Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ވަހީދު (އިބުރޭ)

އިބުރޭގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ މައްސަލަތަކާމެދު ސުވާލުކުރުމުން ޖަވާބެއް ނުދެއްވި!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ)ގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ ދެ މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ އެ ސުވާލަށް ޖަވާބުނުދެއްވިއެވެ.

"ދިޔަރެސް" އަށް ލިބިފައިވާ އިބުރޭގެ ކުށުގެ ރެކޯޑުތަކުން ދައްކާގޮތުން މިނިސްޓަރު އިބުރޭ ވަނީ 1998 ވަނަ އަހަރު މ.ނީލޯފަރުގޭ އިސްމާއިލް ހަލީމްގެ ކޮމްޕިއުޓަރެއް ވަގަށް ނަގާފައެވެ. އެ ކޮމްޕިއުޓަރު ފެނިފައިވަނީ އިބުރޭގެ ކޮޓަރިތެރެއިންނެވެ. އެ މައްސަލާގައި އޭނާ 1 އަހަރު ދުވަހަށް އަރުވާލަން ހުކުމް ކުރެވުނެވެ. އެހެން ނަމަވެސް 5 މަސް ދުވަހަށް ފަހު މާފު ލިބި އެ ހުކުމް މިނިވަންވިއެވެ.
އިބުރޭ މިނިވަންވީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. އޭގެ އަހަރަކާއި ދުވަސްކޮޅެއް ފަހުން އިބުރޭ އަނެއްކާވެސް ވައްކަންކުރިއެވެ. މިގޮތުން ޖަރުމަނުގެ ރައްޔިތެއްކަމަށްވާ ސޯފީ މުލެންސްގެ ލެޕްޓޮޕް ވަަގަށް ނެގި މައްސަލަ ޝަރީއަތަށް ސާބިތުވިއެވެ. އެ މައްސަލާގައި 27 ސެޕްޓެމްބަރު 2001 ގައި އޭނާ 4 އަހަރާއި 2 މަސް ދުވަހަށް އަރުވާލަން ހުކުމް ކުރެވުނެވެ.

މިއަދު އެމްޑީޕީގެ މައި އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިބުރޭގެ މައްޗަށް ލެޕްޓޮޕެއް އަދި ކޮމްޕިއުޓަރެއް ވަގަށް ނަންގަވައިގެން ކުށް ސާބިތުވެފައިވާތީއާއި މިހާރު އޭނާ މިނިސްޓަރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަންކުރައްވާފައިވާއިރު، އެފަދަ ކުށެއް ސާބިތުވެފައި އޮތުމުން އެކަމުގައި ކޮންމެވެސް މިންވަރެއްގެ ތަފުސީލެއް ރައްޔިތުން ބޭނުންވާނެކަން ފާހަގަކޮށް، އެކަމުގައި އިބުރޭ ވިދާޅުވަނީ ކީކޭތޯ "ދިޔަރެސް"އިން ސުވާލުކުރިއެވެ.

އެ ސުވާލުކުރުމުން އިބުރޭ އެ ސުވާލަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ. އަދި އެ ސުވާލަަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުވެސް އެއްވެސް މިންވަރަކަށް އަޅައިނުލައްވައެވެ.

އިބުރޭއަކީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް އެއިރު ދެމުންއައި މަދަނައާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއެވެ. އެއިރު މަދަނައިގެ ކަންކަން ހިންގާފައިވާ ގޮތާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން ތައްޔާރުކުރި ރިޕޯޓުތަކުގައި މަދަނައިގެ ޚިދުމަތްތައް ދިނުމުގައި ބޮޑެތި ގޯސްތަކާއި ކޮރަޕްޝަން ހިންގާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