ރައްޔިތުން ސަރުކާރެއް އިންތިޚާބުކުރާ މައިގަނޑު މަޤުޞަދުތަކުގެ ތެރެއިން އެއް މަޤުޞަދަކީ ޤައުމުގެ އިޤުތިޞާދު މެނޭޖުކުރުމެވެ. އުފެއްދުންތެރި، ވިލުންތެރި، ތަނަވަސް އިޤުތިޞާދެއް ބިނާކުރުމެވެ. އަދި ރައްޔިތުންނަށް އިޤުތިޞާދީ ގޮތުން ދަތިކަމާއި އުދަގޫ ތަހައްމަލުކުރަންނުޖެހޭ ގޮތަށް އިޤުތިޞާދު ތަރުތީބުކޮށް ހިންގުމެވެ.
ސަރުކާރެއްގެ އިޤުތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ސީދާ ގޮތުން ކުރާ އަސަރު ފެންނަ ދެތިންކަމެއް އިޤުތިޞާދީ މާހިރުން ފާހަގަކުރައްވައެވެ. އެއްކަމަކީ އިންފުލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގުތައް އުފުލުމެވެ. ދެވަނަ ކަމަކީ ވަޒީފާއެއް ނެތި މަސައްކަތެއް ނުލިބި ތިބޭ މީހުންގެ ނިސްބަތް އިތުރުވުމެވެ. މިދެކަމީވެސް ސީދާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އަސަރުކުރާ ކަންކަމެވެ.
އިންފުލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގަކީ ޤަދީމީ މަފުހޫމެކެވެ. ތާރީޚުގެ އެކި ހިސާބުތަކުގައި އެކި ޙަޟާރާތްތައްވަނީ އިންފުލޭޝަން ތަޖުރިބާކޮށްފައެވެ. ޒަމާނުއްސުރެ އިންފުލޭޝަނުގެ މަފުހޫމު އޮތް ނަމަވެސް އަދި ކުރީގެ އިޤުތިޞާދީ މާހިރުން އިންފުލޭޝަނާމެދު ބަހުސްކުރެއްވި ނަމަވެސް، މި މަފުހޫމު އޭގެ ޒަމާނީ މާނައިގައި ބިނާކުރެއްވީ އާވިން ފިޝާ އޭނާގެ "ކުއަންޓިޓީ ތިއަރީ އޮފް މަނީ"ގެ ތެރެއިންނެވެ. ފަހުން އެ ތިއަރީ އިތުރަށް ފުރިހަމަކުރެއްވީ މިލްޓަން ފްރީޑްމަންއެވެ.
އިންފުލޭޝަނަކީ ދެމިގެންދާ ޒަމާނެއްގެ ތެރޭގައި މުދަލާއި ޚިދުމަތުގެ އާންމު އަގު އުފުލެމުންދިއުންކަމަށް މާނަކުރެވިދާނެއެވެ. އިންފުލޭޝަން ހުރި މިންވަރު ދެނެގަތުމަށް ކޮންޒިއުމާ ޕްރައިސް އިންޑެކްސް އަދި ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް ފަދަ މުއައްޝަރުތައް ބޭނުންކުރެވެއެވެ. އިންފުލޭޝަނުގެ އެކި ބާވަތްތައް ނުވަތަ ސިފަތައް ހުރެއެވެ. އޭގެ ތެރޭގައި ޑިމާންޑު ބޮޑުވުމުން އިތުރުވާ އިންފުލޭޝަނާއި، ޚަރަދު ބޮޑުވުމުން އިތުރުވާ އިންފުލޭޝަނާއި، އުޖޫރައާ ގުޅިގެން އަންނަ އިންފުލޭޝަން ހިމެނެއެވެ.
