Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

މުޅި އަހަރަށް ކަނޑައެޅި 2.3 ބިލިއަން ސަބްސިޑީ ބަޖެޓު ހަތަރުމަސް ތެރޭ ހުސްވުމާ ގާތަށް

ސަބްސިޑީގެ ހަރަދުތައް އިތުރުވެ މި އަހަރަށް ބަޖެޓްކުރި 2.3 ބިލިއަން ރުފިޔާ ހަތަރު މަސް ދުވަސް ފާއިތުވީއިރު އޭގެ ތެރެއިން ބޮޑުބައެއް ޚަރަދުކޮށްފި އެވެ.

މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ބަޖެޓުން ހަރަދުކޮށްފައިވާ ތަފްސީލް ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާއިރު ސަބްސިޑީއަށް ވަނީ 1.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 500 މިލިއަން ރުފިޔާ އިތުރު އަދަދެއް ނުވަތަ %45.3ގެ އިތުރުވުމެކެވެ. ފިނެންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މި އަހަރަށް ކަނޑައެޅި ބަޖެޓްގެ %70.2 ވަނީ މިހާރު ހަރަދުވެފައެވެ. އެހެން ކަމުން ސަބްސިޑީގެ ބަޖެޓަށް ކަނޑައެޅި ވަރަށް ވުރެ އިތުރަށް މި އަހަރު ވެސް ހަރަދުވާނޭކަން މިހާރު މި ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.

ސަބްސިޑީގެ ހަރަދުގެ ބޮޑު ބައެއް ހޭދަވަނީ ކަރަންޓް އަގު ހެޔޮކުރަން ދޭ ތެލުގެ ސަބްސިޑީއަށެވެ. ތެލުގެ ސަބްސިޑީ ކުޑަކުރަން، ހަމައެކަނި ބޭނުންވާ ގޭބިސީތަކަށް ކަރަންޓް ސަބްސިޑީ ދިނުމަށް ބަދަލުތައް ގެންނަން ބަޖެޓްގައި އޮތީ ހިމަނައިފަ އެވެ. ނަމަވެސް އެ ބަދަލު ނުގެންނަން ސަރުކާރުން އޮތީ މިހާރު ނިންމައިފަ އެވެ.

ފިނޭންސުން ލަފާކުރާ ގޮތުގައި އެ ބަދަލު ނުގެނެވޭ ނަމަ، މި އަހަރު ވެސް ތެލަށް ކުރާ ސަބްސިޑީގެ ހަރަދުތައް 2 ބިލިއަން ރުފިޔާއާ ކައިރި ކުރާނެއެވެ. އަދި މިދިޔަ އަހަރު ތެލުގެ ސަބްސިޑީއަށް 341.5 މިލިއަން ބަޖެޓް ކުރި ނަމަވެސް، އަހަރު ނިމުނު އިރު 1.7 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ސަބްސިޑީތަކަށް ކުރަން ޖެހުނު ހަރަދު މިދިޔަ އަހަރު ވެސް ބޮޑުވެ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނެވެ. އެއީ މިދިޔަ އަހަރަށް މަޖިލީހަށް އެންމެ ފުރަތަމަ ފާސްކޮށްދިން ބަޖެޓްގެ %15.7 އާ އެއްވަރުގެ އަދަދެކެވެ.
މި ލިއުމާއި ގުޅޭ