އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުން އެ ޕާޓީން ވަކިވިޔަސް، އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެއްބުރުން ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރުމާއެކު، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ އިތުރު 12 މަޖިލިސް މެންބަރަކު އިއްޔެ ވަނީ އެމްޑީޕީން އަމިއްލައަށް އިސްތިއުފާ ދީފަ އެވެ.
އެއާއެކު "ފިކުރެއްގެ ދިރުން" ގޮފި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނިންމިކަން އެ ގޮފީގެ މެންބަރުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރި ނަމަވެސް ކެންޑިޑޭޓަކު އަދި އިއުލާން ނުކުރެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ މެންބަރުންތަކެއް ޕާޓީން ވަކިވާނެ ކަމަށް ބެލެވުނު ނަމަވެސް، ވަކިވާ އަދަދަށްވުރެ އިތުރަށް މެންބަރުން ޕާޓީއާ ގުޅޭނެ ކަމަށެވެ.
މެންބަރުން ވަކިވުމުން، އެހެން ޕާޓީތަކާ ވާދަކޮށް އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމުގެ ފުރުސަތު ހަނިވިޔަސް، އެ ފުރުސަތު އަދިވެސް ބޮޑީ އެމްޑީޕީއަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ފުރުސަތު ފަހަރެއްގައި ހަނިވެދާނެ އެހެންނަމަވެސް ފުރުސަތު އޮތީ އަޅުގަނޑުމެންނަށް. އެއްބުރުން ނިންމުމުގެ ފުރުސަތު އޮތީ އަޅުގަނޑުމެންނަށް،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަލްކިއުލޭޓް މި ކުރަނީ ރިޔާސީ އިންތިހާބު، ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ އެއްބުރުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން. އަޅުގަނޑުމެންނަށް އެ ކޮންފިޑެންސް ބޮޑުކޮށް އެބަ އޮތް."
ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކިވާ މެންބަރުންގެ ނަންބަރުތަކުގެ ކަލްކިއުލޭޝަން ހަދައި ބެލުމުން، އެ ނަންބަރުތަކާ ނުލައިވެސް އިންތިހާބު ކާމިޔާބުވާނެކަން ޔަގީނެވެ. "އަދި ޕާޓީން ރަސްމީކޮށް ވަކިގެންދާވަރަށް އަޅުގަނޑުމެންނަށް އެއަށްވުރެ އިތުރަށްވެސް މެންބަރުން ވެއްދޭނެ ކަމުގެ ޝައްކެއްވެސް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މެންބަރުން ވަކިވުމާއެކު އިންތިހާބު ކާމިޔާބު ކުރުމުގައި ޗެލެންޖުތައް އެބަހުއްޓެވެ. އެކަމަކު "އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ އެމްޑީޕީއަށް ކަމަށް،" އޭނާ ތަކުރާރުކުރެއްވި އެވެ.
"ޗެލެންޖެސް ހުންނައިރުގައި، އަޅުގަނޑުމެންނަށް ފެންނަ ހިސާބުތަކުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެއްބުރުން މިކަން ނިންމުމުގެ ފުރުސަތު ބޮޑުކޮށް އަޅުގަނޑުމެންނަށް އެބަ އޮތޭ، އަޅުގަނޑުމެން ކުރަންޖެހޭ މަަސައްކަތް ކުރާނަން،"
ފިކުރެއްގެ ދިރުމުން އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާއިރު، ފައްޔާޒު ވަނީ ވަކި ޕާޓީއެއް ހައްދަވާނަމަ ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. ނޫންނަމަ އަލުން އެމްޑީޕީއާ އެކު މަސައްކަތް ކޮށް، ޕާޓީގެ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް އެރުމަށް ފައްޔާޒު، ނަޝީދުގެ އަރިހުން އެދިވަޑައިގެންނެވި އެވެ.