މިވެރިކަމުގައި މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑު ބަދަލުތަކެއް ގެނެވިއްޖެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އޭނާއަށް ރައްދުދީފިއެވެ.
މަސްކިރުމަށް މިފްކޯއިން އަލަށް ގެނައި ބޯޓުގެ ޚިދުމަތް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އަމީރު ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމަށް އިންޤިލާބީ ބަދަލެއްގެނެސް މަސްކިރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އިތުރަށް އަމީރު ވިދާޅުވީ މިފްކޯގެ މަސްކިރުމުގެ ޤާބިލުކަން މި ފަސް އަހަރުގައި އިތުރުވެފައިވަނީ ފާއިތުވި ސަރުކާރުތަކުގައި މަސްކިރާ މިންވަރު އިތުރުވެފައިވާ މިންވަރާ ނުބައްދަލު މިންވަރަކަށް ކަމަށެވެ.
އަމީރުގެ ވާހަކަފުޅުތަކާ ގުޅިގެން މަސްވެރިންގެ ޔޫނިއަނުން ކުރި ޓުވީޓެއްގައިވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެ ޖަމްއިއްޔާއިންވަނީ ސަރުކާރުން ފާއިތުވި ފަސް އަހަރު ގެނައީ ކޮން އިންޤިލާބީ ބަދަލެއްތޯ ސުވާލުކޮށްފައެވެ.
އިތުރަށް އެ ޔޫނިއަނުން ބުނީ މިހާރު ފެންނަ ގޮތުން މަސްވެރިން އުޅެނީ ކުރިއަށްވުރެ މާ ހާލުގައި ކަމަށެވެ. ޚާއްޞަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމަށް އެއްވެސް ކުރިއެރުމެއް ލިބުނު ތަން ފެންނަން ނެތް ކަމަށެވެ.
އެ ޔޫނިއަނުން ބުނި ގޮތުގައި މަސްވެރިންނަށް ފެންނަނީ އެމީހުންނަށް ސަރުކާރުން އަޅައިނުލައި ހާލަތު ދަށަށް ދާތަން ކަމަށެވެ.