ރިޔާޒް - ސޫދާނުގެ ވެރިރަށް ޚަރްތޫމްގައި ހުންނަ ގަތަރުގެ އެމްބަސީއަށް ވަދެ ގެއްލުންދިން މައްސަލަ ސައުދީ އަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
"ޑިޕްލޮމެޓިކް މިޝަންތަކާއި ، އެމްބަސީތަކަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ހަމަނުޖެހުންތަކާއި ހަރުކަށި ފިކުރުތައް ސައުދީން އެއްގޮތަކަށްވެސް ބަލައެއް ނުގަންނަން" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ވަނީ ދާދި ފަހުން ޖިއްދާގައި ބޭއްވި މަޝްވަރާތަކުގެ ނަތީޖާއާ އެއްގޮތްވާ ގޮތުގެ މަތިން ސޫދާނުގެ ހުރިހާ ފަރާތްތަކަކުން ވެސް ހަނގުރާމައަށް ބޯލެނބުމަށާއި ސޫދާންގެ މައްސަލައަށް އިންސާފުވެރި އަދި ފުރިހަމަ ހައްލެއް ގެނައުމަށް މަސައްކަތް ކުރާ ސިޔާސީ މަގުގައި ބައިވެރިވުމަށް ގޮވާލާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ގަތަރުގެ އެމްބަސީއަކީ އުރުދުން، ސައުދީ އަރަބިއްޔާ އަދި ތުރުކީގެ އެމްބަސީތަކަށް ދިން ހަމަލާތަކާ ގުޅިގެން އެންމެ ފަހުން ހަމަލާދިން ޑިޕްލޮމެޓިކް މިޝަނެވެ.
ހޮނިހިރު ދުވަހު މި ހަމަލާ ދީފައި މިވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ސަމިޓެއްގައި އަރަބި ލީޑަރުން ބައްދަލުކުރައްވައި ސޫދާނުގެ ހަމަނުޖެހުން ތައް ހުއްޓުވުމަށް ސޫދާނުގެ ހަމަނުޖެހުން ހިންގާ ޖެނެރަލުންގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލުން ވަނީ ގަތަރުގެ އެމްބަސީއަށް ދިން ހަމަލާއާއި، ވަކިން ހާއްސަކޮށް ޑިޕްލޮމެޓިކް މިޝަންތަކުގެ ހެޑްކުއާޓަރާއި އެތަންތަނުގެ އިމާރާތްތަކަށް އަމާޒުކޮށް ދިން ހުރިހާ ބާވަތެއްގެ ހަމަނުޖެހުންތަކާއި ގެއްލުން ތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ޖަސީމް އަލްބުދައިވީ ވަނީ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށާއި، އެންމެ ބޮޑަށް ކެތްތެރިވެ، ހަމަނުޖެހުންތަކުން ދުރުހެލިވުމަށާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ މައި މަރުކަޒާއި އެތަންތަނުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި ޑިޕްލޮމެޓިކް މިންގަނޑުތަކަށް އިހުތިރާމްކުރުމަށާއި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަން ތަކުރާރުކުރައްވާފައެވެ.
އަދި ޖިއްދާގެ މަޝްވަރާތަކުގައި ހުރިހާ ފަރާތްތަކަކުން ވެސް ސީރިއަސްކޮށް ބައިވެރިވެ، ސޫދާނާއި ރައްޔިތުންނަށް ސަލާމަތާއި ހަމަޖެހުމާއި ތަނަވަސްކަން ހޯދައިދޭ ފުރިހަމަ ސިޔާސީ ހައްލަކަށް ދިއުމަށް ގޮވާލެއްވި އެވެ.
އަރަބި ޕާލަމެންޓުން ނެރުނު ބަޔާނެއްގައި ވަނީ މި ހާދިސާ ކުށްވެރިކޮށް ޑިޕްލޮމެޓިކް މިޝަންތަކަށް ގެއްލުން ނުދީ ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ ކަމަށާއި ސޫދާނުގެ ހުރިހާ ޕާޓީތަކުން ވެސް ވަގުތުން އަދި ދާއިމީގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް އަމަލުކޮށް ސިޔާސީ މަޝްވަރާތަކަށް އެނބުރި ދިއުމަށް ގޮވާލާފައެވެ.