Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ޔުނައިޓެޑް މޮޅުވިއިރު ލިވަޕޫލްގެ އުއްމީދަށް ހުރަސް އެޅިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި ބޯންމައުތު އަތުން 1-0 އިން މޮޅުވިއިރު، ލިވަޕޫލް އަމިއްލަ ދަނޑުގައި 1-1 އިން އެސްޓަން ވިލާއާ އެއްވަރުވެ ގަދަ ހަތަރެއްގެ އުއްމީދު ގާތްގަނޑަކަށް ގެއްލިއްޖެ އެވެ.

ލީގު ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ އަށް ވާދަކުރަމުން އަންނަނީ ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ލިވަޕޫލް އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް އާއި ހަތަރު ވަނައިގައި އޮތް ޔުނައިޓެޑަށް 36 މެޗުން ވަނީ 69 ޕޮއިންޓް ލިބިފަ އެވެ. މިރޭގެ މެޗާ އެކު ލިވަޕޫލަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ނިއުކާސަލް އާއި ޔުނައިޓެޑަށް ލީގުގައި ބާކީ ދެ މެޗު އޮތްއިރު ލިވަޕޫލަށް އޮތީ އެއް މެޗެވެ.

ލިވަޕޫލަށް ގަދަ ހަތަރެއް ލިބޭނެ ހަމައެކަނި ގޮތަކީ ފަހު މެޗުތަކުން ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑް ބަލިވުމެވެ. ބާކީ ދެ މެޗުގައި އެއިން ކޮންމެ ޓީމަކުން ޕޮއިންޓެއް ހޯދިޔަސް ގަދަ ހަތަރެއް ކަށަވަރުވާނެ އެވެ. އެހެންވެ އަންނަ ސީޒަނުގައި ލިވަޕޫލް ފެނުމުގެ ފުރުސަތު ބޮޑީ ޔޫއެފާ ޔޫރޮޕާ ލީގުންނެވެ.

މިރޭ ޔުނައިޓެޑް މޮޅުވި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ. އެ ހާފުގައި ކްރިސްޓިއަން އެރިކްސެން ނަގައިދިން ބޯޅަ ކަސެމީރޯ ގޯލަށް ވައްދާލީ އެކްރޮބެޓިކްކޮށް ޖަހަ އެވެ. އޭގެފަހުން ވެސް ޔުނައިޓެޑުން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މެޗުގައި ދެޓީމުން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ވެސް ގޯލްކީޕަރުން މޮޅު ކުޅުމެއް ދެއްކި އެވެ.

ގޯލެއް ނުވަދެ ނިންމާލި މެޗާ އެކު މި ސީޒަނުގެ އެންމެ ގިނަ ކްލީންޝީޓް ހޯދި ކީޕަރުގެ ރެކޯޑް ޑޭވިޑް ޑެހެއާ އަށް ވަނީ ލިބިފަ އެވެ. ޑެހެއާ 17 މެޗުގައި ކްލީންޝީޓް ހޯދިއިރު އެންމެ ގާތުން ވާދަކުރާ ލިވަޕޫލްގެ އެލިސަން ބެކާ އަށް ކްލީންޝީޓް ލިބުނީ 14 މެޗުގަ އެވެ.

ލިވަޕޫލް އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާ އަށް ޕެނަލްޓީއެއް ލިބި ބޭކާރުވި އެވެ. އޮލީ ވޮޓްކިންސް ފޮނުވާލި ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރަށެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޭކޮބް ރަމްސީގެ ގޯލުން އެސްޓަން ވިލާ ކުރި ހޯދި އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލްގެ ކޯޑީ ގަކްޕޯ ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި އޮފްސައިޑް ކަމަށް ނިންމި އެވެ. ބަލިވާން ދަނިކޮށް ލިވަޕޫލް އެއްވަރު ކުރި ގޯލު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ. އެ މެޗަކީ ލިވަޕޫލްގެ ޖާޒީގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ފިރްމީނޯ ކުޅުނު ފަހު މެޗެވެ. މި ސީޒަން ނިމުމުން ލިވަޕޫލުން ފިރްމީނޯ ދޫކޮށްލާނެ އެވެ.

ލީގުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ހޮޓްސްޕާ ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބްރެންޓްފޯޑް އަތުން ބަލިވެފަ އެވެ. ފުލަމް އާއި ކްރިސްޓަލް ޕެލެސް ކުޅުނު މެޗާއި ވުލްވްސް އާއި އެވަޓަން ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ލިއުމާއި ގުޅޭ