ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާއާއި އެހެނިހެން ކަންކަން ހަމަޖައްސަމުންދާ ދިއުމުގެ ތަފުސީލު ހާމަކުރެއްވުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދެކޮޅުހައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކުވަނީ އެކި ގޮތްގަތަށް ބަދަލުގެ ގޮތުގައި ފައިސާއާއި ރަށްތައް ދެމުން އަންނަ ކަމުގެ ޚަބަރުތައް ފެންމަތިވަމުންދާ ކަމަށެވެ.
މިފަދައިން ނޫސްވެރިން ސުވާލުކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ބަފައިބެގެ ކުންފުންޏަކަށް ބަދަލުގެ ގޮތުގައި ފަޅުރަށެއް ދިނުމަށް ނިންމާފައިވާކަން ފާއިތުވި ހަފުތާގައި "ދިޔަރެސް"އިން ހާމަކުރުމާ ގުޅިގެން އެކަމަށް އިޝާރާތްކޮށް ކަމުގައި ބެލެވެއެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން މިއުވާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަޝްރޫޢުތައް ހުއްޓުވުމާއި އެނޫންވެސް ސަބަބުތަކާ ގުޅިގެން ބަދަލު ހޯދުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވައިލުމުން، އެކަމަށް އެދި ބައެއް ފަރާތްތަކުން ހުށަހަޅާފަ އެބަހުރި ކަމަށެވެ.
އަދި އެ ފަރާތްތަކަށް ބަދަލުދިނުމާމެދު ގޮތެއް ނިންމުމުގެ މަސައްކަތްކުރަނީ އެކަމަށް އެކަށައަޅާފައިވާ ކޮމިޓީން ކަމަށާއި، އެ ކޮމިޓީން މިހާރުވެސް އެ މަސައްކަތްކުރަމުން އަންނަކަމަށް މިއުވާނު ވިދާޅުވިއެވެ.
"އެހެންނަމަވެސް ކުރިއަށްދެވޭ މައްސަލަތަކާއެއްކޮށް، އެ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ބެހޭ ފަރާތްތަކުން [ބަލާނެ]، އެ މަސައްކަތް ކޮމިޓީތަކުން ކުރާނެ،" މިއުވާން ވިދާޅުވިއެވެ.
އިތުރަށް މިއުވާނު ވިދާޅުވީ އެ މައްސަލައިގެ ތަފުސީލު ދޭނީ އެކަމަށް އެކުލަވައިލި ކޮމިޓީން ކަމަށެވެ. އެކަމުގެ ތަފުސީލު އޭނާގެ އަތްޕުޅުގައި ނެތްކަމަށްވެސް މިއުވާނު ވިދާޅުވިއެވެ.
ފައްޔާޒުގެ ބަފައިބެއަށް ބަދަލު ލިބުނުތޯއާއި ދިނީ ކިހިނެއްތޯވެސް ސުވާލުކުރުމުން އެ ސުވާލުގެ ޖަވާބުގައި މިއުވާނު ވިދާޅުވީ ވަކި ބޭފުޅަކަށް ބަދަލެއް ލިބުނުކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަކި ބޭފުޅަކަށްވެގެން ބަދަލުނުދޭނެ ކަމަށެވެ.
އަދި ބަދަލު ދިނުމުގެ މުއާމަލާތްތައް ހިނގާ ގޮތް ހާމަނުކުރައްވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މިއުވާނު ވިދާޅުވީ އެކަމުގެ އިޖުރާއާތު ހިނގަނީ ކިހިނެއްކަންވެސް ޖެހޭނީ ބައްލަވަން ކަމަށެވެ.
މިއުވާނު މިފަދައިން ވިދާޅުވެފައިވާއިރު މިއަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް 101 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ. އެ ފައިސާ ދޫކުރި ފަރާތްތައް ހޯދުމަށް އޮންލައިން ނޫހަކުން އެދުމުން އެ މައުލޫމާތު ދިނުމަށް ސަރުކާރުންވަނީ އިންކާރުކޮށްފައެވެ.