Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

މިދާ ރޭޓުން ދައުރު ނިމޭއިރު ފަޅަށް ހުރި ހުރިހާ ރަށްތަކެއް ރައްޓެހިންނަށް ބަހާ ހުސްކޮށްލާނެ!

މިދާ ރޭޓުން, މިވެރިކަމުގެ ދައުރު ނިމޭއިރު ފަޅަށް ހުރި ހުރިހާ ރަށްތަކެއް ރައްޓެހިންނަށް ބަހާ ހުސްކޮށްލާނެ ކަމަށް ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ބިޑަކާ ނުލައި އިގްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އުސޫލެއް ބަޔާންކޮށް ގަވާއިދެއް އެކުލަވާލައި އެއަށް އަމަލު ކުރަން އިކޮނޮމިކް މިނިސްޓްރީ އިން ފަށި މައްސަލަ އަށް އިޝާރާތް ކުރައްވައި ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓުގައި އުޝާމް ވިދާޅުވީ އެމްޑީޕީއިން ވެރިކަމަށް އައީ މިފަދަ ކަންކަން ނުކުރާނެކަމަށް ރައްޔިތުންނަށް ވައުދުވެގެން ކަމަށެވެ. ބިޑަކާ ނުލައި އިގްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އުސޫލެއް އެކުލަވާ ލުމަކީ ލާމަރުކަޒީ ގާނޫނުގެ މަގްސަދާވެސް ޚިލާފު ކަމެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ "އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ގައިވާ ގޮތުން ފަޅު ރަށެއްގައި އިގްތިސާދީ މަސައްކަތެއް ކުރުމަށް އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ގަވާއިދަށް އަމަލު ކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އިންޑަސްޓްރިއަލް ރަށްތަކުގެ ދަފުތަރެއް އެކުލަވާލައި ގެޒެޓުކުރަން ވެސް ޖެހެ އެވެ. އަދި އޭގައި ރަށް ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތާއި ކުރާ މަސައްކަތް ވެސް ހިމަނަން ޖެހެ އެވެ.

އެފަދަ މަސައްކަތްތަކަށް ކަނޑައަޅާ ފަޅުރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ރަށެއް ނަމަ އެ ފަޅު ރަށް އިހްތިސާސުން ވަކިކުރަންވާނެ ކަމަށް ގަވާއިދުގައިވާއިރު، އިންޑަސްޓްރިއަލް ބޭނުމަށް ރައީސް ކަނޑައަޅާ ރަށްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ:

  • - ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކުރުމުން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.
  • - ބިޑަކާ ނުލައި ދެވޭ ސަރުކާރުގެ "އަންސޮލިސިޓަޑް ޕްރޮޕޯސަލް ޕޮލިސީ"ގެ ދަށުން އެ ރަށެއްގައި ކުރަން ބޭނުންވާ ކަމަކާ ބެހޭ ގޮތުން ތަފްސީލީ ޕްރޮޕޯސަލެއް ހުށަހެޅުމުން، އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.

އެގަވާއިދުގައި ބުނާގޮތުން ބިޑަކާ ނުލައި ދޫކުރާ ރަށްރަށުގައި، ކުރަން އުޅޭ މަސައްކަތާއި ސިނާއަތަށް ބެލުމަށްފަހު އެކަށީގެންވާ އިކިއުޒިޝަން ފީއެއް ސަރުކާރަށް ނެގިދާނެ އެވެ. އަދި ރަށުގެ ކުލި ކަނޑައަޅަން ޖެހޭނީ އަކަފޫޓަކަށް އަހަރަކަށް 10 ލާރިއަށް ވުރެ ދަށް ނުވާނެ ގޮތަކަށެވެ.

މީގެ އިތުރުން އެ ގަވާއިދު ބުނާ ގޮތުން ސަރުކާރުން އެކި މަޝްރޫއު ހިންގާ ރަށްރަށާއި ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްތަކާއި ސަރުކާރު ކުންފުނިތަކުގެ އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރުން އެކި މަސައްކަތް ހިންގާ ރަށްރަށް އެފަދަ މަސައްކަތްތަކަށް ކުއްޔަށް ދޫކުރުމުން އިސްތިސްނާ ވާނެ އެވެ. އަދި މި ގަވާއިދު، ޓޫރިޒަމްއަށް ދޫކުރާ ރަށްރަށާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކުރާ ރަށްރަށް އަދި ވަރުވާއަށް ލިޔެދޭ ރަށްތަކުގެ މައްޗަށް ނުހިނގާނެ އެވެ.

އިގްތިސާދީ ބޭނުމަށް 21 އަހަރުގެ މުއްދަތަކަށް ރަށެއް ދެވިދާނެ ކަމަށް މިގަވާއިދު ބުނާއިރު، މުއްދަތު ހަމަވާން ކައިރިވުމުން އިތުރު ކުރަން އެދިއްޖެ ނަމަ 50 އަހަރަށް ވުރެ ދިގުނުވާނެ މުއްދަތަކަށް އިތުރު ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ. އަދި އެގޮތަށް ދޫކުރާ ރަށެއްގައި ކުރާ އިންވެސްޓްމެންޓް ވިއްކާލާ ނަމަ ނުވަތަ ދެވަނަ ފަރާތަަކަށް ކުއްޔަށް ދޭ ނަމަ ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

އަލަށް އަމަލުކުރަން ފެށި މިގަވާއިދު ބުނާގޮތުން އިގްތިސާދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ އެއްބަސްވުން މުއްދަތު ހަމަވުމުގެ ކުރިން ބާތިލު ކުރެވޭނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށްފަހު އެވެ. ނަމަވެސް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އެ އެއްބަސްވުމެއްގައި ކަނޑައަޅާ ގޮތަކަށް އެއްބަސްވުން ބާތިލު ކުރެވިދާނެ އެވެ. އަދި އިގްތިސާދީ ބޭނުމަށް ރަށެއް ދޫކޮށްފައި އޮއްވާ ރާއްޖޭގެ ދިފާއަށް އެ ރަށެއް ބޭނުންވާ ނަމަ ނޯޓިސްއެއް ދިނުމަކާ ނުލައި ރަށް އަތުލެވިދާނެ ކަމަށް ވެސް މި ގަވާއިދު ބުނެއެވެ.
މި ލިއުމާއި ގުޅޭ