Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

މަންމަގެ ހުވަފެން ހަގީގަތަކަށް ހަދައިދީ، ރާއްޖޭގެ ފުރަތަމަ ޓިވެޓް ޕީއެޗްޑީ ހޯލްޑަރަށް

މިހާރު ސިޔާސީ ދާއިރާއިން ގިނަ ބަޔަކަށް އެނގުނަސް، ޏ. ފުވައްމުލަކަށް އުފަން އަބްދުﷲ އިބްރާހީމް އަކީ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭނެ ބޭފުޅެކެވެ. ޕްރައިމަރީ ޓީޗަރުކަމުން، ހެޑްމާސްޓަރު ކަމުން، އެންވޯއީގެ މަގާމުން ގޮސް ކުރި ބުރަ މަސައްކަތުން މިއަދު އަބްދުﷲ އަށް ޑރ. ގެ ލަގަބު ލިބިއްޖެ އެވެ. ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން (ޓިވެޓް) ދާއިރާއިން ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ އޭނާ ހާސިލްކުރީ ގިނަ އުންމީދުތަކަކާ އެކު އެވެ.

ހިތުގައި އޮތީ ކިޔަވައިގެން ދެވޭ އެންމެ މައްޗަކަށް ދާން!

ސްކޫލު ދައުރު ނިންމާލުމަށްފަހު އެންމެ ފުރަތަމަ އަބްދުﷲ ހެދީ ޓީޗިން ކޯހެކެވެ. 1985 އާއި 1986 ގައި ޓީޗިންގެ އެޑްވާންސް ސެޓްފިކެޓް ހަދައިގެން ޏ. އަތޮޅު ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް އޭނާ މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން 1999 ގެ ޑިސެމްބަރުން ފެށިގެން އެކްޓިން ރ. އިނގުރައިދޫ ދްކޫލާއި މ. މުލަކު ސްކޫލުގެ ހެޑްމާސްޓަރުކަމުގެ ވަޒީފާގައި އުޅުމަށްފަހު ސަރުކާރުން ލިބުނު ފުރުސަތެއްގައި، 2002 ވަނަ އަހަރު ލަންކާގެ ބްރިޓިޝް ބިޒްނަސް ކޮލެޖުން، ސްކޫލު މެނޭޖްމަންޓްގެ ޑިޕްލޮމާ ހާސިލްކުރެއްވި އެވެ.

އެއަށްފަހު ދ. މީދޫ ސްކޫލާއި ބ. ދަރަވަންދޫ ސްކޫލުގެ ހެޑްމާސްޓަރު ކަމުގައި އަހަރުތަކެއް އުޅުއްވުމަށްފަހު އެ ވަޒީފާއިން ވަކިވެ، 2008 ވަނަ އަހަރުން 2011 ވަނަ އަހަރުގެ ތެރޭގައި ޔޫކޭގެ ޔުނިވާސިޓީ އޮފް ނޮޓިންގްހަމް އިން އެޑިއުކޭޝަނަލް ލީޑާޝިޕްގެ ޑިޕްލޮމާއިން ފެށިގެން މާސްޓާސްއާ ހަމައަށް އަބްދުﷲ ކިޔަވާ ވިދާޅުވި އެވެ. އަދި 2011 ވަނަ އަހަރު އެމްކިއުއޭގެ ޑިރެކްޓަރު ކަންވެސް އަދާކުރެއްވި އެވެ.

