އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ޕާޓިއެއް ހައްދަވާނަމަ، އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިޔާބުގައި ވާދަކުރެއްވުމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެދިވަޑައިގެންފި އެވެ.
އާ ސިޔާސީ ޕާޓީ ހަދަނީ ވެރިކަން ހޯދައި، ބާރު ހޯދަން ކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ އެމަނިކުފާނު އިންތިހާބުގައި ވާދަކުރައްވަން އެދިވަޑައިގެންފަ އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ވަކި ޕާޓީއެއް ހައްދަވައި އިންތިހާބުގައި ވާދަކުރެއްވުމަކީ އެމްޑީޕީން އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމެއް ނޫނެވެ. ނަޝީދު ވާދަކުރެއްވިޔަސް އިންތިހާބު ކާމިޔާބު ވާނީ އެމްޑީޕީއަށް ކަމަށާއި އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީވެސް އެ ޕާޓީއަށް ކަމަށް ވިދާޅުވި އެވެ.
އެކަމަކު ރައީސް ނަޝީދު އެމްޑީޕީގައި ހުންނަވާ ނަމަ، އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތަށް އެރުއްވުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ރައީސަކަށް ހުންނަވައި، ނަޝީދު، އެ ޕާޓީގެ މަޖިލިސް މެންބަރުން ޕާޓީން ވަކިވުމަށް ހިތްވަރުދިން މައްސަލައިގައި ފިޔަވަޅު އެޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ވެސް ފައްޔާޒު މިއަދު ވިދާޅުވި އެވެ.