Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ސިފައިންނަށް ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދުތަކެއް ހާމަކުރަން އައިކޮމްއިން ޑިފެންސަށް އަންގައިފި

ސިފައިންގެ އާންމު ގަވާއިދާއި ސިފައިންގެ މައްސަލަތައް ބެލުމާ ގުޅޭ އިތުރު ދެ ގަވާއިދެއް އާންމު ކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން ޑިފެންސް މިނިސްޓްރީއަށް އަންގައިފިއެވެ.

އެ މައްސަލައަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ޑިފެންސް މިނިސްޓްރީއަށް މައުލޫމާތު ހޯދުމަށް އާންމު މީހަކު ހުށަހެޅި ހުށަހެޅުމަކަށް އެ މިނިސްޓްރީން ޖަވާބެއް ދީފައިނުވާތީ ކޮމިޝަނުން ބެލި މައްސަލައެކެވެ.

މައުލޫމާތު ހޯދުމަށް އެދުނު ފަރާތުން ވަނީ ސިފައިންގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީން ހަދަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ތިން ގަވާއިދެއް ހާމަކުރުމަށް އެދިފައެވެ.

އެ ތިން ގަވައިދަކީ:

  • - ސިފައިންގެ އާންމު ގަވާއިދު
  • - ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމުގެ ގަވާއިދު
  • - ސިފައިންގެ މީހުންނާ މެދު ކުރެވޭ ޝަކުވާތައް ތަހުގީގުކޮށް އެކަންކަމާ މެދު ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދު

މައުލޫމާތު ހާމަ ކުރަން އެދޭތާ 21 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭން ޖެހޭކަމަށް އޮންނައިރު ޑިފެންސް މިނިސްޓްރީން ވަނީ އެ ގަވާއިދުތައް ހިއްސާ ކުރެވެން އޮންނަނީ ގިނަ ލިޔުންތަކެއް ދިރާސާކޮށްގެން ކަމަށް ބުނެ ޖަވާބު ދިނުމަށް އިތުރު 14 ދުވަހަށް ވެސް އެދިފައެވެ.

ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް މައުލޫމާތު ހާމަ ކުރުމާ ބެހޭގޮތުން މިނިސްޓްރީން ޖަވާބެއް ދީފައެއް ނުވެއެވެ.

އެހެންވެ މައުލޫމާތު ހޯދަން އެދުނު ފަރާތުން އައިކޮމްއަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން ބޭއްވި އަޑުއެހުމުގައި ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަހުން މިނިސްޓްރީން ޖަވާބެއް ދީފައިވާ ކަމަށެވެ.

އެ ޖަވާބުގައި ބުނެފައިވަނީ ޒަމާނުއްސުރެ ސިފައިންގެ ގަވައިދުތަކަކީ ސިއްރު ގަވާއިދުތަކެއް ކަމަށް ބެލެވޭތީ ގެޒެޓުގައި ޝާއިއުކޮށް ހާމަ ކުރަމުންދާ އެއްޗެއް ނޫން ކަމަށާއި އެ ގަވައިދުތަކަކީ ސިފައިންގެ މައްޗަށް ނެރެވޭ ގަވައިދުތަކަށް ވާތީ ހާމަ ކުރަނީ ހަމައެކަނި ސިފައިންނަށް ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ ގަވައިދުތަކުން ހާމަ ކުރެވޭނެ ބައިތައް ގެޒެޓުގައި ޝާއިއުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮމިޝަނަރު އާހިދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާ މުއްދަތުތަކާއި އުސޫލުތަކަށް އަމަލު ނުކުރުމަކީ މައުލޫމާތެއް ފޯރުކޮށްދިނުމަށް އިންކާރުކުރުން ކަމަށް ގާނޫނުގެ މަގުސަދަށްޓަކައި ބެލެވޭނެ ކަމަށެވެ.

އަދި ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި ހަމަތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ ތަކެތިކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ހަމައެފަދައިން އެއީ ސިއްރު ގަވައިދުތަކެއް ކަމަށް ކުރިން ބަލަމުން ދިޔަ ނަމަވެސް މިނިސްޓްރީން ފަހުން ދީފައިވާ ޖަވާބުންނާއި އައިކޮމްގެ އަޑުއެހުންތަކުގައި ދެއްކި ވާހަކަތަކަށް ބަލާއިރު އެ ގަވާއިދުތައް އާންމުނުކޮށް ހިފެހެއްޓުމަކީ މިނިސްޓްރީގެ މަގުސަދު ނޫންކަން އެނގޭ ކަމަށްވެސް އާހިދު ވިދާޅުވިއެވެ.

އެކަންކަން ފާހަގަކުރައްވާ މި މައްސަލައާ ގުޅިގެން އާހިދު މިއަދު ނިންމެވީ މިނިސްޓްރީން އަމަލުކޮށްފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ކަމަށެވެ. އަދި އެ މައުލޫމާތަކީ އިސްތިސްނާ ހާލަތަކަށް ނުފެތޭ މައުލޫމާތެއްކަން ފާހަގަކުރައްވާ ކޮމިޝަނަރު ވަނީ 17 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަ ކުރުމަށް މިނިސްޓްރީއަށް އަންގަވާފައެވެ.

މީގެއިތުރުން އެ ގަވާއިދުތައް އާންމުކޮށް ޝާއިއުކުރަން ވެސް ކޮމިޝަނަރު އާހިދު މިނިސްތްރީއަށް އަންގަވާފައިވެއެވެ.

މި ލިއުމާއި ގުޅޭ