" އެ ދެ ކޯސް ނިންމާފަ އެއީ ޕްރީ ކޮލިފިކޭޝަނަކަށް ބިނާކޮށްފަ ޕީއެޗްޑީ ފެށީ. ޓީޗިންގެ އެޑްވާންސް ސެޓްފިކެޓް ލިބިގެން ތައުލީމީ ދާއިރާއަށް ވަދުނީއްސުރެ ހަމަ ކިޔެވުމުގެ ކަންތައްތަކުގައި އުޅެމުން މިއައީ. ތައުލީމަކާ ދުރެއް ނުވެވޭ، އަބްދުﷲ ވިދާޅުވި އެވެ.
"އޭރުވެސް [ސްކޫލު ދައުރުގައި ވެސް] ވިސްނުމުގައި އޮވޭ ހިޔާލު މިގޮތަށް ކިޔަވައިގެން ދެވޭ އެންމެ މައްޗަކަށް ދާން. އެހެންވެ މި ޕީއެޗްޑީ ފުރިހަމަ ކުރެވުނީ އޭރުވެސް އަޒުމުގައި އެ އޮންނަ އެއްޗަކުން. ދެން ނަސީބު ދިމާކުރި ގޮތުން ލިބުނު ފުރުސަތުން."
1980 ގެ އަހަރުތަކުގައި އޭރު ރާއްޖެ މާބޮޑަށް ޓިވެޓަށް އަހުލުވެރިއެއް ނޫނެވެ. މޮޅީ ހިތު ދަސްކުރަން މޮޅު ކުދިންނެވެ. އިނާމު ލިބެނީ ޓެސްޓުން ފުލް މާކްސް ހޯދާ ކުއްޖަކަށެވެ. އެކަމަކު 2006 ވަނަ އަހަރު އެންމެ ފުރަތަމަ ރާއްޖޭގައި ސްކޫލު ޓިވެޓު ތައާރަފުކުރި އިރު، ކަން ދިމާކުރި ގޮތުން އަބްދުﷲ އަށް އުޅެވުނީ އެ ކަމުގެ ތެރޭގަ އެވެ.
އޭރު ސެންޓާ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން (ސީސީއީ) އިން އެކަމަށް ކޮންސެޕްޓް ޕޭޕަރެއް ތައްޔާރުކޮށް، ރާއްޖެއިން ހޮވާލެވުނު އަތޮޅުތަކާއި މާލޭގެ ސްކޫލުތަކުގެ ތެރެއިން ހޮވާލެވުނު ސްކޫލުތަކުގައި ޕައިލެޓް ޕްރޮގުރާމެއްގެ ގޮތުގައި ޓިވެޓް ކުރިއަށް ގެންދަން ނިންމި އެވެ. އޭރު އަބްދުﷲ މަސައްކަތް ކުރެއްވީ ސީސީއީގެ އެ ޕްރޮގުރާމުގެ ހެޑެއްގެ ގޮތުގަ އެވެ. އެ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވީ އެހާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމުގެ ތެރޭގައި މަސައްކަތް ކުރެވުނީމަ އެނގިއްޖެ، ޓިވެޓް އަކީ އެއީ ރާއްޖެ ކަހަލަ ގައުމަކަށް ވަކިން ހާއްސަކޮށް ގިނަ އަދަދަކަށް ބިދޭސީން އެތެރެކޮށްގެން އުޅޭ ކަހަލަ ގައުމަކަށް ވަރަށް މުހިންމު އެއްޗެއްކަން ސްކޫލު ތެރޭގައި ކުރިއަށް ގެންދިއުން. އެހެންވީމަ އެ މަސައްކަތުގެ ތެރެއިން އަސްލު އިންސްޕަޔާވީ،" އަބްދުﷲ ވިދާޅުވި އެވެ.
އެކަމުން އިންސްޕަޔާވެގެން ޓިވެޓްގެ ތެރެއަށް ވަދެވުން ގޮތަށް، ކުރީ ސަރުކާރުގެ ތެރެއިން ލިބުނު ފުރުސަތެއްގައި މެލޭޝިއާގެ އެމްބަސީގައި އެންވޯއީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަބްދުﷲ ގެ ޕީއެޗްޑީ ފެށީ 2017 ވަނަ އަހަރު، މެލޭޝިއާގެ ޔޫޓީއެޗް އެމް ޔުނިވާސިޓީންނެވެ. އެއީ ޓިވެޓަށް ސްޕެޝަލައިޒްޑް ޔުނިވާސިޓީއެކެވެ.