ކުރިން އިޝާރާތްކުރި ކުއަންޓިޓީ ތިއަރީ އޮފް މަނީގައި ބުނަނީ އިޤުތިޞާދެއްގައި ފައިސާހުރި މިންވަރު އިތުރުވުމާއި އިންފުލޭޝަން މައްޗަށް ދިއުމާ ސީދާ ގުޅުމެއް އޮންނަ ކަމަށެވެ. އިޤުތިޞާދީ އުފެއްދުންތެރިކަމާ ނުބައްދަލު މިންވަރަކަށް އިޤުތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވާނަމަ އެ އިޤުތިޞާދެއް އިންފުލޭޝަން ތަހައްމަލުކުރަންޖެހޭނެކަމަށް އެ ތިއަރީގައި ބުނެފައިވެއެވެ. އެއީ ފައިސާ އިތުރުވުމުގެ ސަބަބުން ޑިމާންޑު އިތުރުވުމުގެ ސަބަބުންނެވެ.
ކެންސަސް ސިޓީގެ ފެޑެރަލް ރިޒާވް ބޭންކުން ޝާއިއުކޮށްފައިވާ "މަނިޓަރީ ޕޮލިސީ އެންޑް އެސެޓް ޕްރައިސް ވޮލެޓިލިޓީ" ކަރުދާހުގައި ފާހަގަކުރި ގޮތުގައި ފައިސާ ޗާޕުކޮށް އިޤުތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވުމަކީ އެކަމުގެ ސަބަބުން ފައިސާގެ އަގު ދަށްވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކާއި ފަރުދުންގެ ޕާޗޭސިން ޕަވާ (މުދަލާއި ޚިދުމަތް ހޯދުމުގެ ބާރު) އެތައް ގުނައެއް ކުޑަވެ އިޤުތިޞާދީ އިތުބާރާއި ޔަގީންކަން ނެތިގެންދެއެވެ.
ތާރީޚީ މިސާލުތަކަށް ބަލާއިރު 2000ގެ ފަހުކޮޅުގައި ޒިމްބާބުވޭ ސަރުކާރުން ސަރުކާރުގެ ޚަރަދުތައް ހަމަޖައްސައި ބަޖެޓުގެ އަންދާޒާކުރި އާމްދަނީއާއި ޚަރަދުގެ ފަރަގު ފޫބެއްދުމަށް ފައިސާ ޗާޕުކުރިއެވެ. ނަތީޖާއަކީ ރޮކޮޓު ދުވެލީގައި އުފުލުނު އިންފުލޭޝަނެވެ. މުދަލާއި ޚިދުމަތުގެ އަގު އެތައް ގުނައެއް ބޮޑުވީއެވެ.
އޭގެ ފަހުގެ އަނެއް މިސާލަކީ ތުރުކީއެވެ. ހުއްޓުމެއް ނެތި ތުރުކީން ލީރާ ޗާޕުކުރުމުގެ ނަތީޖާއަކަށްވީ އެ ޤައުމުގެ ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުތަނުން އުފުލި ރައްޔިތުންގެ އާމްދަނީގެ އަގު ދަށްވުމެވެ.
ފައިސާ ޗާޕުކުރުމުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވާ ނުވަތަ ބޭރުން މުދާ އެތެރެކުރުމަށް ބަރޯސާވާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުން އަމިއްލައަށް އުފައްދާ މުދަލަށް ބަރޯސާވާ އެކްސްޕޯޓަށް އިޤުތިޞާދުގައި ބޮޑު ދައުރެއް އޮންނަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށްވުރެ ބޮޑުކަމަށް ސްޓަޑީސް އިން ދި ކުއަންޓިޓީ ތިއަރީ އޮފް މަނީ ނަމުގައި ޔުނިވާސިޓީ އޮފް ޗިކާގޯ ޕްރެސްއިން ޝާއިއުކުރި ކަރުދާހެއްގައި ޕީ. ކަގާން ލިޔުއްވާފައިވެއެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި މާހިރުން ފާހަގަކުރައްވަނީ އެތެރެކުރާ މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުމެވެ. އެގޮތުން ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ކުރިން ބޭރުން މުދާ ގަތުމަށް ބޭރު ފައިސާ ގަންނަން ދާޚިލީ ފައިސާ ބޭނުންވާ މިންވަރަށްވުރެ އިތުރަށް ދާޚިލީ ފައިސާ ބޭނުންވާނެއެވެ. ނަތީޖާއެއްގެ ގޮތުން ބޭރުން ގެންނަ މުދާ އެތެރެކުރުމަށްފަހު ވިއްކާ އަގު ބޮޑުވާނެއެވެ. ފަހުގެ މިސާލަކަށް ބަލާއިރު އިނގިރޭސި މަރުކަޒީ ބޭންކު، ބޭންކު އޮފް އިންގުލޭންޑުން ފާހަގަކުރި ގޮތުން ބްރެގްޒިޓަށްފަހު އެ ޤައުމުގެ ދާޚިލީ ފައިސާކަމަށްވާ ޕައުންޑުގެ އަގު ވަރަށް ބޮޑަށް ވެއްޓުމާއެކު، ބޭރުން އެތެރެކުރާ މުދަލުގެ އަގު އުފުލުނެވެ.
