ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މަޖިލީހުން އަޒުލުކުރުމުގެ ފުރުސަތު ބޮޑުކަމަށާއި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ދެން ވާދަ ކުރަން ޖެހޭނީ ފިކުރެއްގެ ދިރުމުން އަލަށް އުފައްދާ ޕާޓީ "ދަ ޑިމޮކްރެޓްސް"އާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލިހުގެ 12 މެންބަރުންގެ ނަން އެ މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމާ އެކު، އެ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މަޖިލީހުން އަޒުލުކުރުމުގެ ފުރުސަތު ބޮޑުކަމަށާއި އިންސާފުވެރި ނުފޫޒުތަކުން އެއްކިބާވެފައިވާ ރިޔާސީ އިންތިހާބެއް ބޭއްވިއްޖެނަމަ މަދުވެގެން 50،000 ވޯޓުގެ ތަފާތުން ރައީސް އިބްރާހިމް ބަލިވާނެކަމަށެވެ.
އެކަންފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ދެން ކުރި އަރާނެކަމަށް ބެލެވެނީ އަދި ޕީޕީއެމް ޕީއެންސީން ވާދަ ކުރަން ޖެހޭނީ ދަ ޑިމޮކްރެޓްސްއާކަމަށެވެ.
އެމްޑީޕީން ވަކިވި މެންބަރުން އަންނަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އިލްކެޝަން ކޮމިޝަން (އީސީ)ން އެ ޕާޓީ ރަޖިސްޓަރީ ކޮށްދޭ ހިސާބުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މިހާރު އޮތް އިދިކޮޅު ޕީޕީއެމްގެ ބަދަލުގައި މައިނޯރިޓީ ޕާޓީއަކަށް ވާނީ އަލަށް އުފައްދާ އެ ޕާޓީއެވެ.