އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން އާސެނަލް 0-1 އިން ބަލިވެ، މެންޗެސްޓާ ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ އެވެ.
އާސެނަލް އާއި ސިޓީގެ ރޭހެއްގެ ގޮތުގައި އޮތް ލީގުގެ ޗެމްޕިއަންކަން ސިޓީ ހޯދީ ބާކީ ދެ މެޗު އޮއްވަ އެވެ. އެޓީމަށް 35 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު އާސެނަލަށް 37 މެޗުން ލިބިފައިވަނީ 81 ޕޮއިންޓެވެ. ބާކީ މެޗުން މޮޅުވެގެން ވެސް އާސެނަލަށް ސިޓީ އަތެއް ނުވާނެ އެވެ.
ސިޓީ އިން މި ހަފްތާ ތައްޔާރުވަމުން އައީ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކޮށްގެން ޗެމްޕިއަންކަން ކަށަވަރުކުރާށެވެ. އެކަމަކު އޭގެ ކުރިން އާސެނަލް މިރޭ ބަލިވުމުން ސިޓީ އަށް ޗެމްޕިއަންކަން ކަށަވަރުވީ އެވެ.
މިފަހަރުގެ ލީގަކީ އިނގިރޭސި ޕްރިމިއާ ލީގު ރީބްރޭންޑް ކުރި ފަހުން ސިޓީ އިން ހޯދި ހަތް ވަނަ ލީގެވެ. މީގެ ކުރިން ހޯދި ދެ ލީގު ތައްޓާ އެކު އިނގިރޭސި ލީގު ޗެމްޕިއަންކަން ސިޓީ އަށް ވަނީ ނުވަ ފަހަރު ލިބިފަ އެވެ.
ސިޓީ އިން ވަނީ އެންމެ ފަހުގެ ހަ ސީޒަން ތެރެއިން ފަސް ސީޒަނުގައި ޗެމްޕިއަންކަން ހޯދާފަ އެވެ. އެ ހުރިހާ ތައްޓެއް އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޕް ގާޑިއޯލާ އެވެ. ގާޑިއޯލާގެ ކުރިން ސިޓީ އިން ޗެމްޕިއަންކަން ހޯދީ 2012 އަދި 2014 ވަނަ އަހަރު އެވެ. އަނެއްކޮޅުން ސިޓީ ވެފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް ފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ކާމިޔާބުކުރި ދެ ވަނަ ޓީމަށެވެ. މިދިޔަ 31 އަހަރުތެރޭ އެ ރެކޯޑް ކުރިން އޮތީ ޔުނައިޓެޑް އަތުގަ އެވެ.
މެޗުގައި ނޮޓިންހަމްގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އޭގެފަހުން އާސެނަލް އިން ނޮޓިންހަމް ކޮޅަށް ގޯލު ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އާސެނަލް އަތުން ހޯދި މޮޅާ އެކު ނޮޓިންހަމް ވަނީ ޕްރިމިއާ ލީގުން ރެލިގޭޓް ނުވެ ސަލާމަތްވެފަ އެވެ.
މި ސީޒަނުގައި ގާތްގަނޑަކަށް ހަތް މަސް ވަންދެން އާސެނަލް ވަނީ އެއް ވަނައިގައި ހިފަހައްޓައިފަ އެވެ. ސިޓީ އިން އާސެނަލް ފަހަތުން އަރައި އަތުލީ ލީގުގައި ޖެހިޖެހިގެން ކުޅުނު 11 މެޗުން މޮޅުވެގެންނެވެ. ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ސިޓީ ކާމިޔާބުކުރި އެވެ.
ސީޒަން އާސެނަލް ނިންމާލީ ހުސްއަތާ އެވެ. އެކަމަކު މިކޭލް އާޓެޓާގެ ކޯޗުކަމުގައި އެޓީމުން މި ސީޒަނުގައި ދެއްކީ އުއްމީދީ ކުޅުމެކެވެ. ސިޓީ އިން ލީގު ކަށަވަރު ކުރިއިރު އެޓީމު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.