީ ތައްޔާރުގައިކަން ކަށަވަރެވެ.