އޭރު މެލޭޝިއާގައި ވަޒީފާގައި އުޅެމުން ކިޔަވާ ގަޑިތައް މެނޭޖްކޮށް ކުރި މަސައްކަތުން، މި މަހު 20 ގައި އަބްދުﷲ އަށް ވަނީ ޕީއެޗްޑީ ނުމުނު ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

"އަޅުގަނޑު ޕީއެޗްޑީ ހާސިލް ކުރުމަކީ މަންމަގެ ވަރަށް ބޮޑު ހުވަފެނެއް. އެހެންވީމަ މަންމަ ދުނިޔޭގައި ހުއްޓައި މިކަން ނިމުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުގެ އަންހެނުންނާއި މުޅި އާއިލާއިން ވެސް ވަރަށް ބޮޑަށް އެހީތެރިވި މިކަމަށް،" އަބްދުﷲ ވިދާޅުވި އެވެ.

ގައުމު ކުރިއަރާނީ ޓިވެޓް ތައުލީމު ފެތުރިގެން

ޕީއެޗްޑީއާއެކު އަބްދުﷲ ގެ އުންމީދުތަކާއި ހުވަފެންތައް އަދި ނިމުނީކީ ނޫނެވެ. އޭނާ ދެކިލައްވާ ގޮތުގައި މޮޅު ކުދިންނަކީ ހަމައެކަނި ހިތުދަސްކޮށްގެން ޓެސްޓުން މަތީ މާކްސް ހޯދާ ކުދިންނެއް ނޫނެވެ. ބޭނުންވަނީ އެހެން ތަފާތު މަސައްކަތްތަކުގެ ހުނަރު ހުންނަ ކުދިންވެސް ބާކީ ނުކޮށް މިހާރަށްވުރެ ބޮޑަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދޭށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އެޗީވާޒްގެ ޓޮޕް މީހުން ކަމަކަށް. އެ [ކޭމްބްރިޖްގެ] އެ [އޯލެވެލް] އެގްޒާމް ނަހަދާވެސް ރާއްޖޭގައި މޮޅެތި ކުދިން އެބަ ތިބޭ. ކިޔެވުން މި އޮންނަނީކީ ހަމައެކަނި އެކަޑެމިކް ދާއިރާގެ އިކޮނޮމިކްސް ނޫނީ ބައިލޮޖީ ކަހަލަ މާއްދާތަކުން މަތި ހޯދައިގެނެއް ނޫން. އެ މާއްދާތަކުން މަތި ނުހޯދުނަސް ހަމަ އެބަހުރި މަސައްކަތުގެ ދާއިރާއިން ސްކިލް ބޭސްޑް މޮޅެތި ކުދިން،" އަބްދުﷲ ވިދާޅުވި އެވެ.
"ކްލާސްތަކުގައި ކިޔަވަމުންދާ ކުދިންތަކުގެ ތެރެއިން އެކަޑެމިކް މާއްދާތަކަށް އަދި މޮޅު ނޫން ކުދިންވެސް ސްކޫލުތަކުގައި ކިޔަވާނެ ކަމާއި، މުޖްތަމައުގައި ތިބޭނެ ކަމާއި އެކުދިންނަށް ވެސް ކުރިއަށް ދެވޭނެ ގޮތެއް އޮންނަންޖެހޭނެ. ޓިވެޓް ފުޅާކޮށް ކުރިއަރުވަން ޖެހެނީ މިހެންވެގެން."
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އެކަން މިހާރު ކުރާކަން ފާހަގަކޮށް އަބްދުﷲ ވިދާޅުވި ގޮތުގައި އެކަން ރާއްޖޭގައި ހަރުދަނާކޮށް ދާތަނެއް ނުފެނެ އެވެ.
"ވަކިން ހާއްސަކޮށް މިހާރު، ކުރީގެ ސަރުކާރުތަކުން ކޮންމެވެސް ވަރަކަށް އެބަހުރި މިކަމަށް މަސްކަތްތަކެއް ކޮށްފަ، އެއްވެސް ކުއްޖަކު ބާކީ ނުކުރަން. ހުނަރުވެރި ކޮންމެވެސް އެހެން ދާއިރާއަކުން ކުރިއަށް ދެވޭނެކަން ދެއްކީމަ މުޖްތަމައުގައި އެއްވެސް ކުއްޖަކު ބާކީއެއް ނުވާނެ. އެކުދިންނަށް ވެސް އޮންނާނެ ދިރިއުޅުމުގައި މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު. ފަގީރުކަން ނައްތާލެވޭނެ." އަބްދުﷲ ވިދާޅުވި އެވެ.
"ރާއްޖެ ކަހަލަ ގައުމެއްގައި ބިދޭސީ މީހުން ލޭބަރުންގެ ގޮތުގައި ގެނެސްގެން ރާއްޖެއަށް އިގްތިސާދަށް ވަންނަ ފައިސާ ބޭރަށް މިދާ ދިއުން ހުއްޓި، ދިވެހިންގެ ތެރެއިން ދިވެހިން ނުކުމެ މި ހުރިހާ މަސައްކަތެއް ދަސްކޮށް އާމްދަނީ ލިބޭނެ."
އޭނާ ވިދާޅުވި ގޮތުގައި ސްޓަޑީން ފެންނަ ގޮތުގައި ސްކޫލް ނިންމާ ކުދިންގެ ތެރެއިން މަތީ ތައުލީމާ ހަމައަށް ދެވެނީ ތިންބައިކުޅަ އެއްބައި ކުދިންނަށެވެ. އަނެއް ދެބައި ކުދިން ދަނީ ފެއިލްވެގެން، ކަމަށާއި އެކުދިންނަށް ފުރުސަތު ނޯން ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"އެހެންވީމަ އެއީ އިގްތިސާދީ ގޮތުން ގައުމަށް އަންނަ ވަރަށް ބޮޑު ހީނަރުކަމެއް. އެހެންވީމަ ގައުމު ހުރިހާ ގޮތަކުންވެސް ރަނގަޅު ފުދުންތެރި ގައުމަކަށް ވާނީ ޓިވެޓް ކަހަލަ ތައުލީމު ރަނގަޅަށް ފެތުރިގެން،" އަބްދުﷲ ވިދާޅުވި އެވެ.

