Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޙުސައިން ފިރުޝާން

އިމްރާން ހުންނެވީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ވެލި އަޅާ ފޮރުވައިގެން: ފިރުޝާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނިޔާވި ގދ.ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައަށް ވެލި އަޅުއްވައިގެން ފޮރުވައިގެންކަމަށް ރައްޔިތުން މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މެންބަރު ފިރުޝާން މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އިމްރާނާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުގެ ބައެއް މެންބަރުން އިހްތިޖާޖުކުރެއްވުމާއި ގުޅިގެން އެ މެންބަރުންނާ ދެކޮޅަށް އިމްރާން ކުރެއވްި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

އިމްރާންގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ހަޅޭލެވިޔަސް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކަމަށެވެ.

އިމްރާންގެ ޓްވީޓަށް ރައްދު ދެއްވާ ފިރުޝާން ވަނީ މިނިސްޓަރު އިމްރާން އިސްތިއުފާ ދިނުމަށް ގޮވާލައްވާފައެވެ.

އަދި އިމްރާން ހުންނެވީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ވެލި އަޅާ ފޮރުވައިގެންކަމަށާއި އޭނާއަކީ އަނިޔާވެރިއެއްކަމަށްވެސް ފިރުޝާން ވިދާޅުވެފައިވެއެވެ.

މެންބަރު ފިރުޝާން މިފަދައިން ވިދާޅުވެފައިވާއިރު އަބްދުﷲ ރަޝީދުގެ މަރުގައި އާންމުންނަށް ފެނުނު ކަންތައްތަކަށް ބަލައި ގޮތް ނުނިންމޭނެ ކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާން ވަނީ އެ މައްސަލައިގައި ޝާމިލްވާ ފުލުހުން ދިފާއުކުރައްވާފައެވެ.

އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށާއި، ކަން ހިނގައި ދިޔަ ގޮތް އޭނާ ހިމެނޭހެން ގިނަ ބަޔަކަށް ފެނިފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި ޝާމިލްވާ އެއްވެސް ފުލުހަކަށް ފިޔަވަޅު އަޅާފައިވާނެތޯ ރައްޔިތުންގެ މަޖިލީހުގެ މީގެކުރިން ޖަލްސާއެއްގައި އެ ދާއިރާގެ މެންބަރު ފިރުޝާން އިމްރާނާ ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ފުލުހުން ދިފާއުކޮށް އިމްރާން ވިދާޅުވީ ކަން ހިނގައި ދިޔަގޮތް ބަލަން ތިބި މީހުންނަށް ފެނުން ގޮތާއި، އެ މައްސަލަ ތަހުގީގުކޮށް ތަހުގީގީ ނަޒަރަކުން ބެލުމުން ފެންނަ ގޮތް ތަފާތުވާނެ ކަމަށެވެ.
ހޯޑެއްދޫގައި ކަން ހިނގައި ދިޔަގޮތް މީހުންނަށް ފެނުނު ނަމަވެސް، އޭގެ ކުރިންނާއި ފަހުން ކަންތައް ވީގޮތް ރައްޔިތުންނަށް ނުފެންނާނެ ކަމަށާއި، އެހެންކަމުން އެ ވަގުތުކޮޅުގައި ފެނުނު ކަންތައްތަކަށް ބަލައި އެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ނިންމުމަކީ ރަނގަޅުކަމެއް ނޫންކަމަށް އިމްރާން ވިދާޅުވި އެވެ.

".. މެދުތެރެއިން ފެނިފައި އިން ބައެއްގެ މައްޗަށް ބަލާފަ މައްސަލައެއްގައި އެވަރުގެ ޖަޖްމަންޓެއް ނެރުން [ފުލުހުންގެ އިހުމާލުން އޮތްކަމަށް ނިންމުން] އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. ތަހުގީގީ ނަޒަރަކުން އެ މައްސަލަ ބަލަންޖެހޭނެ ކަމަށް ގަބޫލުކުރަން،" އިމްރާން ވިދާޅުވިއެވެ.

"ރައްޔިތުންގެ ކުރިމަތިން އޭނަ ގެންދިޔަ އިރު، އެ ފެނިގެންދިޔަ ފަސް މިނެޓުގެ މައްޗަށް ނުވަތަ ދިހަ މިނެޓު ކިޔަމާ ހިނގާ ދިގުކޮށް، އެވަގުތަށް ބަލާފަ އެކަމުގެ މައްޗަށް ޖަޖްމަންޓެއް ނެރެފިއްޔާ އަޅުގަނޑު ގަބޫލުކުރަނީ އެއީ ނުބައި ޖަޖްމަންޓަކަށް ވާނެކަމަށް. އެއީ އެއަށްވުރެ މާ ބޮޑު މައްސަލައެއް، ފަހަތުގައި މާ ގިނަ ކަންކަން ހުރި މައްސަލައެއް،" އިމްރާން އިތުރަށް ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު 25 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަބްދުﷲ ރަޝީދު ހައްޔަރުކުރީ މަޑަވެލިންނެވެ. އޭނާ ހައްޔަރުކޮށްގެން ލޯންޗުގައި ގެންދަން އުޅެނިކޮށްވެސް، ނޭވާލާން އުނދަގޫވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންގޮސްދިނުމަށް އޭނާ އެދުނު ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. ރަށުން ގެންދަން، ބަނދަރު ކައިރީ ހުއްޓާވެސް އޭނާގެ ހާލު ދެރަވެގެން ބިންމަތީވެސް އޭނާ އޮތް ކަމަށް މައުލޫމާތުލިބެއެވެ.

އެ މަންޒަރު އެ ދާއިރާގެ މެންބަރު ފިރުޝާން ހިމެނޭހެން އެރަށުގެ ވަރަށް ގިނަ ރައްޔިތުންނަށް ފެނިފައިވެއެވެ. އަދި ފިރުޝާންވެސް ވަނީ އަބްދުﷲ ރަޝީދު ޑޮކްޓަރަކަށް ދެއްކުމަށްފަހު ހައްޔަރަށް ގެންދިޔުމަށް އެދިފަ އެވެ. އެކަމަކު ފުލުހުން އެކަމާ ދެކޮޅު ހަދައި ލޯންޗުގައި ގެންދަނިކޮށް ކަނޑުމައްޗަށް ނިޔާވީއެވެ.

އޭނާ ނިޔާވީ މެއަށް ތަދެއް އަރައި، ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމަށް ފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ. ބަނދަރު ސަރަހައްދުގައި ހުރެ އަބްދުﷲ ރަޝީދު އޭނާ މަރުވަނީ ކަމަށާއި އޭނާ ޑޮކްޓަރަށް ގެންދިޔުމަށް އެދި އާދޭސް ކުރި މަންޒަރު އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހެއްގެ ބޮޑީކެމްއަށް އަރާފައިވައިވާ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު ފުލުހުން ވަނީ އެ އޮޕަރޭޝަންގައި ބޮޑީ ކެމް ބޭނުން ނުކުރާ ކަމަށް ބުނެފައެވެ.

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އާއިލާގެ ރުހުމާ ދެކޮޅަށް މިދިޔަ އަހަރު ހެދި ޕޯސްޓްމޯޓަމްގެ ރިޕޯޓުވެސް އަދި ހާމަކޮށްފައެއްނުވެއެވެ.

މި ލިއުމާއި ގުޅޭ