ބޭރުން އެތެރެކުރާ މުދަލުގެ އުފުލުމުގެ ސަބަބުން އަނެއްކާވެސް އިތުރު އިންފުލޭޝަނެއް އިޤުތިޞާދަށް އެތެރެވެއެވެ. އެއީ އިޤުތިޞާދުގައި ހިނގާ ދާޚިލީ މަސައްކަތްތަކުގެ އަގު އުފުލުމެވެ. ދަނޑުވެރިކަމާއި މަސްވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތް ފަދަ ސިނާއަތްތަކުގައި ބޭނުންކުރާ ސާމާނުތަކުގެ އަގު އުފުލުމުގެ ސަބަބުން މިފަދަ ދާޚިލީ ސިނާއަތްތަކުގެ އުފެންދުންތަކުގެ އަގުވެސް އުފުލޭނެކަމަށް އިސްވެ ހަވާލާދެވުނު ދިރާސީ ކަރުދާހުގައި ފާހަގަކުރެއެވެ.
މިދެންނެވި ގޮތަށް ތަކެތީގެ އަގު އުފުލުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ބޮޑަށް މުސާރަތައް ނުވަތަ އުޖޫރަތައް ބޮޑުކުރުމުގެ ޑިމާންޑު އުފެދި އުޖޫރަތައް ބޮޑުކުރުމާއެކު ވިޔަފާރިތަކުން ކުރަންޖެހޭ ހޭދަ އިތުރުވެ އަނެއްކާވެސް އިޤުތިޞާދުގައި އިންފުލޭޝަނަރީ ޕްރެޝަރު ނުވަތަ އިންފުލޭޝަން މަތިވުމުގެ ފިއްތުން އުފެދުމުގެ އިހުތިމާލު އޮވެއެވެ.
ފާއިތުވި 4 އަހަރުގެ ތެރޭގައި ރުފިޔާގެ އަގު ދަށަށް ދިއުމަށް ދެ ސަބަބެއް މެދުވެރިވިއެވެ. ފުރަތަމަ ސަބަބަކީ ކޮވިޑްގެ އިޤުތިޞާދީ ތަދުމަޑުކަމެވެ. ދެވަނަ ސަބަބަކީ ފައިސާ ޗާޕުކުރުމާއި، އިޤުތިޞާދު ކުރިއަރައި ހިންދެމިލެވުމުންވެސް ފައިސާ ޗާޕުކުރުން ހުއްޓައިނުލުމެވެ.
ކޮވިޑުގައި ރާއްޖޭގެ އިޤުތިޞާދަށް އައި ލޮޅުމާއެކު ބޭރު ފައިސާއިން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވިއެވެ. އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު މީރާއަށް ޑޮލަރުން އާމްދަނީގެ ގޮތުގައި 653.67 މިލިއަން ޑޮލަރު ލިބުނުއިރު 2020 ވަނަ އަހަރުގައި އެ އަދަދުވަނީ 297.10 މިލިއަން ޑޮލަރަށް މަދުވެފައެވެ.
ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ މަދުވުމުގެ މާނައަކީ ޖުމްލަކޮށް މުޅި އިޤުތިޞާދުގައި ޑޮލަރު ދައުރުކުރާ މިންވަރު މަދުވުމެވެ. އޭގެ ނަތީޖާއަކަށްވާނީ ޑޮލަރުގެ އަގު އުފުލުމެވެ. މިފަދައިން ޑޮލަރުގެ އަގު އުފުލުމަކީ ޑޮލަރު ބޭނުންވާ މިންވަރާއި ޑޮލަރު ލިބެން ހުރި މިންވަރުގެ ފަރަގު ބޮޑުވުމުން އަގު އުފުލުމެވެ.
ހަމައެހެންމެ އިޤުތިޞާދުގައި ދިވެހި ފައިސާ ހުރި މިންވަރާ އަޅާބަލާއިރު ޑޮލަރު ހުރި މިންވަރު އިތުރުވުމަކީވެސް ޑޮލަރުގެ އަގު އުފުލި ދިވެހި ފައިސާގެ އަގު ދަށްވާން މެދުވެރިވާނެ ސަބަބެކެވެ.
ކޮވިޑުގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީ ދަށްވެ، އިޤުތިޞާދުގައި ޑޮލަރު ދައުރުކުރާ މިންވަރު ދަށްވި ނަމަވެސް ޖެހިގެން އައި ދެ އަހަރުވެސް ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ އަދި ޑޮލަރު އިޤުތިޞާދުގައި ދައުރުކުރާ މިންވަރުވެސް އިތުރުވިއެވެ.
އެގޮތުން 2021 ވަނަ އަހަރު ޑޮލަރުން ލިބުނު އާމްދަނީވަނީ 2020 ވަނަ އަހަރާ އަޅާބަލާއިރު 110.8 އިންސައްތަ އިތުރުވެ، 297.10 މިލިއަން ޑޮލަރުން 626.24 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީރާއިން 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފައިނުވި ނަމަވެސް އެ އިދާރާއިން އާންމުކޮށްފައިވާ އެ އަހަރުގެ ކުއާޓާލީ ރިޕޯޓުތަކަށް ބަލާއިރު 2022ގެ 4 ކުއާޓާގައި ޑޮލަރުން އާމްދަނީގެ ގޮތުގައި 891 މިލިއަން ރުފިޔާ ލިބުނެވެ.
މި ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީގެ ނިސްބަތްވަނީ 2019 ވަނަ އަހަރު ޑޮލަރުގެ ގޮތުގައި ލިބުނު މިންވަރަށްވުރެ އިތުރުވެފައެވެ. އެހެންކަމުން ޑޮލަރު އިޤުތިޞާދުގައި ހުރި މިންވަރުވެސް އިތުރުވާނެކަމަށް ބަލަންޖެހެއެވެ.
އެހެންކަމުން އުފެދޭ ސުވާލަކީ ކޮވިޑުގެ ތެރޭގައި ޑޮލަރުގެ އާމްދަނީ ދަށަށް ގޮސް ދިވެހި ފައިސާގެ އަގު ދަށްވުމަށްފަހު، ޑޮލަރުގެ އަގު ދަށްނުވެ ދިވެހި ފައިސާގެ އަގު މައްޗަށް ނުއުފުލި އެއް މިންގަނޑެއްގައި ހުއްޓިފައި ހުރީ ކީއްވެތޯއެވެ؟ ސުވާލުގެ ޖަވާބު ގުޅެނީ ކޮވިޑުގެ ތެރޭގައި ސަރުކާރުން އަޅައި ނަގަހައްޓަމުންދާ ފިޔަވަޅަކާއެވެ.
2020 ވަނަ އަހަރު ތެރޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ދިވެހި ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވަނިކޮށް، އެ އަހަރު ސަރުކާރުން އެދުނު ގޮތަށް ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ޕަބްލިކް އެކައުންޓު އޮވާޑުރާފުޓުކޮށް ފައިސާ ނެގުމާ ގުޅޭ މާއްދާތަކަށް އަމަލުކުރުން ހުުއްޓައިލިއެވެ. ސަރުކާރުން އެދޭ މިންވަރަކަށް ފައިސާ ޗާޕުކުރުމުގެ ހުއްދަ ދިނެވެ.