އުންމީދަކީ މިހާރަށްވުރެ ބޮޑަށް ސަރުކާރުތަކުގެ ސިޔާސަތުގެ ތެރެއަށް ޓިވެޓް ވަދެގެން ދިއުން

އަބްދުﷲ މިހާރު ބައެއް ކޮލެޖްތަކަށް ޕާޓް ޓައިމްކޮށް ކިޔަވައިދިނުމާއި، ބައެއް ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމުގެ މަސައްކަތް ކުރި ނަމަވެސް އޭނާ ބޮޑަށް މަސްއޫލުވެ އުޅެނީ ޕީޕީއެމްގެ ސެނެޓަރެއްގެ ގޮތުން ސިޔާސީ މަސައްކަތުގަ އެވެ.

ޓިވެޓުން ޕީއެޗްޑީ ހާސިލްކޮށް ސިޔާސީ ދާއިރާއަށް ވަދުނީ އަބްދުﷲ ވިދާޅުވި ގޮތުގައި އެ ދާއިރާ ކުރިއެރުވޭނީ ސިޔާސީ މީހުން އަހުލުވެރިވެ ސަރުކާރުތަކުގެ ސިޔާސަތުގެ ތެރެއަށް މިހާރަށްވުރެ ބޮޑަށް ޓިވެޓު ވަދެގެން ކަމަށް ވާތީ އެވެ.

