ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ކަމަށް އަހްމަދު ޝަރީފް އައްޔަންކުރި ފަހުން އެ ކުންފުންޏަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަން ހާމަވެއްޖެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ހަސަން މުޣުނީ ވަކިކޮށް، އެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހްމަދު ޝަރީފް އައްޔަންކުރީ މާޗު 1، 2022 ގަ އެވެ.
އޭގެ ފަހުން އެ ކުންފުންޏަށް ނަގާފައިވާ މުވައްޒަފުންގެ ތަފްސީލު ހޯދަން "ދިޔަރެސް" އިން އެދުމުން ސްޓެލްކޯއިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި، ޝަރީފް މަގާމަށް އައްޔަންކުރި ތާރީހުން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް، 396 މީހުންނަށް އަލަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސައިދީފައިވެ އެވެ.
ޝަރީފް މަގާމަށް އައްޔަންކުރި ތާރީހުން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އެއީ 395 ދުވަހެވެ. އެހެންކަމުން ކޮންމެ ދުވަހަކަށް ސްޓެލްކޯއިން އާ މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ބުނެވިދާނެ އެވެ.
އެ ކުންފުނިން ވަޒީފާ ހަމަޖައްސައިދީފައިވާ 396 މީހުންގެ ތެރެއިން 242 މީހުން ވަޒީފާއަށް ނަގާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ބާކީ 154 މީހުންނަށް ސްޓެލްކޯއިން ވަޒީފާ ދީފައިވަނީ މި އަހަރު ފެށިގެން ފާއިތުވި ހަތަރު މަހުގެ ތެރޭގަ އެވެ.
ސްޓެލްކޯއަށް މީހުން ނަގާފައިވާ މަގާމުތައް:
- ކޮންސަލްޓެންޓް: 3
- ވަކިވި މުވައްޒަފުންގެ ބަދަލުގައި: 45
- އަލަށް ނެގި މުވައްޒަފުން: 348
އިންތިހާބުތަކާ ދިމާކޮށް ސްޓެލްކޯއިން މީހުންނަށް ވަޒީފާ ދޭކަމުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެ އެވެ. އެގޮތުން މިއަހަރު ކުރީކޮޅު އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ސްޓެލްކޯއިން އެ ދާއިރާގެ މީހުންނަށް 80 އަށްވުރެ ގިނަ ވަޒީފާ ދިންކަން ވެސް ވަނީ ހާމަވެފަ އެވެ.
އޭގެ އިތުރުން މި ފަހަކަށް އައިސް އިންތިހާބުތަކުގައި އެމްޑީޕީގެ ކެމްޕެއިނަށް ސްޓެލްކޯގެ ލޯންޗުތައް ފަދަ ވަސީލަތް ބޭނުންކުރާ މައްސަލަ ވެސް ފެންމަތިވެފައިވެ އެވެ. މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ސްޓެލްކޯ މިހާބޮޑަށް ސިޔާސީ ކޮށްފައިނުވެ އެވެ.
އެކަމާ ގުޅިގެން ސްޓެލްކޯގެ މާލީ ހާލަތު ދަށަށް ދާން ފަށާފައިވާއިރު، އެކަން ފޫބެއްދުމަށް ދޭތެރެ ދޭތެރެއިން ގޭބީސީތަކުގެ ކަރަންޓު ބިލުތައް ތިން ހަތަރު ގުނަ ބޮޑު ކުރާކަން ފާހަގަކުރެވެ އެވެ.