މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން 10،000 އަށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާއްމުކުރި އެ އިދާރާގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގެ ތެރޭގައި 10،617 ވެހިކަލެއްގައި ވަނީ ޕާކިން ވައިލޭޝަން ސްޓިކާ ޖަހާފަ އެވެ. އެއީ 5093 ސައިކަލާއި 3978 ކާރާއި 853 ޕިކަޕާއި 475 ވޭނާއި 107 ޖިޕުގެ އިތުރުން 111 ޓްރަކެވެ.
އެ މުއްދަތުގެ ތެރޭގައި ގަވައިދާ ހިލާފުވެގެން 614 ވެހިކަލެއް ޓޯ ވެސް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 543 ސައިކަލާއި، 40 ކާރާއި އަށް ޕިކަޕާއި، ހަތް ވޭނާއި، 13 ބައިސިކަލުގެ އިތުރަށް ތިން ބެޓެރީ ސައިކަލެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި 539 މަގުމަތީގެ އެކްސިޑެންޓް ހިނގައި، ތަހުގީގުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ އެކްސިޑެންޓުތަކުގައި 77 މީހަކަށް އަނިޔާވެފައި ވެ އެވެ.
މަގުމަތީ އެކްސިޑެންޓްތަކުގެ ތެރެއިން 516 އެކްސިޑެންޓަކީ މާލޭ ސަރަހައްދުގައި ހިނގައިފައިވާ އެކްސިޑެންޓުތަކެވެ.
ސްޓިކާ ޖަހައި ވެގިކަލް ޓޯކުރުމުގެ އިތުރުން، ލައިސެންސް ސަސްޕެންޑް ކޮށްފައިވަނިކޮށް ވެހިކަލް ދުއްވައިގެން 284 މީހަކު ހިފަހައްޓައިފައިވެ އެވެ. އަދި ލައިސެންސް ނެތި ވެހިކަލް ދުއްވައިގެން 824 މީހަކު ވަނީ ހިފަހައްޓާފަ އެވެ.
މިންގަނޑަށްވުރެ ބާރަށް ވެހިކަލް ދުއްވައިގެން 443 މީހަކު ހިފެހެއްޓި އިރު މޯބައިލް ފޯން ހިފައިގެން ވެހިކަލް ދުއްވި 243 މީހަކު ހިފަހައްޓާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޖޫރިމަނާކޮށްގެ ދައުލަތަށް އާމްދަނީ ހޯދުން ހުއްޓާލައްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސް އިބްރާހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ހޯދަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ.