Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ވެސްޓް ހޭމް 47 އަހަރަށް ފަހު ޔޫރަޕްގެ ފައިނަލަކަށް

ޔޫރަޕްގެ ފައިނަލެއްގައި ވާދަނުކުރާތާ 47 އަހަރު ފަހުން އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑް މި ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ވެސްޓް ހޭމް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ ލެގްގެ މެޗުގައި ނެދަލެންޑްސްގެ އޭޒެޑް އަލްކްމާ 1-0 އިން ބަލިކޮށްގެންނެވެ. މި ދެޓީމު ވެސްޓް ހޭމް ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 1-2 އިންނެވެ. މޮޅާ އެކު ފައިނަލުގެ ޖާގައެއް ކަށަވަރުވީ 1-3 ގެ އެގްރިގޭޓުންނެވެ.

މީގެ ކުރިން ވެސްޓް ހޭމް ޔޫރަޕްގެ ފައިނަލެއްގައި ވާދަކުރީ 1976 ވަނަ އަހަރު އެވެ. އެ އަހަރު ޔޫރަޕިއަން ކަޕް ވިނާސް ކަޕްގައި ބެލްޖިއަމްގެ އެންޑަލެކްޓާ ވާދަކޮށް ވެސްޓް ހޭމް ވަނީ 2-4 އިން ބަލިވެފަ އެވެ.

ވެސްޓް ހޭމް އަށް މޭޖަ ޓްރޮފީ އެއް އެންމެ ފަހުން ލިބުނީ 1965 ވަނަ އަހަރު އެވެ. އެ ފަހަރު އެޓީމުން ޔޫރަޕިއަން ކަޕް ވިނާސް ކަޕް ކާމިޔާބުކުރި އެވެ.

ރޭގެ މެޗުގައި ވެސްޓް ހޭމްގެ ހަމައެކަނި ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޕަބްލޯ ފޮނާލްސް އެވެ.

ވެސްޓް ހޭމްއާ ދެކޮޅަށް ކޮންފަރެންސް ލީގު ފައިނަލުގައި ނުކުންނާނީ އިޓަލީގެ ފިއޮރެންޓީނާ އެވެ. އެޓީމު ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ ރަށުން ބޭރުގައި ސްވިޒަލެންޑުގެ އެފްސީ ބަސެލް 3-1 އިން ބަލިކޮށްގެންނެވެ.

ފިއޮރެންޓީނާ ދަނޑުގައި ކުޅުނު ފުރަތަމަ ސެމީގައި އެޓީމު ވަނީ ބަސެލް އަތުން 1-2 އިން ބަލިވެފަ އެވެ. ރޭ ދެ ވަނަ ލެގްގެ ފުރިހަމަ ވަގުތު ހަމަވިއިރު ފިއޮރެންޓީނާ އޮތީ 2-1 އިން ލީޑު ނަގައިފަ އެވެ. އެޓީމު މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު މިނެޓުގަ އެވެ. އެގްރިގޭޓުން ފިއޮރެންޓީނާ ކުރި ހޯދީ 4-3 އިންނެވެ.

ޔޫއެފާ ކޮންފަރެންސް ލީގުގެ ފުރަތަމަ މުބާރާތް މިދިޔަ ސީޒަނުގައި ކާމިޔާބުކުރީ އިޓަލީގެ ރޯމާ އެވެ.

ފިއޮރެންޓީނާ އާއި ވެސްޓް ހޭމް ވާދަކުރާ ކޮންފަރެންސް ލީގު ފައިނަލް އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ. މެޗު ކުޅޭނީ ޗެކް ރިޕަބްލިކްގެ ފޯޗޫނާ އެރީނާ ސްޓޭޑިއަމްގަ އެވެ.

މި ލިއުމާއި ގުޅޭ