މި މަހު މިފްކޯއިން އަލަށް ގެނައި މަސްކިރާ ބޯޓު ޖަޒީރާ 103 އިން މަސްކިރަން ފެށިތާ ތިން ގަޑިއިރުނުވަނީސް ބޯޓު ހަލާކުވެ މަސްކިރުމުގެ މަސައްކަތް މެދުކެނޑިއްޖެއެވެ.
ޖަޒީރާ 103 ބޯޓުން މަސްކިރަން ފެށުމަށް ބޮޑު ރަސްމިއްޔާތެއް ހުވަދު އަތޮޅުގައި ބޭއްވީ މިމަހުގެ 18 ވަނަ ދުވަހުގައެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތު ބޭއްވީ ގދ.ފަރެސްމާތޮޑާގައެވެ.
ބޯޓުން މަސްކިރަން ފެށިތާ ކުޑަ ހިނދުކޮޅެއް ތެރޭގައި ބޯޓުގައި ހުރި މައްސަލަތަކުގެ ސަބަބުން މަސްކިރުން މެދުކަނޑައިލަންޖެހުނުކަމަށް މިފްކޯގެ މުވައްޒަފެއް ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި މިހާރު ބޯޓު އޮތީ މަރާމާތުކުރުމަށް ކޫއްޑޫއަށް ގެންގޮސްފައެވެ.
ހުވަދު އަތޮޅުގެ މަސް ދޯންޏެއްގެ ކެޔޮޅު "ދިޔަރެސް"އާ ވާހަކަދައްކަމުން ބުނީ ބޯޓަށް މަސްކިރަން ކިއު ނަންބަރު ހުރީ ދޫކޮށްފައި ކަމަށެވެ. ނަމަވެސް މަސް ބާނައިގެން މަސްކިރަން ބެލިއިރު ބޯޓަށް މައްސަލަތަކެއް ކުރިމަތިވެ ބޯޓު ކޫއްޑޫއަށް ގެންގޮސްފައިވާކަމަށާއި، މަސްކޮޅު ރައްކާނުވުމުގެ ސަބަބުން ގިނަ މަސްވެރިން ތިބީ ނުތަނަސްކަމާއި މާޔޫސްކަމުގެ ހާލަތެއްގައި ކަމަށްވެސް އޭނާ ބުންޏެވެ.
މިފްކޯގެ މުވައްޒަފު އިތުރަށް ބުނީ ޖަޒީރާ 103އިން މަސްކިރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ ވިދާޅުވެފައިވަނީ މި ބޯޓަށް 120 ޓަނުގެ މަސްކިރޭނެ ކަމަށް ކަމުގައެވެ. ނަމަވެސް މިއަދު ކިރުނީ އެންމެ 60 ޓަނު މަސްކަން އޭނާ ފާހަގަކުރިއެވެ.
އޭނާ އިތުރަށް ބުނީ 60 ޓަނު މަސްކިރުނުތަނާ ބޯޓުގެ ފިނިކުރާ ނިޒާމުގައި ހުރި ހޮޅިތައް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެ ބޯޓުގައި 120 ޓަނުގެ މަސް ރައްކާކުރެވޭނެކަމާމެދު ވަރަށް ބޮޑަށް ޝައްކުވާކަމަށްވެސް އޭނާ ބުންޏެވެ.
"ދިޔަރެސް"އާ ވާހަކަދެއްކި ހުވަދޫ މަސްވެރިން ފާހަގަކުރި ގޮތުގައި އެބޯޓަކީ ދޯނިފަހަރު ކައިރިކޮށް މަސްކިރޭ ޒާތަށް ފަރުމާކޮށްފައި އޮތް ބޯޓެއް ނޫނެވެ. އެ ބޯޓުގެ ދެފަރާތުން އަރިމައްޗަށް ބޭރަށް ނެރެފައި ހުރި ބައެއްގެ ސަބަބުން ދޯނިތައް ކަރިކުރުމުން އެ ދޯނިތަކަށް ބޮޑެތި ގެއްލުނުވާނެކަމަށް މަސްވެރިން ބުނެއެވެ.
މިފްކޯގެ މުވައްޒަފު ކިޔައިދިން ގޮތުގައި ސަރުކާރުގެ އިސްވެރިން މި ބޯޓަކީ ވަރަށް މޮޅު ބޯޓެއްކަމަށް ވިދާޅުވިޔަސް، ބޯޓު އޮތީ ވަރަށް ނިކަމެތި ހާލަތުގައެވެ. އެ ބޯޓުގެ އެތެރެ ހުރީ ދަބަރުހިލި ހޮޅި ލައިނު އެކީހެން ބަދަލުކުރަންޖެހޭ ހާލަތުގައިކަމަށް އޭނާ ބުންޏެވެ.
މި ބޯޓުން މަސްކިރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިފަދަ ބޯޓުތައް ގެނައުމާއެކު، މި ސަރުކާރުންވަނީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްފައެވެ.