Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ކުންފުނީގެ ބޯޑު މެމްބަރުންނާއި އިސްވެރިންގެ ދަތުރުތަކުގެ ތަފްސީލު ނުދެވޭނެ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގެ ބޯޑު މެމްބަރުންނާއި ކުންފުނީގެ އިސްވެރިން ރަސްމީ ހައިސިއްޔަތުންކޮށްފައިވާ ދަތުރުތަކުގެ ތަފްސީލު ނުދެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން "ދިޔަރެސް" އިން ވަނީ ސްޓެލްކޯގެ ބޯޑު މެމްބަރުން އަދި އެހެނިހެން އިސްވެރިން 17 ނޮވެމްބަރު 2018 އިން ފެށިގެން 25 އޭޕްރިލް 2023 ނިޔަލަށް ރާއްޖެއިން ބޭރަށް ކުރެއްވި އެންމެހާ ދަތުރުތަކުގެ ތަފްސީލު ހޯދުމަށް އެދިފައެވެ. މިގޮތުން ދަތުރުތަކުގެ ބައިވެރިން، އަދި ކޮންމެ ދަތުރަކަށް ވަކިވަކިން ކުރެވުނު ހަރަދާއި ދަތުރުތަކުން ހާސިލު ކުރެވުނު ކަންކަން ހޯދަން އެދިފައިވާނެއެވެ.

ސްޓެލްކޯއިން ލިޔުމުން ދިން ޖަވާބުގައި ބުނެފައިވާގޮތުގައި އެ ދަތުރުތަކާއި ދަތުރުތަކުން ހާސިލުކުރެވުނު ކަންކަމުގެ މައުލޫމާތަކީ ކުންފުނީގެ ވިޔަފާރި ފުޅާކޮށް، އިތުރުކޮށް، އަދި ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމަށާއި ކުންފުންޏާއި އެކު ވިޔަފާރިކުރާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އިތުބާރު ޤާއިމް ކުރުމުގެ ގޮތުން ކުރެވިފައިވާ ދަތުރުތަކެއް ކަމުގައިވާތީ، ކުންފުނީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މައުލޫމާތާއި، ތިންވަނަ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކުގެ މައުލޫމާތު ދިނުމަކީ ވާދަވެރި ވިޔަފާރީގެ ހަރަކާތް ހިންގާ ފަރާތްތަކަށް ނުހައްގު ފައިދާއާއި ކުންފުނީގެ ވިޔަފާރީގެ ސިއްރު އަދި ތިންވަނަ ފަރާތުގެ ޒާތީ މައުލޫމާތު ހާމަވެގެންދާނެ ކަމެއްކަމުގައިވާތީ އެފަދަ މައުލޫމާތު ދިނުމަށް އިއުތިރާޒު ކުރާކަމަށެވެ.

ސްޓެލްކޯއަކީ މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތްދޭ ހަމައެކަނި ކުންފުންޏަށްވާއިރު އެ ކުންފުނީގެ އިސްވެރިން ކުރާ ދަތުރުތަކުގެ ތަފްސީލު އާންމުންނަށް އެނގުމުން އެކަމުގެ ނާޖާއިޒު ފައިދާއެއް އެހެން ފަރާތަކަށް ލިބޭނެ ގޮތެއް ސްޓެލްކޯއިން ބުނެފައިނުވެއެވެ.

ދަތުރުތަކުގެ ތަފްސީލު ހާމަކުރަން ސްޓެލްކޯއިން ދެކޮޅު ހަދާފައިވާއިރު، އެ ކުންފުނީގެ އިސްވެރިން އަބަދު ބޭރުގެ އެކި ޤައުމުތަކަށް ކުންފުނީގެ ފައިސާއިން ދަތުރުކުރާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މި ލިއުމާއި ގުޅޭ