އެއަށްފަހު އެ ފައިސާ އަނބުރާ މީރާއަށް ދެއްކުމުގެ މުއްދަތު ޖެހުމުން ފައިސާ ދެއްކުން ފަސްކޮށްދީ އެއިރު ޗާޕުކުރި ފައިސާ ބޮންޑަކަށް ބަދަލުކުރީއެވެ. އެއާއެކު 2021، އަދި 2022 ގައާއި ހިނގަމުންދާ 2022 ގައި ފައިސާ ޗާޕުކުރުމުގެ ހުއްދަ ތަކުރާރުކޮށް މަޖިލީހުން ސަރުކާރަށް ދިނެވެ.
ނަތީޖާއަކަށްވީ 2015 ވަނަ އަހަރުން ފެށިގެން އެއްވެސް މިންވަރަކަށް ފައިސާ ޗާޕުނުކޮށް ހުރުމަށްފަހު އެ އަދަދު 2020 ވަނަ އަހަރުން ފެށިގެން ފާއިތުވި 3 އަހަރު ކޮންމެ މަހަކުވެސް އެތައް ބިލިއަން ރުފިޔާއެއް ޗާޕުކުރުމެވެ. ފާއިތުވި މޭ މަހުގައިވެސް 1.69 ބިލިއަން ރުފިޔާ ޗާޕުކުރިއެވެ. އޭޕުރީލް މަހުގައި 1.72 ބިލިއަން ރުފިޔާ ޗާޕުކުރިއެވެ.
މިހާ ގިނައިން ފައިސާ ޗާޕުކޮށް އިޤުތިޞާދަށް ނެރުމުގެ ނަތީޖާއަކީ ދިވެހި ފައިސާގެ އަގު މަތިނުވުމެވެ. ޑޮލަރުގެ އަގު މަތިވެފައި ހުރުމެވެ. ނަތީޖާއަކީ ތަކެތީގެ އަގު ބޮޑުވުމެވެ. ދުނިޔޭގެ ބާޒާރުގައި 2020 ވަނަ އަހަރު ފުރައިޓުކުރާ އަގުތައް ބޮޑުވުމަށްފަހު މިހާރު ދަށްވަމުން ދިޔަ ނަމަވެސް އަދި ސަޕްލައި ޗެއިންތަކަށް ކުރިމަތިވި ގޮންޖެހުންތަކާއެކު 2021 އަދި 2022 ގެ ކުރީ ކޮޅުގައި ތަކެތީގެ އަގު އުފުލުމަށްފަހު ތިރިވަމުން ދިޔަ ނަމަވެސް ރާއްޖޭގައި ތަކެތީގެ އަގު ތިރިވަމުން ނައުމެވެ.
މިއަދު އިޤުތިޞާދަށް ކުރިމަތިވެފައި މިއޮތް ހާލަތަކީ ކުރިން ތަސައްވުރުނުކުރެވި އޮތް ޚިޔާލަށް ނުގެނެވި އޮތް ހާލަތެއް ނޫނެވެ. ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ފޮނުވި ސިޓީއެއްގައި ފާހަގަކުރި އެއް ނުކުތާއަކީ އެމްއެމްއޭއިން ތަކެތީގެ އަގު ސްޓޭބަލައިޒްކޮށް އެއް މިންވަރެއްގައި ހިފަހެއްޓުމަށް މަސައްކަތްކުރި ނަމަވެސް އެކްސްޗޭންޖު ރޭޓު އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް ފައިސާ ޗާޕުކުރުމުން ދަތިވާ ކަމެވެ.
