ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާގެ މަޤާމާ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަޙްމަދު ޝަރީފު ހަވާލުވެވަޑައިގެންނެވި ފަހުން އެ ކުންފުނީގެ ބޯޑުމެންބަރުންނާއި އިސްވެރިން ކުރައްވާ ދަތުރުފުޅުތަކަށް ކުރާ ޚަރަދު އިންތިހާއަށް އިތުރުވެއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާގެ މަޤާމާ ޝަރީފު ހަވާލުވެވަޑައިގަތީ ފާއިތުވި 2022 ވަނަ އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހުގައެވެ. އެހެންކަމުން ނިމުނު އަހަރުގެ ދެ މަސް ފިޔަވައި ބާކީހުރި މަސްތަކުގައި ސްޓެލްކޯ ހިންގެވީ ޝަރީފެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިންވަނީ، 17 ނޮވެންބަރު 2018 އިން ފެށިގެން 25 އޭޕުރީލާ ހަމައަށް ސްޓެލްކޯގެ އިސްވެރިންނާއި ކުންފުނީގެ ބޯޑު މެންބަރުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކަށް ކުރެވުނު ޚަރަދާއި ދަތުރުތަކުގެ ބައިވެރިންނާއި ދަތުރުން ހާސިލުވި ކަންކަން ހޯދުމަށް އެދިފައެވެ. ވަކިވަކިން ކޮންމެ ދަތުރަކަށް ޚަރަދުވި ފައިސާގެ ތަފުސީލު ހާމަކުރުމަށްވެސް "ދިޔަރެސް"އިން އެދުނެވެ.
ނަމަވެސް ވަކިވަކި ދަތުރުތަކަށް ހިނގި ޚަރަދު ހާމަކުރުމުގެ ބަދަލުގައި ސްޓެލްކޯއިން ހާމަކޮށްފައިވަނީ އެކި އަހަރުތަކުގައި ޖުމްލަ ދަތުރުތަކަށް ހިނގާފައިވާ ޚަރަދެވެ. އަދި ކުންފުނީގެ އިސްވެރިންނާއި ބޯޑު މެންބަރުންގެ ދަތުރުތަކުގެ ބައިވެރިންނާއި ދަތުރުތަކުން ހާސިލުކުރެވުނު ކަންކަން އެ ކުންފުނިންވަނީ ސިއްރުކޮށްފައެވެ.
ހާމަކުރި ހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސްޓެލްކޯގެ އިސްވެރިންގެ ދަތުރުތަކަށް އެންމެ ބޮޑު ޚަރަދެއް ހިނގީ އެމްޑީގެ މަޤާމާ ޝަރީފު ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. އެގޮތުން ފާއިތުވި 2022 ވަނަ އަހަރުގައި ސްޓެލްކޯގެ ވެރިންގެ ދަތުރުތަކަށް 5.1 މިލއިަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
2018 ވަނަ އަހަރަކީ ރިޔާސީ އިންތިޚާބެއް އޮތް އަހަރެއްކަމަށްވާއިރު އާންމުކޮށް ރިޔާސީ އިންތިޚާބު އޮންނަ އަހަރުތަކަކީ މިފަދަ ޚަރަދުތައް އިތުރުވާ އަހަރުތަކެއްކަމަށްވީ ނަމަވެސް އެ އަހަރަށްވުރެ 3 ގުނަ އިތުރަށް ޝަރީފުގެ އެމްޑީކަމުގެ ފުރަތަމަ އަހަރުގައި ދަތުރުތަކަށް ޚަރަދުކޮށްފައިވެއެވެ
ޝަރީފު މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރީ އަހަރާ އަޅާބަލާއިރު އަހަރުން އަހަރަށް ސްޓެލްކޯގެ ވެރިން ބޭރަށް ކުރެއްވި ދަތުރުތަކަށް ހިނގި ޚަރަދުވަނީ ޝަރީފުގެ އެމްޑީކަމުގެ ފުރަތަމަ އަހަރުގައި 4 ގުނަ އިތުރުވެފައެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ 4 މަހުގައި ދަތުރުކުރުމަށް އެ ކުންފުނިންވަނީ 627،727.93 ރުފިޔާ ޚަރަދުކޮށްފައެވެ. އެހެންކަމުން މި އަހަރުވެސް ރެކޯޑުމިންވަރަކަށް އެ ކުންފުނީގެ ވެރިންގެ ދަތުރުތަަކަށް ފައިސާ ޚަރަދުކުރާނެކަމަށް ބެލެވެއެވެ.
ޝަރީފު ސްޓެލްކޯ ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް ކުންފުނީގެ ވެރިން ބުނެއެވެ. އަދި އެއްވެސް ބެލުމެއް ނެތި ކުންފުންޏަށް ގިނަ އަދަދެއްގެ ބަޔަކު ސިޔާސީ މަޤުޞަދުތަކަށްޓަކައި ވަޒީފާއަށް ނަގަމުންދާއިރު، ކުންފުނީގެ ތެރޭގައި ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ހިނގާކަމަށްވެސް ކުންފުނީގެ ވެރިން ތުހުމަތުކުރައްވައެވެ.