"އަޅުގަނޑު ވިސްނީ މި ގައުމުގައި އެންމެ ފުރަތަމަ ޓިވެޓް ދާއިރާއިން ޕީއެޗްޑީ ހަދާ ބޭފުޅަކީ އަޅުގަނޑު ކަމަށް ވެފައި، ގައުމަށް މުހިންމު ދާއިރާއެކޭ، އަދި މީހުން ވަރަށް ބޮޑަށް ހޭލުންތެރި ކުރަންވެސް ޖެހިފައި އޮތް ދާއިރާއެކޭ މި ދާއިރާއަކީ، އެހެންވީމަ ސިޔާސީ ގޮތުން މަސައްކަތް ކޮށްގެންނޭ ޕިލިސީ، ސިޔާސަތުގެ ތެރެއަށް މިކަން ވައްދައިގެން މެނުވީ ރަނގަޅެއް ނުކުރެވޭނޭ،" އަބްދުﷲ ވިދާޅުވި އެވެ.
"އެހެންވީމަ އެ މަސައްކަތް އެގޮތަށް ކުރުމަށްޓަކައި އަޅުގަނޑު ހިތު ނިޔަތް ގަނެގެން މި މަސައްކަތުގައި މިއުޅެނީ. އަޅުގަނޑު އުންމީދު ކުރަނީ ސިޔާސަތުގެ ތެރެއަށް މިކަން ވަދެއްޖިއްޔާ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން މި ގައުމުގައި ވައިގަ ހިފައިގެން ގޮސް، ރާއްޖެއަކީ ވަރަށް ވަރުގަދަ ގައުމަކަށް ވެގެންދާނެ ކަމަށް."
އޭނާ ވިދާޅުވި ގޮތުގައި އެންމެންގެ ތެރޭގައި އެކަން ފެތުރިގެން ދާނީ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ތައުލީމު ވަދެގެންނެވެ.
"ރަނގަޅު ގޮތުގައި ސިޔާސީ މީހުން، ސިޔާސީ ކަންތައްތަކުގެ ތެރެއަށް ޓިވެޓް ވައްދައިގެން މަސައްކަތް ކޮށްގެން ޓިވެޓް ސްކޫލުތަކުން ކުދިންނަށް ތައުލީމު ދެވި، އެއްވެސް ކުއްޖަކު ބާކީ ނުވެ، ނަތީޖާ ލިބެމުން، ގައުމުގައި މިތިބަ ބޭރު މީހުން މަދުވަމުން ދިވެހިންނަށް ފުރުސަތު ލިބެމުންދާ ތަން ފެނުން އުންމީދަކީ،" އަބްދުﷲ ވިދާޅުވި އެވެ.
ސްކޫލު މަރުހަލާގައި ވެސް ކުދިންނަށް ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ހުނަރުތަކާ އެކުގައި އެހެން މާއްދާތައްވެސް ކިޔެވިގެން ކުދިންގެ ގާބިލްކަމާއި އެކަށީގެންވާ ގޮތަކަށް އެކުއްޖަކަށް ފުރުސަތު ލިބިގެން ކިޔެވުމުގެ ކަންކަން ބައްޓަން ވާންޖެހޭ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ޓިވެޓް ޕީއެޗްޑީ ހޯލްޑަރަށްވެ، އަބްދުﷲ ގެ އުންމީދަކީ ރާއްޖެ ޓިވެޓަށް ހޭލުންތެރިވެ، ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި އެކަން ބޮޑަށް ހިމެނިގެން، ދަރިވަރުންގެ ހުނަރުތައް ފާހަގަ ކުރެވިގެން ކުރިއަށް ދެވޭނެ މަގެއް ފެނިގެން ދިއުމެވެ.
މި ލިއުމާއި ގުޅޭ