"އެހެންނަމަވެސް، ސަރުކާރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމުގެ ގޮތުން އެކި ފަހަރު މަތިން ޕީބީއޭ އޯވާ ޑްރޯކޮށް ފައިސާ ވާޕު ކުރަމުން ދިއުމަކީ ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ އެކްސެސް ލިކުއިޑިޓީ އިތުރުވެ، އެކްސްޗޭންޖް ރޭޓަށް އިތުރު ޕްރެޝަރު ބޮޑުވަމުންދާ ކަމެއް ކަމުގައި ފާހަގަކުރަމެވެ،" ފައިސާގެ އަގު ވަކި މިންގަނޑެއްގައި ހިފަހެއްޓުމަށް އެމްއެމްއޭއިން އަޅާ ފިޔަވަޅުތައް ބަޔާންކުރުމާއެކު އެ އިދާރާއިން ބުނެފައިވެއެވެ.
ފައިސާ ޗާޕުކުރުމުން ބޭރު ފައިސާގެ އަގު ބޮޑުވެ އިންފުލޭޝަން ހަންމަތަނުވާނެތީ އިންޒާރު ދިނީ އެމްއެމްއޭއިން އެކަންޏެއް ނޫނެވެ. 2022 ގެ ޑިސެންބަރުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ފައިސާ ޗާޕުކުރުން ހުއްޓައިލަން އަންގާފައިވެއެވެ. ފައިސާ ޗާޕުކުރާނަމަ ބޭރު ފައިސާގެ އަގު ދަށްނުވާނެކަމަށްވެސް އައިއެމްއެފުން ބުންޏެވެ.
އެހެންކަމުން ކޮވިޑުގެ ތެރޭގައި ޑޮލަރުގެ އަގު އުފުލުނު ގޮތަށް ޑޮލަރުގެ އަގު މަތިވެފައި ހުރުމުގެ ސަބަބުންނާއި ބޭނުންވާ މިންވަރަށް ރަސްމީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ބޭރު ފައިސާ ނުލިބުމުގެ ސަަބަބުން މުދަލުގެ އަގު ތިރިނުވެ މައްޗަށް އަރަނީ ހަމައެކަނި ކޮވިޑުގެ ސަބަބުން ނުވަތަ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުންކަމަށް ބުނުމަކީ އޮޅުވައިލުމެކެވެ.
މާލީ އިދާރާތަކުގެ އިންޒާރާއި ނަސޭހަތަށް ރިއާޔަތްނުކޮށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ނިކުންނަ އެންމެ ބޮޑު ނަތީޖާއަކީ އިންފުލޭޝަން އިތުރުވުމެވެ. މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވުމެވެ. އޭގެ ނަތީޖާއަކީ މީހުންނަށް ލިބޭ އާމްދަނީގެ ޕާޗޭސިން ޕަވާ ނުވަތަ މުދަލާއި ޚިދުމަތް ގަތުމުގެ ބާރު އިހުނަށްވުރެ ކުޑަވުމެވެ.
މި ހާލަތު މިހެން މެދުވެރިވެފައިވަނިކޮށް ސަރުކާރުގެ އެކި ސެކްޓާތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަކީ އުޖޫރައާ ގުޅިގެން އަންނަ އިންފުލޭޝަން އިތުރުވާނެ ކަމެކެވެ. ޕްރައިވެޓު ސެކްޓާގައި އުޅޭ ގިނަ ބައެއްގެ އާމްދަނީއަށް ރަނގަޅު ބަދަލެއް ނައިސް އެ މީހުންގެ ދިރިއުޅުމުގެ ބުރަތައް އިތުރުވާނެ ކަމެކެވެ.
ދުރަށް ވިސްނުމަކީ މިހުރިހާ ޙަޤީޤަތްތަކަށް ބަލައި ޤައުމުގެ އިޤުތިޞާދު އިސްތިޤުރާރުކޮށް (ސްޓޭބަލައިޒްކޮށް)، އިންފުލޭޝަން ތިރިކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިސްކަން ދިނުމެވެ. ނަމަވެސް އިންތިޚާބުތައް ކާމިޔާބުކުރުމުގެ ވިސްނުމުން އެކަނި ސަރުކާރެއް ވިސްނާނަމަ އެއީ ކުރަން ބޭނުންވާނެ އަދި ކުރާނެ ކަމެއްވެސް ނޫނެވެ.