އެމްޑަބްލިއުއެސްސީއަށް ބޭނުންވާ އެޕްލިކޭޝަނެއް އުފައްދައިދިން ކުންފުންޏަކަށް ދޭންޖެހޭ ފައިސާ ނުދީ ކަޓު ހޯދުމަށް އެމްޑަބްލިއުއެސްސީގެ މެނޭޖަރުން ޑިމާންޑުކުރާ މައްސަލަ އެ ކުންފުނިން މީސްމީޑިއާގައި ހާމަކޮށްފިއެވެ.
ޕާޓިކަލް ނަމަކަށް ކިޔާ ކުންފުނން ކުރި ޓުވީޓުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ޓެގުކޮށް ބުނެފައިވަނީ އެ ކުންފުންޏަށް ބޭނުންވާ ޓްރާނސްޕޯޓު މެނޭޖުމެންޓު ސޮފްޓުވެއާއެއް ޕާޓިކަލްސްއިން އެމްޑަބްލިއުއެސްސީއަށް ހަދައިދީފައިވާ ކަމަށެވެ.
ނަމަވެސް އެ ސޮފްޓުވެއާ ހަދައިދިނުމުގެ އަގު ހޯދުމަށް އެމްޑަބްލިއުއެސްސީގައި އާދޭސްކުރަންޖެހިފައިވުމަކީ ހިތާމަހުރި ކަމެއްކަމަށްވެސް ޕާޓިކްލްސްގެ ޓުވީޓުގައި ބުނެފައިވެއެވެ.
އަދި އިތުރަށް އެ ފައިސާ ހޯދުމަށް އެމްޑަބްލިއުއެސްސީގެ އައިޓީ މެނޭޖަރުންނަށް ފައިސާތަކެއް ކަޓުގެ ގޮތުގައި ނުދެވޭނެކަމށްވެސް ޕާޓިކަލްސްއިން ބުންޏެވެ.
ޕާޓިކްލސްގެ މި ޓުވީޓާ ގުޅިގެން ޝާހުވަނީ އެކަން ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް ވަރަށް އަވަހަށް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ކުންފުނިތަކަށް އެކި މަސައްކަތްކޮށްދީ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާ ނުދިނުމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ފެނަކަ ކުންފުނިން އެކަނި 1.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ވިޔަފާރިތަކަށް ފޯރުކޮށްދޭންޖެހި ނުދީ އެބަހުއްޓެވެ.