މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު އައްޑޫ ހިތަދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް އައްޑޫ ސިޓީ ކައުންސިލުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ހިތަދޫ މާކޯޅިގޭގައި އަލިފާން ރޯވީ، އެ ގޭގައި ދިރިއުޅޭ މީހުން ނިދާފައި ތިއްބައެވެ.
އަލިފާން ރޯވި އިރު އެ ގޭގައި ތިބީ ދެ އަންހެނުންނާއި އެ މީހުންގެ ފަސް ދަރިންނެވެ. އޭގެ ތެރެއިން އެއް ކޮޓަރީގައި ތިބި ކުދިން ސަލާމަތްވީ ހަނިގޮތަކަށެވެ.
އެ އަލިފާނުގެ ހާދިސާގައި ދެ ކޮޓަރީގައި ހުރި ގިނަ ފަރުނީޗަރާއި އަންނައުނު ފަދަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި އެގެ ވަނީ މަރާމާތަށް ފަހު ނޫނީ އަލުން ދިރިނޫޅޭވޭ ވަރަށް އަނދާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވި ގޭގައި ދިރިއުޅުނު މީހުން މިހާރު ތިބީ އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ހިފާފައި ހުރި ގެއެއްގައެވެ.